ޝައިޚް އިސްމާއީލުގެ ހަރަދުގައި އަޅާ 2،000 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅައިފި

މ. ތައިބާ ފަޟީލަތުއްޝައިޚް އިސްމާއީލު މުހައްމަދުގެ ހަރަދުގައި ހުޅުމާލޭގައި އަޅާ 2،000 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅައިފި އެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ވަގުތީ މިސްކިތް ކުރިން ހުރި ބިމުގައި ބިނާކުރާ މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ، އެކަމަށް ޓަކައި މިއަދު މެންދުރުފަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މަދީނާ އިންވެސްޓްމަންޓްގެ މެނޭޖްމަންޓުގެ ދަށުން އިމާރާތްކުރާ މި މިސްކިތަކީ، މ. ތައިބާ ފަޟީލަތުއްޝައިޚް އިސްމާއީލު މުހައްމަދުގެ އެހީގައި ބިނާކުރެވޭ މިސްކިތެކެވެ.
ދެ ފަންގިފިލާއަށް އިމާރާތްކުރާ، 2،000 މީހުންގެ ޖާގައިގެ މި މިސްކިތް ނިސްބަތް ކުރެވިފައި ވަނީ ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން އާއިޝާއަށެވެ.
ރިސާޗް ލައިބްރަރީއަކާ އެކު ބިނާކުރާ މި މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރެވޭ ޖާގައަކާއި އަންހެނުންނަށް ހާއްސަ ފާހާނާއެއް ހިމެނުމަށް ވަނީ ހަމަޖެހިފަ އެވެ. މިސްކިތަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ނިންމާފައި ވަނީ އިރުގެ ހަކަތަ ބޭނުންކޮށްގެންނެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ފަޟީލަތުއްޝައިޚް އިސްމާއީލު މުހައްމަދާއި އެމަނިކުފާނުގެ އާއިލާގެ މެމްބަރުންނާއި ކެބިނެޓް މިނިސްޓަރުންގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.