ޚަބަރު

ސިއްހީ މަސައްކަތްތެރިން ލައްވާ މަޖުބޫރުން ކުރުވާފައިވާ މަސައްކަތަށް ފައިސާ ދޭން ސަރުކާރަށް ގޮވާލައިފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ފައިސާ ނުދީ އިތުރު ގަޑީގައި މަސައްކަތް ކުރުވުން ހުއްޓާލުމަށާއި، 2023 ވަނަ އަހަރުން ފެށިގެން މަޖުބޫރުން ކޮށްފައިވާ މަސައްކަތަށްވާ ފައިސާ ދިނުމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން އިން ގޮވާލައިފި އެވެ.

އެ ޔޫނިއަންއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މާލޭގައި ހިންގާ ސަރުކާރު ހޮސްޕިޓަލް ތަކުގައި މަސައްކަތްކުރަމުންދާ ސިއްހީ މަސައްކަތްތެރިންގެ ތެރެއިން ސިއްހީ ދާއިރާގެ ދޭ ފްރޭމްވޯކަށް ހިޖުރަކޮށްފައިވާ މަސައްކަތްތެރިން ލައްވާ އިތުރު ގަޑީގައި މަސައްކަތްކުރުވާ އެ ގަޑީގެ ފައިސާ ހަމައަށް ނުދީ މަަސައްކަތްކުރުވަމުންގެންދާތީ އެކަމަކީ އެ ޔުނިއަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޔޫނިއަނުން ބުނީ ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކުން އިތުރުވުމުގެ ސަބަބުން ރަސްމީ ގަޑި ފިޔަވާ އެހެން ގަޑިތަކުގައިވެސް މުވައްޒަފުން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. މުވައްޒަފުންގެ އަސާސީ މުސާރައިގެ 10 އިންސައްތައަށް ވާ ވަރަށްވުރެ އިތުރަށް މަސައްކަތްކުރުވުމަކީ މަސައްކަތްދޭ ސުޕަވައިޒަރުންގެ މައްޗަށް މަނާކަމެއްކަަން ޔޫނިއަނުން ހަނދާން ކޮށްދިނެވެ.

އިތުރު ގަޑީގެ ފައިސާ ގޮތުގައި މަހެއްގެ މައްޗަށް ލިބޭނީ މި މިންގަޑުގައި އިތުރުގަޑީގެ ފައިސާ ލިބޭނެކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުގެ މަގާމުގެ އަސާސީ މުސާރައިގެ އެންމެ ގިނަވެގެން 10 އިންސައްތައަށް ވާ މިންވަރަށް ކަމަށްވާތީ، އެ މިންވަރަށްވުރެ އިތުރުވާ ގޮތަށް މުވައްޒަފުން ލައްވާ މަސައްކަތް ކުރުވައިގެން ނުވާނެ

ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ހެދޭ ކޮންމެ ގަވައިދަކީ ބާތިލް އެއްޗެއްކަން ފާހަގަކުރަމުން ޔޫނިއަނުން ބުނީ އެ ގާނޫނުގައި ކަނޑައަޅާފައިވާގޮތައް އިތުރު ގަޑީގައި ފައިސާ ނުލިބޭގޮތައް ދައުލަތުގެ އާ ޕޭ ފްރޭމްވޯކްގެ އޯޓީއާ ގުޅޭ މިންގަޑު ހެދުމަކީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.

ޔޫނިއަނުން ބުނީ ގަވައިދާ އެއްގޮތަށް އަމަލުކުރާނަމަ މިހާރު ކަނޑައަޅާފައިވާ 10 އިންސައްތަ އަށްވުރެ އިތުރަށް ސިއްހީ މަސައްކަތްތެރިން މަސައްކަތްކުރަން ނުޖެހޭނެ ކަމަށެވެ. އަދި އެގޮތަށް މަސައްކަތް ކުރުވާނަމަ އެއީ "އުޖޫރަ ނުދީ މަޖުބޫރުން މަސައްކަތްކުރުވުން" ކަމަށްވެސް އެ ޔޫނިއަނުން ގަބޫލުކުރެ އެވެ.

ޔޫނިއަނުން ބުނީ އެ ޖަމިއްޔާއިން ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ޖޫން 8، 2023 ގައި ފޮނުވި އީމެއިލްއަށް ދިން ޖަވާބުގައި އޯޓީ ފައިސާ ނުދީ މަސައްކަތްކުރުވުމަކީ ގާނޫނާ ހިލާފުކަމެއްކަމާއި، އޯޓީ ނުދީ މަސައްކަތްކުރުވާ ފަރާތްތައް އެ އޮތޯރިޓީއަށް ހުށަހެޅުމަށް އަންގާފައިވާ ކަމަށެވެ.

ސިއްހީ ހިދުމަތަކީ 24 ގަޑިއިރުދޭންޖެހޭ މަސައްކަތެއްކަން ފާހަގަކުރަމުން ޔޫނިއަނުން ބުނީ އެ ފަރާތްތަކުން ލައްވާ އިތުރުގަޑީގައި މަސައްކަތްކުރުވާނަމަ ވަޒީފާއާ ބެހޭ ގާނޫނުގައިވާގޮތައް އިތުރު ގަޑީގައި ފައިސާ ދިނުމަށެވެ.

އަދި މޭ 1، 2023 އިން ފެށިގެން ހިނގާދިޔަ މުއްދަތުގައި އެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ނުދީ މަޖުބޫރުން ކުރުވަފައިވާ ފައިސާ ދިނުމަށްވެސް އެ ޔޫނިއަނުންވަނީ ގޮވާލާފައިވެ އެވެ.