ފަލަސްތީނަށްދޭ އެހީ އަށް އިޒްރޭލުން ހުރަސް އަޅާތީ އައިސީޖޭގައި ކުރިއަށްދާ މައްސަލާގައި ރާއްޖެއިން ބަޔާނެއް ދީފި

އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި، އދ. އާއި، އެހެނިހެން ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއި، އެހެން ގައުމުތަކުން ތިބުމާއި، އެ ބިންތަކުގައި އެފަރާތްތަކުން ހިންގާ ހަރަކާތްތަކާ ގުޅިގެން އިޒްރޭލުގެ އިލްތިޒާމްތަކާ ގުޅޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ބައިވެރިވެ، އެ ކޯޓަށް ލިޔުމުން އިއްޔެ ބަޔާނެއް ހުށަހަޅައިފި އެވެ.
އެ މައްސަލައަކީ، އދ. އާއި، އެހެނިހެން ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއި، އެހެން ގައުމުތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސް އަޅައި، ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ މައި ޖަމްއިއްޔާ ކަމުގައިވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އޭޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއާ އީސްޓް (ޔޫއެންއާރުޑަބްލިއުއޭ) ގެ މަސައްކަތްތައް ހުއްޓުވާލުމަށްޓަކައި އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ނިންމުމާއި، ގައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް އިޒްރޭލުން ހަމަލާތައް ދެމުންގެންދާތީ، އެ ގައުމުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އައިސީޖޭ އަށް އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅުމަށް އާންމު މަޖިލީހުގެ ގަރާރަކުން ޑިސެމްބަރު 19، 2024 ގައި ފާސްކުރުމުން ހުށަހަޅާފައިވާ މައްސަލައެކެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ރާއްޖެއިން އިއްޔެ ހުށަހެޅި ބަޔާނުގައި، އިންޓަނޭޝަނަލް ހިއުމަނިޓޭރިއަން ލޯ އާއި، އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ ބައެއް މުއާހަދާތަކުގެ ދަށުން އިޒްރޭލުގެ ޒިންމާތައް ފާހަގަކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ފެނުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ޒިންމާއަށް އަލިއަޅުވާލާފައި ވާނެ ކަމަށެވެ.
އަދި އދ. ގެ މެންބަރެއްގެ ހައިސިއްޔަތުން އިޒްރޭލުގެ މައްޗަށް ޔޫއެންއާރުޑަބްލިއުއޭ ގެ މަސައްކަތްތަކާ ގުޅޭގޮތުން އޮތް ޒިންމާ ތަފްސީލުކޮށް، ޔޫއެންއާރުޑަބްލިއުއޭ ގެ މަސައްކަތްތައް ހުއްޓުވާލައި އިޒްރޭލުން އެ ޖަމްއިއްޔާ ރޫޅާލުން މަނާކުރާ ބައިނަލްއަގްވާމީ ގާނޫނީ އުސޫލުތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފަ އެވެ.
ދިވެހި ސަރުކާރުން ބުނީ އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ އަމަލުތަކުގެ ސަބަބުން، ފަލަސްތީނުގެ އާާންމު ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތަކާއި އަސާސީ ހައްގުތަކުން މަހުރޫމްވެފައިވާ ކަމަށެވެ.
އަދި ފަލަސްތީނުގެ އަމިއްލަ ދައުލަތެއް ބިނާކުރުމަށާއި، ސަރަޙައްދުގެ އަމަންއަމާންކަމަށާއި ހަމަޖެހުމަށް ހުރަސްއެޅެމުންދާ ކަމާއި، އިޒްރޭލުގެ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ޖަރީމާތަކެއްކަމަށް ދިވެހި ސަރުކާރުން ބައިނަލްއަގްވާމީ އެހެން މައިދާންތަކުގައި ކެނޑިނޭޅި ވަކާލާތުކުރަމުންދާ ކަމަށްވެސް ސަރުކާރުން ބުންޏެވެ.
ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް އޮތް ހަމަ އެކަނި ދެމެހެއްޓެނިވި ހައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުންކަމަށްވާއިރު، އެ ހައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީކަން ސަރުކާރުން ދީފައިވެ އެވެ.