ޚަބަރު

ސިޔާމް ކެއާއިން ކަމަދޫގެ ކޮންމެ ގެއަކަށް ބިސް ކޭހެއް ދެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ދ. މީދޫއަށް ވަޑައިގަތުމުން މެމްބަރު އަހްމަދު ސިޔާމަށް މަރުހަބާ ކިޔަނީ - ފޮޓޯ:ސަން ފޮޓޯ/އަމަން ލަތީފް

ބ. ކަމަދޫގެ ކޮންމެ ގެއަކަށް ކޮންމެ ގެއަކަށް ރޯދަ ހަދިޔާ ރޯދަ ހަދިޔާއެއްގެ ގޮތުގައި ބިސް ކޭހެއް ދިނުމަށް ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ނިންމަވައިފި އެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ކަމަދޫގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ބިސް ކޭހެއް ހަދިޔާ ކުރަނީ ސަން ސިޔާމް ކެއާގެ ފަރާތުންނެވެ. ސިޔާމް އެގޮތަށް ނިންމަވާފައިވާކަން ހާމަކުރެއްވީ އެމްޑީއޭގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް އެވެ.

ގާތްގަނޑަކަށް 564 މީހުންގެ އާބާދީއެއް އޮންނަ ކަމަދޫގެ ކޮންމެ ގެއަކަށް ބިސް ކޭހެއް ދިނުމަށް ހަމަޖެހިފައިވާކަން ކަމަދޫ ކައުންސިލުގެ ނައިބު ރައީސް ހަސަން މުފީދު ވަނީ "ދެން" އަށް ޔަގީންކޮށްދެއްވާފަ އެވެ. އެކަން އަންގާފައިވާ ކަމަށާއި ބަހަން ނިންމާފައިވާ ބިސް ކޭސްތައް ރަށަށް އަދި ގެނެސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާމުގެ ހަގު އަނބިކަނބަލުން ނިސްބަތް ވަނީ ކަމަދޫއަށެވެ. ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އާމިނަތު ޒާރާ އާ ކައިވެނި ބައްލަވައިގަތީ މިދިޔަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

ރަށުގެ ކޮންމެ ގެއަށް ރޯދަ ހަދިޔާ ދޭން ނިންމިއިރު، ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާގެ އެހީގެ ދަށުން ކަމަދޫ ރައްޔިތުންނަށް ރާއްޖޭންނާއި ރާއްޖޭން ބޭރުން ބޭސްފަރުވާގެ މާލީ އެހީތެރިކަން ލިބޭ ގޮތް ވަނީ ހަމަޖައްސާފަ އެވެ. އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ކަނޑައެޅޭ އުސޫލެއްގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނީ ސަން ސިޔާމް ކެއާގެ ފަރާތުން ކަމަށް ކަމަދޫ ކައުންސިލުން މީގެކުރިން ބުނެފައިވެ އެވެ. އެެހީއަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތަށް ކައުންސިލުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ވަނީ ހުޅުވާލާފަ އެވެ.

މީދޫ ދާއިރާގެ މެމްބަރުގެ ހަރަދުގައި ދާއިރާގެ ރަށްތަކަށް އަބަދުވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އޭގެ އިތުރުން މި ރޯދަ މަހު ނ. އަތޮޅުގެ މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ބިސް ކޭހެއް ހަދިޔާކުރަން ވެސް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ ރައީސްގެ ސިޔާމް ކެއާއިން ވަނީ ނިންމާފަ އެވެ.