ފިލްޒާގެ ލަފާ ބިލާ ދެކޮޅަށް؛ ކަންބޮޑުވުންތައް މަޖިލީހުގެ ތަޅުމަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކާއި، އުފައްދަވާފައިވާ ސުވާލުތަކާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ޖުޑީޝަރީ ކޮމިޓީން މިރޭ ފާސްކޮށްފި އެވެ.
ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލު ކޮމިޓީން ފާސްކޮށްފައިވަނިކޮށް، ފިލްޒާ އެ ބިލާ ގުޅޭ ކަންބޮޑުވުންތައް ފާޅުކުރައްވައި ލިޔުމެއް ކޮމިޓީއަށް ފޮނުއްވާފައިވެ އެވެ. މި ކަމާ ގުޅިގެން މިރޭ ބޭއްވުނު ޖުޑީޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއްގައި، ފިލްޒާގެ ކަންބޮޑުވުންތަކާމެދު މަޖިލީހުގެ ތަޅުމުގައި ގޮތެއް ނިންމުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި އެވެ.
އެ ހުށަހެޅުމަށް ޕީއެންސީގެ 6 މެންބަރުން ތާއީދުކުރެއްވިއިރު، އެމްޑީޕީގެ ދެ މެންބަރުން ވޯޓުދެއްވީ ހުށަހެޅުމާ ދެކޮޅަށެވެ. ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވަކި ކޮޅަކަށް ވޯޓު ނުދެއްވައެވެ. އަނާރާ ނިސްބަތްވަނީ ވެރިކަންކުރާ ޕީއެންސީއަށެވެ.
ފިލްޒާ ފޮނުއްވި ލިޔުމުގައި ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބެލުމަކާނުލައި ގާނޫނު ބަދަލުކޮށްގެން ފަނޑިޔާރުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއްތޯ ސުވާލު އުފެދޭ ކަމަށެވެ. ފިލްޒާ ފާހަގަކުރައްވާފައިވާ ގޮތުގައި، ފަނޑިޔާރަކު މަޤާމުން ވަކިކުރުމުގެ މަރުހަލާ ފެށެނީ، އެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅުމުން ނުވަތަ އެފަދަ ޝަކުވާއެއް ނުވަތަ ތުހުމަތެއް ޖޭއެސްސީއަށް ފޯރުމުންނެވެ.
އަދި، ބިލުގައި ގާބިލުކަން ނެތް ކަމަށް ކަނޑައަޅައި ޖޭއެސްސީން ވަކިކުރަން ނިންމާ ފަނޑިޔާރުންނަށް ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދިނުމަށް ބިލުގައި ބަޔާންކޮށްފައިވުމަކީވެސް ދެކޮޅު ނުޖެހޭ ކަމެއްކަމަށް ފިލްޒާ ވިދާޅުވެފައިވެއެވެ. މިފަދަ އިނާޔަތްތަކަކީ ޝަރަފުވެރިކަމާއެކު ވަކިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކެއްކަން ގާނޫނުގައި ބަޔާންކޮށްފައިވާކަންވެސް އޭނާ ފާހަގަކުރައްވާފައިވެ އެވެ.
މިހާރު މަޖިލީހުގައި އޮތް ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށްޓަކައި ވަކިކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅާނީ ޖުޑީޝަލް ސާވިސް ކޮމިޝަނުންނެވެ. މި ގާނޫނަށް އަމަލުކުރަން ފަށާތާ 5 ދުވަހުގެ ތެރޭގައި ޖޭއެސްސީން ވަކިކުރާނެ ފަނޑިޔާރުންގެ ނަންތައް މަޖިލީހަށް ފޮނުވަންޖެހެ އެވެ. އަދި ފަނޑިޔާރުން ވަކިކުރުމުގެ މި މަސައްކަތުގައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ މުއްދަތުތަކަށް ރިއާޔަތްކުރަން ޖޭއެސްސީން ނުޖެހޭނެ އެވެ.
