އިންޑިއާގެ ސާޖީ؛ ފަންގި ވިންނަން ކޮޅުފުށީގައި

-- ނޯޓް: މި އާޓިކަލްގައި ސާޖިދާގެ މޫނު ފެންނަ ފޮޓޯއެއް ނުޖެހީ އޭނާގެ އެދުމުގެ މަތީންނެވެ. --
(މ. ކޮޅުފުށިން) މީމު ކޮޅުފުށި އެއީ ފަންގި ވިނުމުގެ ރަށެކެވެ. ހުސް ވަގުތުތަކުގައި ރަށު މީހުންގެ ކަމަކީ މިއީ އެވެ. ރުކަކުން ވެއްޓޭ ފަނެއް، ރުށްދަށުގައި އެ އޮންނަ ގޮތަށް ފީވެދާން ދޫކޮށްލާފައި އޮންނަ ތަނެއް ވެސް ނުފެނެ އެވެ. ފެންނަންޏާ ވެސް ފެންނަނީ ރުށްރުށް ދަށަށް ފުންޏަކަށް އެއްތާކަށް ޖަމާކޮށްފައި ހުންނަ ތަނެވެ.
ހުކުރު ދުވަހު، ހުކުރު ނަމާދަށް ފަހު، އެ ރަށު ގެއެއްގައި އަންހެނަކު ފަންގި ވިންނަން އިން ކަން އެނގިގެން، އެ ގެއަކަށް ވަނީ ފަންގިވިނުމުގެ މަންޒަރުތައް "ދެން އޮންލައިން" ގެ ކެމެރާއަށް ރައްކާކުރަން ހިތުލައިގެނެވެ.
ގޯތި ތެރޭގައި އެ އަންހެނަކު އެބައިނެވެ. އޭނާ އިނީ ވަރަށް ފޯރީގައި ފަންގި ވިންނާށެވެ. އަތްމަތި އަވަހެވެ. ވިންނަމުން ދިޔައީ އެހާ ފަރިތަކަމާ އެކު އެވެ.
ފަންގިވިނުމުގެ މަސައްކަތާ ގުޅޭ ގޮތުން ސުވާލު ކުރަން ފެށުމުން ދިވެހި ބަހުން ޖަވާބު ދިނެވެ. ހަމަ އާންމު ދިވެހީން ދިވެހި ބަހުން ވާހަކަ ދައްކާހެން އެ ފަރިތަކަމުގަ އެވެ. ދިވެހިންގެ އާދަކާދައާ އެއް ޒާތުގެ ބުރުގާއަކާއި ދިގު ހެދުމެއް ލައިގެންނެވެ. ކޮޅުފުށީގެ ކަންކަން ރަނގަޅަށް ދަނެވެ.
އެކަމަކު އެއީ ކޮޅުފުއްޓަށް އުފަން މީހެއް ނޫނެވެ. ދިވެއްސެއް ވެސް ނޫނެވެ. އެ ކަން އެނގުނީ، އެ ގެއަށް އޭރު ވަން އެހެން މީހަކު އެ ވާހަކަ ބުނުމުންނެވެ. އެހެން ނޫން ނަމަ، އެއީ ދިވެއްސެއް ކަމަށް ހީކޮށްގެން ހުރެވުނީހެވެ.
ބޭރު ގައުމަކަށް ނިސްބަތްވާ މީހަކު ރަށެއްގެ ހަމަހިމޭން ޖައްވެއްގައި، އެ ރަށަށް ހާއްސަ އަދި އެ ރަށުގެ އާދަކާދައިގެ މަސައްކަތެއް ކުރަން އިންނަ ތަން ފެނުންވީ ވަރަށް ތަފާތު ކަމަކަށެވެ.
ކޮޅުފުއްޓަށް އާދެވުނު ގޮތަކާއި ފަންގި ވިނުމުގެ މަސައްކަތް ކުރަން ފެށުނު ގޮތަކާ ގުޅޭ ގޮތުން އެނގެން ބޭނުންވެއްޖެ އެވެ. އިންޑިއާގެ ސާޖީގެ ދިރިއުޅުން ރާއްޖޭގެ ހަމަހިމޭން ރީތި ވެއްޓެއްގެ ރަށަކާ ހަމައަށް އާދެވުނު ގޮތަކާ މެދު ވިސްނާލެވި، މި ވާހަކަ ވަރަށް ބޮޑަށް ޝައުގުވެރި ކުރުވައިފި އެވެ.
އިންޑިއާގެ ވެސް ސާޖީ؛ ކޮޅުފުށީގެ ވެސް ސާޖީ
އެއީ މީގެ ގާތްގަނޑަކަށް 28 އަހަރު ކުރި އެވެ. 1996 ވަނަ އަހަރެވެ. އާއިލާ އާއެކު ސާޖިދާ ދިރިއުޅެމުން އައީ ދިވެހިން އާންމުކޮށް ދަތުރުކޮށް އުޅޭ އިންޑިއާގެ ޓްރިވެންޑްރަމްގަ އެވެ. ސާޖިދާގެ އަވަށުން އޭނާ އާ ދިވެއްސަކާ ދިމާވެ އެވެ. ކޮޅުފުށީ އަބްދުއްރަހީމް އެވެ. އެ ދަތުރުގެ ތެރެއިން، އަބްދުއްރަހީމަށް ސާޖިދާ ފެނި އޭނާ ކަމުދިޔައީ އެވެ. އެހެންވެ ކައިވެންޏަށް އެދި ހުށަހެޅި އެވެ. ސާޖިދާގެ އާއިލާއަށެވެ. ސާޖިދާއަށް ވެސް އަބްދުއްރަހީމް ކަމުދާތީވެ، އާއިލާގެ ރުހުމާ އެކު އަބްދުއްރަހީމާ ކައިވެނި ކުރި އެވެ. ސާޖިދާގެ ދައްތަ ވެސް ދިވެއްސަކާ ކައިވެނި ކުރީ ހަމަ އެ ދުވަސްވަރެވެ. އިންޑިއާގެ ދިރިއުޅުން ދޫކޮށް، ދެބެއިން އެކުގައި ރާއްޖެ އައީ އެއް ދުވަހެއްގަ އެވެ. ސާޖިދާގެ މަންޒިލަކަށްވީ ކޮޅުފުއްޓެވެ. ދައްތަ ދިޔައީ އެހެން ރަށަކަށެވެ. ޅަ އުމުރުގައި ދިރިއުޅުމެއް ފަށައި، އާއިލާއާ ދުރުގައި ދިރިއުޅެން ސާޖިދާ ފުރަތަމަ ޖެހިލުންވި އެވެ. އައިތާ ކުރީކޮޅު ދިވެހިންގެ އާދަތަކަށް ފަރިތަވާން ވެސް އުނދަގޫތަކެއް ހުއްޓެވެ. އެހެނަސް މަޑުމަޑުން ދިވެހި ޖައްވަށް އޭނާ ދިޔައީ ހޭނެމުންނެވެ. ދިވެހިންގެ ބައެއް މަސައްކަތަށް ލޯބި ޖެހި، އޭގެ ތެރެއަށް ވަދެއްޖެ އެވެ. ސާޖިދާ އާއި އަބްދުއްރަހީމްގެ ކައިވެންޏަށް 3 ކުދިން ލިބުނެވެ. އެއީ ދެ އަންހެން ކުދިންނާ އަދި ފިރެހެން ކުއްޖެކެވެ. ސާޖިދާ ބުނާ ގޮތުން މިހާރު އޭނާއަށް އެ ރަށުގައި ބީރައްޓެއްސެއްގެ އިހުސާސްނުވެ އެވެ. މިހާރު އެއީ އިންޑިއާގެ ސާޖީ ފަދައިން ކޮޅުފުށީގެ ވެސް ސާޖީ އެވެ. "ފުރަތަމަ ރަށެއްގައި ދިރިއުޅެން ޖެހިލުންވި. އެކަމަކު ރަށު މީހުން ވަރަށް ހިތްހެޔޮ. މިހާރު ރަށު މީހެއްގެ އިހުސާސް ކުރެވޭ،" ކޮޅުފުއްޓަށް އައި ދުވަހުން ފެށިގެން އަދާ ހަމައަށް ދިރިއުޅެމުން އަންނަ ގޮތަށް ބަދަލުތަކެއް އައި ނަމަވެސް މީހުންގެ ގޮތް ބަދަލުނުވާކަން ފާހަގަކޮށް އޭނާ ބުންޏެވެ.






ކޮމެންޓް