ޚަބަރު ރައްޔިތުންގެ މަޖިލިސް

ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރާ ބިލު ބަލައިގަނެ ކޮމިޓީއަށް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
Majilis
މަޖިލިސް ތަޅުމުގައި މެމްބަރުން / ފޮޓޯ:ދެން އިމޭޖްސް

ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.

Ads by STELCO

އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު، ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) އެވެ. ސަޓޯ، ބިލު ހުށަހެޅުއްވީ އަމިއްލަ ހައިސިއްޔަތުންނެވެ.

މިއަދު ބޭއްވި ޖަލްސާގައި ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެއަށް ފަހު މަޖިލިހަށް ބިލު ބަލައިގަންނަން ފެނޭތޯ ވަނީ ވޯޓަށް އަހާފަ އެވެ.

ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 76 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 12 މެމްބަރަކު ވޯޓު ދެއްވި އެވެ.

މަޖިލިހަށް ބިލު ބަލައި ގަތުމަށްފަހު، ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

ސަޓޯގެ ބިލުގެ ހުލާސާ

މިހާރު ސުޕްރީމް ކޯޓުގެ ބެންޗުގައި 7 ފަނޑިޔާރުން ތިއްބަވަ އެވެ. މެމްބަރު ސަޓޯ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ބަދަލުކުރުމަށެވެ.

ވަކިކުރަން ޖެހޭ ދެ ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައެޅުމަށް ފަހު ރައްޔިތުންގެ މަޖިލިހަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ.

ބިލު ގާނޫނަކަށްވެ ގާނޫނަށް އަމަލުކުރަން ފަށާތާ 5 ދުވަސް ތެރޭގައި ޖޭއެސްސީން މަޖިލިހަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ. ރައްޔިތުންގެ މަޖިލިހަށް އެ ހުށަހެޅުން ލިބޭތާ 7 ދުވަސް ތެރޭގައި ވަކިކުރުމާ މެދު މަޖިލިހުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

މި ބިލު ހުށަހެޅިފައި މި ވަނީ، ސިޔާސީ ޕާޓީން ވަކިކުރުމުން މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލިހުން މިފަހުން ގާނޫނު އަސާސީއަށް ގެނައި ބަދަލު ބާތިލު ކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައި، އެ މައްސަލަ ކުރިއަށް ގެންދަން އެ ކޯޓުން ނިންމާފައި ވަނިކޮށެވެ.

މިހާރު ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލިހުގެ ނިންމުމަކާ ދެކޮޅަށް ހުށަހަޅާފައިވާ އެ މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ 7 ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ހުށަހެޅިއިރު، ބައެއް ފަނޑިޔާރުންގެ ވަކިކުރަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ސަރުކާރުން އޭރު ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ތާރީހު

ކޯޓުތަކުގެ ގާނޫނު ވުޖޫދުކޮށް، ސުޕްރީމް ކޯޓު އެންމެ ފުރަތަމަ އެކުލަވާލިއިރު ފަނޑިޔާރުންގެ އަދަދަކީ ހަތެކެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލިހުން އެ އަދަދު ފަހަކަށް ތިރިކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިކުރި އެވެ.

މި ފަހަރު ވެސް މަޖިލިހަށް ހުށަހަޅާފައި ވަނީ އެފަދަ ބިލެކެވެ.

މިހާރު އޮތް ގޮތަށް އަނެއްކާވެސް 7 ފަނޑިޔާރުންނަށް ބަދަލުކުރީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޭރު އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިހުންނެވެ. އޭގެ ފަހުގައި އޭރު ސުޕްރީމް ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ މައްސަލަ ބަލައި ވަކިކުރަން ޖޭއެސްސީން ނިންމައި މަޖިލިހަށް ފޮނުވައިގެން ވަކިކުރި އެވެ.

މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަކީ އޭރުގެ މަޖިލިހުން ރުހުންދީ، އައްޔަންކޮށްފައިވާ ފަނޑިޔާރުންނެވެ.