Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ވިޔަފާރި

ހިތަދޫ ޕޯޓުގެ ނީލަންތަކުގައި އޮންލައިންކޮށް ބައިވެރިވެވޭނެ ގޮތް ހަމަޖައްސައިފި

ހިތަދޫ ޕޯޓުގެ ނީލަންތަކުގައި އޮންލައިންކޮށް ބައިވެރިވެވޭނެ ގޮތް ހަމަޖައްސައިފި

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ އޯކްޝަން ޕޯޓަލްއިން ހިތަދޫ ޕޯޓުގެ ނީލަންތަކުގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އެމްޕީއެލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އޯކްޝަން ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް، އިތުރު އެއްވެސް ފީއެއް އަދި ރަޖިސްޓްރޭޝަނަކާ ނުލާ ހިތަދޫ ޕޯޓުން ހުޅުވާލާ ނީލަންތައް މިހާރު ފެންނާނެ ކަމަށެވެ.

އެއްވަގުތެއްގައި ތަފާތު ނީލަންތަކުގައި ވެސް އެ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ކަމަށް އެމްޕީއެލުން ބުންޏެވެ.

Advertisement
Ooredoo — Square (box)

އެމްޕީއެލްގެ އޯކްޝަން ޕޯޓަލް 2022 ވަނަ އަހަރު ތައާރަފް ކުރެވުނީ، މާލެ ވިޔަފާރި ބަނދަރަށް ގެނެސް ގިނަ ދުވަސްވެ، ކްލިއާ ނުކޮށް ހުންނަ މުދާ ނީލަން ކިޔުމުގައި ގިނަ ބަޔަކަށް ފަސޭހަކަމާ އެކު ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.

މި ޕޯޓަލްގައި މީގެކުރިން ބައިވެރިވެވެނީ ހަމައެކަނި މާލެ ބަނދަރުގެ ނީލަންތަކުގައި އެކަނި އެވެ. ނަމަވެސް ހިތަދޫ ޕޯޓުގެ ނީލަންތައް ޕޯޓަލްއަށް އިތުރުކުރުމުން، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް އެ ޕޯޓުގެ ނީލަންތަކުގައި ބައިވެރިވެވޭނެ އެވެ.

އެމްޕީއެލުން ބުނީ ހިތަދޫ ޕޯޓުގައި ހުންނަ މުދާތައް ގަތުމަށް ނީލަމުގައި އޮންލައިންކޮށް ބައިވެރިވެ، ބިޑްކޮށް ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތުން ގަންނަން ބޭނުންވާ މުދަލުގެ ހުރިހާ މައުލޫމާތެއް ވެސް ޕޯޓަލްއިން ލިބޭނެ ކަމަށް އެމްޕީއެލުން ބުންޏެވެ.

ހިތަދޫ ޕޯޓަށް ގެންނަ މުދާތަކުގެ ތެރެއިން އާންމުކޮށް ގޮތެއްގައި ކްލިއަނުކޮށް ގިނަ ދުވަސްވެގެން ނީލަމުގައި ވިއްކާލަނީ މޮޓޯ ވެހިކަލްތަކެވެ.

ކުރިއަށް އޮތްތަނުގައި ކުޅުދުއްފުށީ ޕޯޓުގެ ނީލަމުގެ ހިދުމަތްތައް އޯކްޝަން ޕޯޓަލް މެދުވެރިކޮށް ބައިވެރިވެވޭނެ ހިދުމަތް ތައާރަފްކުރުމަކީ އެ ކުންފުނީގެ ވިސްނުމެއް ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް