ޚަބަރު

ފަނޑިޔާރުން ސަސްޕެންޑްކުރީ "ނުއުފަންނަ މައްސަލަތަކެއް އުފަންކުރުވައިގެން" ގާނޫނާ ހިލާފަށް: ވަކީލުން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ:އެމްޑީޕީ

ފަނޑިޔާރުންގެ ކަންކަން ބެލުމުގެ ޒިންމާ މަތިކޮށްފައިވާ ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑްކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަތަކެއް އުފައްދައިގެން ހުށަހެޅި މައްސަލައެއްގައި ގާނޫނާ ހިލާފަށް ކަމަށް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހުގެ މައްސަލަ އެ ކޯޓަށް ހުށަހެޅުއްވި ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

Ads by STELCO

ޖޭއެސްސީން ސަސްޕެންޑްކުރީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރެވެ.

ފަނޑިޔާރުން ސަސްޕެންޑްކުރަން ނިންމި ސަބަބު ހާމަކޮށް ޖޭއެސްސީން ބުނީ ފަނޑިޔާރުން ސަސްޕެންޑްކުރީ އެ ބޭފުޅުންނާ ގުޅޭގޮތުން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމުގައި އޭސީސީން އެ ކޮމިޝަނަށް ސިޓީއަކުން އަންގާފައިވާތީ ކަމަށެވެ.

ފަނޑިޔާރުން ސަސްޕެންޑް ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހާ ގުޅިގެން އެ ކޯޓަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ހުށަހަޅާފައިވާ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅުމުން ތާވަލުކޮށް، އަޑުއެހުން ފެށުމަށް ކުޑައިރުކޮޅަކަށް ވެފައި ވަނިކޮށެވެ.

ކޯޓުގެ އަޑުއެހުން ފަހު ވަގުތު ވަނީ ކެންސަލްކުރުމާ ގުޅިގެން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި ވަކީލުންގެ ފަރާތުން މިއަދު މެންދުރު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

ބައްދަލުވުމުގައި އަލީ ހުސައިންގެ ވަކީލު މަހްފޫޒު ސައީދު ވިދާޅުވީ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހޮޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) ރައްޔިތުންގެ މަޖިލިހަށް ހުށަޙެޅި ބިލުގެ ބަހުސްގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުން ސުޕްރީމް ކޯޓުގައި އޮތް މައްސަލައިގެ އަޑުއެހުމުގައި ފަނޑިޔާރުން ކުރައްވާފައިވާ ސުވާލުތަކާ މެދުގައި ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

ހުށަހެޅުނު އިސްލާހު ވުޖޫދުވީ އިސްލާހާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގާތީ، ފަނޑިޔާރުން މަގާމުން ވަކިކުރުން މުހިންމު ކަމަށް މެމްބަރުން ދެކިވަޑައިގަންނަވާތީކަން ހާމަވާ ކަމަށެވެ.

"އެ ބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލިހުން ގޯހެއްކަން ހައްދަވާފައި މި އޮތީ. ގާނޫނު އަސާސީއަށް މި ބަދަލެއް ނުއެއް ގެނެވޭނެކަން. މި ބަދަލު ގެންނަވާފައި ދެން މިއީ ގޯހެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާނެކަން އެ ބޭފުޅުން ގައިމުވި ހިސާބުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބާރު އެ ކަނޑުވާލެއްވީ،" މަހްފޫޒު ވިދާޅުވި އެވެ.

ޖޭއެސްސީގެ ގާނޫނާ ހަވާލާދެއްވާ ވަގުތީ ގޮތުން ފަނޑިޔާރު މަގާމުން ދުރުކުރެވޭނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އެއީ މައްސަލައިގެ ބާވަތަށާއި ހުށަހެޅިފައިވާ ހެއްކަށާއި ފަނޑިޔާރު މަގާމުގައި ދެމި ހުރެއްޖެ ނަމަ މައްސަލަ ތަހުގީގު ކުރުމުގައި ކުރިމަތިވެދާނެ ހުރަހަކަށާ އަދި ޝަރުއީ ދާއިރާއަށް އޮންނަ އިތުބާރު ދެމެހެއްޓުމުގެ އަސާސަށް ބަލައި 60 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ކަމަށެވެ.

"ގާނޫނު މިހާރު އެކަށައެޅިފައި އޮތް ގޮތުން ވެސް ހަމަ މައްސަލައެއް ހުށަހެޅޭއިރަށް މައްސަލައެއް ބަލަމުން އެބަ ގެންދަމޭ. އެހެންވީމާ ސަސްޕެންޑޭ. އެހެން ކުރެވެން އޮންނަ ކަމެއް ނޫން. ޖުޑީޝަލް ސާވިސް ކޮމިޝަނުން ނެތް ބައްލަވާފައެއް މިއިން އެއްވެސް ކަމަކަށް،" މަހްފޫޒު ވިދާޅުވި އެވެ.

އަދި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް އެ ކޮމިޝަނުން ބަލާފައި ނެތް ސާފުކޮށް އެނގޭކަން ފާހަގަކުރެއްވި އެވެ.

މަހްފޫޒު ވިދާޅުވީ ގާނޫނުގައި ފަނޑިޔާރުން ސަސްޕެންޑް ކުރުމުގެ މާއްދާ ހިމަނާފައި ވަނީ މައްސަލައެއް ބަލަމުން ދަނިކޮށް ފާޅުގައި އެ މައްސަލައެއް ވަކި ގޮތަކަށް ނިންމުމަށް ރިޝްވަތު ނެގުން ފަދަ ކަމެއްގެ ތުހުމަތުކުރެވި އާންމުންގެ މެދުގައި ޝަރުއީ ނިޒާމަށް އޮތް އިތުބާރު ގެއްލިގެންދާ ފަދަ ހާލަތަށް ބަލައި ފަނޑިޔާރަށް މައްސަލައަށް ގޮތެއް ނިންމަން ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް ޖުޑީޝަލް ސާވިސް ކޮމިޝަން ފުރިހަމަ ބާރު ހޯއްދެވުމަށް ޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އިންސާފުން މަސައްކަތް ކޮށްފާނެހެން ހީވާ މީހަކު ހުރެއްޖިއްޔާ އެ މީހަކު އެކަހެރި ކުރެއްވުމަށް ފަހު ވިދާޅުވި ގޮތަކަށް ހައްދަވާނެ ބޭފުޅަކު އައްޔަންކުރައްވައިފި،" މަހްފޫޒު ވިދާޅުވި އެވެ.

އެ ކޮމިޝަން މެދުވެރިކޮށް ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލައިފި ކަމަށެވެ. އެ ކޯޓުގައި ހިނގަމުންދާ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ގޮތް ހައްދަވާފައިވާ ކަމަށެވެ. އަމަލުކުރެއްވި ގޮތުން ތިން ބާރު ވަކިވެފައިވާ ނިޒާމުގެ އަސާސްތައް މިހާރު މުގުރިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ވަކި ބަޔަކަށް އަމާޒުކޮށް ގާނޫނެއް ފާސްކުރުމަކީ ރައްޔިތުންގެ މަޖިލިހަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. ރައްޔިތުން ނިންމާފައި ވަނީ ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެއް ކަމަށާއި އެ ނިޒާމުގެ އެންމެ ހާއްސަ އެއް ސިފައަކީ މަޖިލިހުގެ މެމްބަރުން މިނިވަންވުން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ހުދުމުހުތާރު ބާރުތަކުގެ ބޭނުންކޮށްގެން، ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އޮތީމާ، ޖޭއެސްސީއަށް ވެސް ނުފޫޒު ހަމަ ބޮޑުތަނުން ފޯރުވީ. އޭސީސީ މެދުވެރިކޮށް ނުއުފަންނަ މައްސަލަތަކެއް އަމިއްލައަށް އުފަންކުރުވީ،" ކަމަކީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަން ފާހަގަކުރައްވާ އަލީ ހުސައިން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑްކުރަން ނިންމި ސަބަބު ބަޔާންކޮށް ޖޭއެސްސީން ބުނީ އެ ކޮމިޝަނުގެ ގާނޫނުގެ ދަށުން "ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ފަނޑިޔާރަކު ހައްޔަރުކޮށްފި ނަމަ، ނުވަތަ ބަންދުކޮށްފި ނަމަ ނުވަތަ ތަހްގީގު އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަހްގީގުކުރަން ފަށައިފިކަން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އެ އިދާރާއަކުން އަންގައިފި ނަމަ ނުވަތަ އެފަދަ މައްސަލައެއް ޝަރީއަތަށް ހުށަހެޅިއްޖެ ނަމަ، ނުވަތަ އެފަދަ ކަމެއް ކުރިކަން ޝަރީއަތަށް ސާބިތުވެއްޖެ ނަމަ، އެ ފަނޑިޔާރެއް މަގާމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރުމާ މެދު އަމަލުކުރާނެ ގޮތެއް 48 (ސާޅީސް އަށެއް) ގަޑިއިރު ތެރޭގައި ކޮމިޝަނުން ނިންމަންވާނެ،" ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެކަމަށް ރިއާޔަތްކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަސައްކަތުން 3 ފަނޑިޔާރަކު މިއަދުން ފެށިގެން ވަގުތީ ގޮތުން ދުރުކުރުމަށް މިއަދު ބޭއްވި ކޮމިޝަނުގެ މި އަހަރުގެ 4 ވަނަ ޖަލްސާގައި ވަނީ ނިންމާފައި ކަމަށް ޖޭއެސްސީން ބުންޏެވެ.

ސުޕްރީމް ކޯޓުގައި 7 ފަނޑިޔާރުންގެ ބެންޗަކުން މައްސަލަ ބަލަމުންދަނިކޮށް، ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހަށް ސަޓޯ ހުށަހެޅުއްވި ބިލު މިއަދު ވަނީ ފާސްކޮށްފަ އެވެ.

ވަކިކުރަން ޖެހޭ ދެ ފަނޑިޔާރުން ޖޭއެސްސީން ކަނޑައެޅުމަށް ފަހު ރައްޔިތުންގެ މަޖިލިހަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ.

ބިލު ގާނޫނަކަށްވެ ގާނޫނަށް އަމަލުކުރަން ފަށާތާ 5 ދުވަސް ތެރޭގައި ޖޭއެސްސީން މަޖިލިހަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ. ރައްޔިތުންގެ މަޖިލިހަށް އެ ހުށަހެޅުން ލިބޭތާ 7 ދުވަސް ތެރޭގައި ވަކިކުރުމާ މެދު މަޖިލިހުން ގޮތެއް ނިންމަން ޖެހޭނެ އެވެ.