ޚަބަރު

އެޗްޑީސީ އާއި ސަލަފު ގުޅިގެން ހުޅުމާލެ ހޮސްޕިޓަލަށް އިފްތާރު ޕެކް ފޯރުކޮށްދެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އެޗްޑީސީން ސަލަފުއާ އެކު ވެވުނު އެއްބަސްވުން ދައްކާލަނީ/ ފޮޓޯ: އެޗްޑީސީ

އެޗްޑީސީއާ ސަލަފު ޖަމިއްޔާ ގުޅިގެން، މި ރޯދަ މަހު ގައި ހުޅުމާލޭ ހޮސްޕިޓަލަށް އިފްތާރު ޕެކް ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.

އެކަމަށްޓަކައި އެޗްޑީސީއާއި ސަލަފު ޖަމިއްޔާއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެޗްޑީސީން ބުނީ އެއްބަސްވުމުގެ ދަށުން، ރޯދަ މަހުގައި ފޯރުކޮށްދޭ އިފްތާރު ޕެކްތައް ތައްޔާރުކުރުމަށް  ސަލަފު ޖަމިއްޔާއަށް ބޭނުންވާ ވޯކިން ސްޕޭސް ހަމަޖައްސައިދީފައިވާ ކަމަށެވެ.

އެގޮތުން، ރޯދަ މަހުގެ ކޮންމެ ދުވަހެއްގައި ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ މުވައްޒަފުންނާއި ހޮސްޕިޓްލުގައި ފަރުވާ ހޯދަމުންދާ ބަލި މީހުންނަށް އެ ޕްރޮގުރާމުގެ ދަށުން އިފްތާރު ޕެކް ފޯރުކޮށްދޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

"މިފަދަ ތަނެއް ހަމަޖެހިގެން ދިއުމަކީ އަޅުގަނޑުމެންގެ މިމަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް! ހިލޭ ސާބަހަށް ކުރާ މިފަދަ ކަންކަމަށްވެސް ބޮޑު ކުލީގައި ތަނެއް ހިފައިގެން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ދަތިކަމެއް! ނަމަވެސް މިއަހަރު މިފަދައިން އެޗްޑީސީން ހަމަޖައްސަވައި ދެއްވިކަމީ އަޅުގަނޑުމެން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަ ކުރާކަމެއް" އެ ޕްރޮގްރާމްގެ ކޯޑިނޭޓާ، މުހައްމަދު ޝުޖާއު ވިދާޅުވި އެވެ.

އެޗްޑީސީން ބުނީ އެ ހަަރަކާތަކީ ރޯދަ މަހުގައި އެކަކު އަނެކަކަށް އެހީތެރިވެ އަޅާލުމަށާއި، އިސްލާމީ ރިވެތި އާދަތަކާ އެއްގޮތަށް އެކަކު އަނެކަކަށް ހަދިޔާ ދިނުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި ބަލި މީހުންނަށް ފަރުވާ ދިނުމަށް، ވަރުބަލިކަމެއް ނެތި ސިއްހީ ދާއިރާގެ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

އެޗްޑީސީގެ އަމާޒަކީ، އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރިއަށް އޮތް ތަނުގައިވެސް އެފަދަ މުޖްތަމައުއަށް ފައިދާހުރި ގިނަ ޕްރޮގުރާމުތަކެއް ހިންގުމާއެކު ރޯދަ މަހުގައި އެކަކު އަނެކަކަށް އެހީތެރިވުމަށް ބާރު އެޅުމެވެ.