ޚަބަރު

ޣައްޒާއަށް އިންސާނީ އެހީ ވެއްދުން އިޒްރޭލުން ހުއްޓުވުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި 

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފޮރިން މިނިސްޓްރީ ހިންގާ ފަތުހުﷲ ޖަމީލް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ޣައްޒާއަށް ހުއްޓުމެއް ނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން ގޮވާލައިފި އެވެ.

އިސްރާއިލުން ޣައްޒާގައި ހިންގަމުން ދިޔަ ގަތުލު މެދުކަނޑާލައި އިންސާނީ އެހީ ޣައްޒާއަށް ވެއްދުމުގެ ފުުރުސަތު ދީފައި އޮތުމަށް އަނެއްކާވެސް ވަނީ އެހީތައް އެތެރެވުން ހުއްޓުވައިފަ އެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ އިންސާނީ އެހީ ވެއްދުން ހުއްޓާލުން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ، އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ.

އަދި އިސްރާއީލުން ހިންގާ މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓާލައި، ބައިނަލްއަގުވާމީ މުޖުތަމައުތައް ޖަވާބުދާރީކުރުވުމުގެ ނިޒާމުތައް ޒިންމާދާރުކުރުވުމަށް ވެސް ރާއްޖެއިން ވަނީ ގޮވާލައިފަ އެވެ.

"ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ރާއްޖެއިން ގޮވާލަމެވެ." ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ވެސް ގޮވާލައިފަ އެވެ.