ޚަބަރު

ޕަމްޕުތައް ގެނައީ ރައީސް ވިދާޅުވެގެން އާރުޑީސީ މެދުވެރިކޮށް: ނަރީޝް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މާލެ ސިޓީ ކައުންސިލުން ގެނައި ޕަމްޕަކުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ / ފޮޓޯ:ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން މާލޭގައި ފެންހިންދުމަށް ދެ ޕަމްޕް (ދަ ގްލޯބަލް ޕަމްޕް 6ޖީއެސްޓީ ސީ މޫވްމަންޓް) ގެނައީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކައުންސިލް މެމްބަރުންގެ އަރިހުން އެދިވަޑައިގަތުމުން ކައުންސިލުގެ ބޯޑުން ފާސްކޮށް، ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) މެދުވެރިކޮށް ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

ފެންހިންދުމަށް ޕަމްޕުތައް ގެނައި ބަޔަކާ ދޭތެރޭ ސުވާލު އުފައްދައި އާންމުންގެ މެދުގައި އެކަން ވަނީ ބޮޑު ބަހުސަކަށް ވެފަ އެވެ. ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުން ދަނީ ސިޓީ ކައުންސިލުން ޕަމްޕުތައް ގެނައީ ސަރުކާރުގެ އެހީ އާ އެކުގައި ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ޕަމްޕުތައް ގެނައުމުގެ ހުރިހާ ކަމެއް ވެސް ކުރީ ސިޓީ ކައުންސިލުން ކަމަށާއި އެކަން ކުރިއަށް ގެންދެވީ މޭޔަރު އާދަމް އާޒިމުގެ ބެލެހެއްޓެވުމުގެ ދަށުން ކަމަށެވެ. އެގޮތުން ޕަމްޕުތައް ގެންނަން އާރުޑީސީ އާ ހަވާލުކޮށް، ފައިސާ ދެއްކީ މާލެ ސިޓީ ކައުންސިލުން ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

އެކަމާ ގުޅިގެން ރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޑެޕިއުޓީ މޭޔަރު ނަރީޝް ވިދާޅުވީ ކައުންސިލުގެ ފަރާތުން އާރުޑީސީ މެދުވެރިކޮށް މާލޭގެ ފެންހިންދަން ޓްރޭޝް ޕަމްޕުތައް ގެނައުމަށް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލުން ފާސްކުރީ ރައީސް ކައުންސިލުގެ މެމްބަރުންގެ އަރިހުން އެކަމަށް އެދިވަޑައިގަތުމުން ކަމަށެވެ. ރައީސް އެގޮތަށް އެދިވަޑައިގެންފައި ވަނީ މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދަން އެމަނިކުފާނު އިސްކަންދެއްވާލެއް ބޮޑުކަމުން ކަމަށް ނަރީޝް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލުން ކުރާ ކޮންމެ ހަރަދެއް ކުރެވޭނީ ކައުންސިލުގެ ބޯޑުން ފާސްކޮށްގެން ކަމަށާއި އެ ބޯޑުގެ ސުޕަ މެޖޯރިޓީއަކީ ކޮންގްރެސް ޕާޓީގެ ކައުންސިލަރުން ކަމުގަ އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެ ދެ ޕަމްޕް ޑިފެންސް މިނިސްޓްރީގެ ބެލެހެއްޓުމުގެ ދަށުގައި ބެހެއްޓުމަށް ކައުންސިލުން ނިންމައި މިދިޔަ ހުކުރު ދުވަހު އެ މިނިސްޓްރީއަށް ސިޓީއަކުން އެކަން އަންގާފައިވާ ކަމަށެވެ.

ކައުންސިލުން ފޮނުވި ސިޓީގައި ބުނެފައި ވަނީ މާލޭގައި ފެންހިންދުމަށް އާންމުކޮށް ބޭނުންކުރާ ޕަމްޕަށް ވުރެ އެތަށް ގުނައެއް ބާރު ސްޕީޑުގައި ފެން ބޭރު ކުރެވޭނެ ފަދަ ދެ ޕަމްޕް ގެނައުމުގެ މަސައްކަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އެގޮތުން ކުރި މަސައްކަތުން ދެ ޕަމްޕު މާލެ ގެނެސްފައިވާ ކަމަށެވެ.

މާލޭގައި ގާއިމުކޮށްފައިވާ ފެންހިންދާ ނިޒާމުގެ އެހީގައި ވާރޭ ވެހުމުގެ ސަބަބުން ރަށުތެރެއަށް އެޅޭ ފެން ބޭރުކުރުމަށް ގޮންޖެހުންތައް ހުރިކަން ސިޓީ ކައުންސިލުން ބުންޏެވެ. ވިއްސާރަ މޫސުމުގައި ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ފެނުގެ ސަބަބުން އާންމުންގެ ގޭގެއަށާއި މުދަލަށް ގެއްލުންވާ މިންވަރަށް ފެން ބޮޑުވާއިރު، ފެން ހިންދުމުގެ މަސައްކަތްތައް އެކި ފަރާތްތަކުގެ އެހީތެރިކަމާ އެކު ކުރަމުން ގެންދާ ކަމަށެވެ.

އާންމުން ކަންބޮޑުވާ ކޮންމެ ކަމެއްގައި ފަސޭހަ ކޮށްދިނުމަށް ފޯރުކޮށްދެވޭ ކޮންމެ ހިދުމަތެއް ފޯރުކޮށްދިނުމުގައި އެމްއެންޑީއެފްއަކީ ކައުންސިލާ އެކު އެންމެ ގާތުން މަސައްކަތް ކުރާ މުއައްސަސާ ކަމުގައި ވަނީ ފާހަގަކޮށްފަ އެވެ.

މި ދެ ޕަމްޕަކީ، ފެންގަނޑު ތެރޭގައި ހުންނަ ތިން އިންޗި ފުޅާމިނުގެ ސޮލިޑް ހޮޅިތެރެއިން ބޭރު ކޮށްލެވޭ ޕަމްޕުތަކެކެވެ. މިނެޓަކު 11،356.24 ލީޓަރުގެ ފެން މި ޕަމްޕުތަކުން ބޭރު ކުރެ އެވެ. މީގެކުރިން މާލޭގައި ފެންހިންދުމަށް ބޭނުން ކުރަމުން އައީ މިނެޓަކު 1،300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރާ ޕަމްޕުތަކެކެވެ.