ފަނޑިޔާރުން މަދުކުރާ ބިލު ގާނޫނު އަސާސީއާ ހިލާފެއް ނޫން: މަޖިލީހުގެ ރައީސް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް ބެންޗު ކުޑަކުރަން ޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅި ބިލު ގާނޫނު އަސާސީއާ ހިލާފުނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އެ ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) އެވެ. ސަރުކާރު މެންބަރަކަށްވިޔަސް ސައްތާރު ބިލު ހުށަހެޅުއްވީ އަމިއްލަ ހައިސިއްޔަތުންނެވެ.
އެ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށް ރާއްޖޭގެ ފުންނާބު އުސް ގާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ބިލުގެ ބަހުސްގައި އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވަމުން ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ސަމީރު ވިދާޅުވީ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅިފައިވާ ބިލަކީ ގާނޫނު އަސާސީއާ ހިލާފަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.
އެކަމަށް މެންބަރު ރިޔާއަތްކުރައްވަނީ ގާނޫނު އަސާސީގެ 154 ވަނަ މާއްދާއަށެވެ.
އެ މާއްދާގައި ބުނާ ގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ އެމީހަކު ގާބިލުނޫން ކަމަށް ނުވަތަ އެ މާގަމަށް އެކަށީގެންނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އަށް މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ވޯޓުގައި ބައިވެރިވާ ތިންބައިކުޅަދެބައިގެ އަގުލަބިއްޔަތުން ފާސްވެގެންނެވެ.
ސަމީރުގެ ވާހަކަ ހުއްޓުވައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ އެ ބިލު މަޖިލީހަށް ބަލައިގަނެފައިވަނީ މަޖިލީހުގެ ލީގަލް ޓީމުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު ކަމަށެވެ.
"އެ ބިލުގައި ގާނޫނީ އެއްވެސް ފުށުއެރުމެއް ނެތްކަން ދެއްވީމަ [ލީގަލް ޓީމް] މަޖިލީހަށް އެޖެންޑާކޮށްގެން ކުރިއަށް ގެންދަނީ، އެހެންވީމަ ގާނޫނު އަސާސީއާ ހިލާފުކަމަށް ދަންނަވާކަށް ފުރުސަތެއް ނޯންނާނެ" ފޮނަދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.
މި ބިލު ހުށަހެޅިފައި މި ވަނީ، ސިޔާސީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން މި ފަހުން ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލްކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައި، އެ މައްސަލަ ކުރިއަށް ގެންދަން އެ ކޯޓުން ނިންމާފައި ވަނިކޮށެވެ.
މިހާރު ވެރިކަންކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުގެ ނިންމުމަކާ ދެކޮޅަށް ހުށަހަޅާފައިވާ އެ މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ 7 ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ހުށަހެޅިއިރު ބައެއް ފަނޑިޔާރުންގެ ވަކިކުރަން ސަރުކާރުން މަސައްކަތްކުރާ ކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ. ސަރުކާރުން އޭރު ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
ސުޕްރީމް ކޯޓު އެންމެ ފުރަތަމަ އެކުލަވާލިއިރު ވެސް ފަނޑިޔާރުންގެ އަދަދަކީ ހަތެކެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން އެ އަދަދު ފަހަކަށް ތިރިކޮށް އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިކުރި އެވެ.