ޚަބަރު

ބޭއަދަބީކޮށް ކަސްޓަމަރަކާ މުއާމަލާތްކުރި ޓެކްސީ ޑްރައިވަރަކު އަވަސް ސެންޓަރުން ބޭރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އަވަސް ޓެކްސީ ސެންޓަރުގެ ކާރެއް/ ފޮޓޯ؛ އަވަސް އެޕް [ފޭސްބުކް]

ބޭއަދަބީކޮށް ކަސްޓަމަރަކާ މުއާމަލާތްކުރި ޓެކްސީ ޑްރައިވަރު, ޓެކްސީގެ ހިދުމަތް ފޯރުކޮށްދޭ ''އަވަސް'' އިން ބޭރުކޮށްފި އެވެ.

އަވަސް އެޕުން ޓެކްސީގެ ހިދުމަތް ހޯދި އަންހެނަކު ބޭނުންވި ތަނަކަށް ގެންގޮސްނުދީ އެހެން ތަނަކަށް ގެންދަން އުޅުނު މައްްސަލައެއް ސޯޝަލް މީޑިއާގައި ވަނީ ފެންމަތިވެފަ އެވެ.

އެ މައްސަލައާ ގުޅިގެން އަވަސް އެޕުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެކަން ހިނގީ އަވަސް އެޕްގެ ޑްރައިވަރު މުހައްމަދު ވާފިރު މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލެއިން މާލެއަށް ދާން މީހަކު ނަގައިގެން ކުރި ދަތުރެއްގެ ތެރެއިން ކަމަށެވެ.

އަދި އެ މައްސަލައިގައި ދެފަރާތާ ވާހަކަ ދައްކާ ތަހުގީގުކޮށް  ވާފިރުއަށް ދީފައިވާ ހުރިހާ ހިދުމަތެއް ދާއިމީކޮށް ކަނޑާލައިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އަވަސް ރައިޑް، އަވަސް އެޕް އަދި ޓެކްސީ ސެންޓަރު ހިމެނެ އެވެ.

އަވަސް އެޕުން މިހާރު ވަނީ އެ މައްސަލަ ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީއަށް ވެސް ހުށަހަޅައިފަ އެވެ.

އަވަސް ސެންޓަރުން ބުނީ އެފަދަ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އިދާރާތަކުން ވެސް އެފަދަ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅު އަޅަންވެސް އަވަސް އެޕުން ގޮވާލި އެވެ.

ޓެކްސީ ޑްރައިވަރުން ގަވާއިދަށް ހުރުމަތް ތެރިކޮށް ނުހިތައި ބޭ އަދަބީކޮށް ކަސްްޓަމަރުންނާ މުއާމަލާތްކުރުމުގެ މައްސަލަ ބޮޑެވެ.

މިދިޔަ މަހު ސަރުކާރުން ސަރުކާރުން ޓެކްސީ ފްލީޓެއް ފަށަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ އިރު އެ ކުންފުނިން ވަނީ އެފަދަ ކަންކަން އެމްޓީސީސީން ފަށުުމުން ނުހިނގާނެކަމުގެ ޔަގީންކަން ދީފަ އެވެ.