ފަލަސްތީނުގެ ރައްޔިތުންނަށް ތަސައްލީއެއް ހޯދައިދިނުން އަވަސްކުރަން ރައީސް އިލްތިމާސްކުރައްވައިފި

ފަލަސްތީނުގެ ގައްޒާ އާއި ހުޅަނގު އައްސޭރީގައި ތިބި މުސްލިމުން ތަހައްމަލުކުރަމުންދާ ވޭނަށް ތަސައްލީއެއް ހޯދައިދިނުމުގައި ހަރަކާތް އަވަސްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްލާމީ އުންމަތައް އިލްތިމާސްކުރައްވައިފި އެވެ.
ރައީސް އެކަމަށް އިލްތިމާސް ކުރެއްވީ ރޯދަ މަހުގެ ތަހުނިޔާ އިސްލާމީ ގައުމުތަކުގެ ލީޑަރުންނާއި، ސަރުކާރުތަކާއި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރެއްވުމުގެ ގޮތުން ފޮނުއްވި މެސެޖެއްގަ އެވެ.
ރައީސް ވަނީ މުސްތަގިއްލުކަން ހޯދުމަށް ފަލަސްތީނު ކުރާ މަސައްކަތަށް އަދުލުވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދައިދީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްތީނުގެ މިނިވަން އަދި އިސްތިގްލާލީ ދައުލަތެއް ގާއިމްކުރެވި، އިރުމަތީ ގުދުސްއަކީ އެ ގައުމުގެ ވެރިރަށް ކަމުގައި ކަށަވަރުކޮށްދެއްވުމަށް އިސްލާމީ އުންމަތައް ގޮވާލައްވާފަ އެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ރޯދަ މަހަކީ ރޫހު އާލާކޮށް، މުރާޖައާކުުރުމާއި އެއްބައިވަންތަކަމުގެ މައްސަރުކަން ފާހަގަކުރައްވައި އޯގާތެރިކަމާއި، ދީލަތިކަން އިތުރުކޮށް، އަގީދާ ހަރުދަނާކުރުމަށް ހަންދާންކޮށްދެއްވާފަ އެވެ.
ރޯދަމަހު އެކުވެރިކަމުގެ ގުޅުންތައް ހަރުދަނާކުރެވި، ހިދުމަތްކުރުމުގެ އަޒުމު ވަރުގަދަވެގެންދާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.