ޚަބަރު ރައްޔިތުންގެ މަޖިލިސް

ރާއްޖެ-ޗައިނާ އެފްޓީއޭގެ ދަށުން ދުންފަތުގެ ބާވަތްތަކާ އަދި ސިނގިރޭޓު އެތެރެނުކުރެވޭނެ: ސައީދު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އިކޮނޮމިކް މިނިސްޓަރު ސައީދު / ފޮޓޯ:ދެން އިމޭޖްސް

ރާއްޖެ އާއި ޗައިނާ އާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރި (އެފްޓީއައި) ގެ އެއްބަސްވުމުގެ ދަށުން ދުންފަތުގެ ބާވަތްތަކާ އަދި ސިނގިރޭޓު އެތެރެނުކުރެވޭނެ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ލިޔުމުން ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި ޖަވާބުގަ އެވެ.

ކުޑޫ ވަނީ އެފްޓީއޭގެ ދަށުން ޗައިނާއިން ރާއްޖެއަށް އެތެރެކުރެވޭ ދުންފަތުގެ ބާވަތްތަކާ އަދި ސިނގިރޭޓުން ޑިއުޓީ ނަގާނެތޯ ސުވާލު ކުރައްވާފަ އެވެ. ސިނގިރޭޓު އެތެރެކޮށްގެން ދައުލަތުގެ ބަޖެޓަށް ވަންނާނެ ކަމަށް ލަފާކުރާ އާމްދަނީގެ އަދަދަށް އެކަމުގެ ސަބަބުން އަންނާނެ ހީނަރުކަމާ އަދި އެކަން ފޫބައްދަން ކުރަމުންދަނީ ކޮން ކަންތައްތަކެއްތޯ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ސައީދު ވިދާޅުވީ އެފްޓީއޭގެ ދަށުން ދުންފަތުގެ ބާވަތްތަކާ އަދި ސިނގިރޭޓުން ޑިއުޓީ ނަގާނެ ކަމަށެވެ. ދުންފަތުގެ ބާވަތްތަކާ އަދި ސިނގިރޭޓުން ދައުލަތަށް ލިބޭ އާމްދަނީ ބިނާވާނީ ޗައިނާއިން ރާއްޖެއަށް އެ ބާވަތްތައް އެތެރެކުރާ މިންވަރުގެ މައްޗަށް ކަމަށެވެ.

އެފްޓީއޭގެ ދަށުން، އެފްޓީއޭގައި ދުންފަތުގެ ބާވަތްތަކާއި ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހާމަކޮށްފައިވާ އެފްޓީއޭގެ އިމްޕޯޓު ޑިއުޓީ ހިލާފުކަން ފާހަގަކޮށް ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު ވަނީ އެ އެއްބަސްވުމުގެ ތެރެއިން ދުންފަތުގެ ބާވަތްތަކާއި ސިނގިރޭޓުން ނަގަން ކަނޑައަޅާފައިވާ އިމްޕޯޓު ޑިއުޓީތަކާ ގުޅޭގޮތުން ސުވާލު ކުރައްވާފަ އެވެ. އަދި އެފްޓީއޭގެ ތެރެއިން ކަސްޓަމުން ނަގާ އިމްޕޯޓް ޑިއުޓީ ތަފާތު ނަމަ، އެ ތަފާތުތަކާއި ތަފާތުކުރި ސަބަބާ ގުޅޭގޮތުން ސުވާލު ކުރެއްވި އެވެ.

"ދިވެހިރާއްޖެއިން ޗައިނާ އާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދުންފަތުގެ ބާވަތްތަކުން ޑިއުޓީ އިނާޔަތް ދިނުމުން ވަނީ އިސްތިސްނާކޮށްފަ އެވެ. އަދި އެއްބަސްވުމުގެ ދަށުން ސިނގިރޭޓުން ޑިއުޓީ ނަގާނީ ދިވެހިރާއްޖެއަށް އެހެން ގައުމުތަކުން އެތެރެކުރާ ސިނގިރޭޓަށް ވެސް ޑިއުޓީ ނަގާ ރޭޓުންނެވެ،" އެ ސުވާލުތަކަށް އިކޮނޮމިކް މިނިސްޓަރު ލިޔުމުން ފޮނުއްވި ޖަވާބުގައި ވިދާޅުވި އެވެ.

ރާއްޖެ އާއި ޗައިނާ އާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

އެފްޓީއޭ އާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދު އިގުތިސޯދީ ގުޅުން އިތުރަށް ބަދަހިވެ، އެއް ގައުމުން އަނެއް ގައުމަށް އެކްސްޕޯޓްކުރެވޭ މުދާ އިތުރު ކުރެވޭނެ ކަމުގަ އެވެ. ޗައިނާއިން ރާއްޖެއަށް އިމްޕޯޓްކުރެވޭ މުދަލުގެ އަގުހެޔޮ ކުރެވި، ވިޔަފާރި އަދި އިންވެސްޓްމަންޓުތައް އިތުރުވެ، ވިޔަފާރީގެ އާ ފުރުސަތުތައް ފަހިވުމާ އެކު، އެއް ގައުމުން އަނެއް ގައުމުގެ މާކެޓަށް ވަނުމަށް ފަސޭހަވެ އެކަމުގެ ފައިދާ ކުރާނެ ކަމުގަ އެވެ.

އެއްބަސްވުމަށް އަމަލުކުރަން ފެށުމާ އެކު، ޗައިނާއިން ރާއްޖެއަށް އިމްޕޯޓްކުރާ 70 އިންސައްތަ އައިޓަމުން ޑިއުޓީ ކަނޑާލާނެ ކަމަށާ އަދި ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ 95 އިންސައްތަ އައިޓަމުން ވެސް ޑިއުޓީ ކަނޑާލާނެ ކަމަށް ބުނެފައިވެ އެވެ.

ރާއްޖެ އާއި ޗައިނާ އާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ގެޒެޓުގައި ވަނީ އާންމުކޮށްފަ އެވެ.