އެފްބީއައިއިންވެސް ނިންމީ ޒަކިއްޔާ މަރާލި ކަމަށް ނުބެލެވޭ ކަމަށް

މިދިޔަ ސެޕްޓެމްބަރު މަހު ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު، ޒަކިއްޔާ މޫސާ މަރާލި ކަމަށް ނުބެލެވޭ ކަމަށް އެމެރިކާގެ ތަހުގީގީ އިދާރާ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ދިވެހި ފުލުހުންނަށް އަންގާފައިވާކަން އެނގިއްޖެ އެވެ.
މަރާލި ކަމަށް ރަށު މީހުން ގަބޫލު ކުރާ ސަބަބަކީ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ގުދަނުގެ ތެރޭގައި ވަޅިއެއް އޮތުމުންނާއި ފެނުނު ވަޅީގައި ޒަކިއްޔާގެ ލޭ ހުރުމުންނެވެ. ޒަކިއްޔާ ފެނުނު އިރު އޭނާގެ ކަރުގައި ވަޅި އަޅާފައިވާ ކަމަށް ފުލުހުން ވެސް ބުނެފައިވެ އެވެ.
ޒަކިއްޔާއަށް ލިބިފައިވާ އަނިޔާތަކަކީ މީހެއްގެ ފަރާތުން ލިބުނު އަނިޔާތަކެއް ކަމަށް ނޫން ކަމަށް ވެސް އެ މައްސަލާގައި ބޭއްވި ޕްރެސްގައި ފުލުހުން ބުނެފައިވެ އެވެ.
އެކަމަކު ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން އެފްބީއައިއާ، ތަހުގީގުގައި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން ހޯދަމުންދާ ކަމަށް ފުލުހުން މީގެ ކުރިން އޮތީ ބުނެފަ އެވެ.
އެ މައްސަލައިގެ މައުލޫމާތު އެނގޭ އިސް އޮފިޝަލަކު "ދެން" އަށް ވިދާޅުވީ އެފްބީއައިއިން ހޯދި ހޯދުންތައް މިދިޔަ ހަފްތާގައި ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށެވެ.
<strong>"އެފްބީއައިއިން ނިންމީ މަރާލި ކަމަށް ނޫން ކަމަށް"</strong> އެ އޮފިޝަލް ވިދާޅުވި އެވެ.
އެކަން ޒަކިއްޔާގެ އާއިލާގެ މެންބަރުންނާ ހިއްސާކޮށްފައިވާ ކަމަށް ރަށުގެ ބައެއް މީހުން ވެސް "ދެން" އަށް މައުލޫމާތު ދީފަ އެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ރަސްމީ ބަހެއް ލިބޭގޮތް އަދި ވަނީ ނުވެފަ އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި ހޮޅުދޫ ގައި ސިލްސިލާކޮށް އިހުތިޖާޖުކުރަމުންދާއިރު އެކަމާ ގުޅިގެން ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނު މިހާރުވެސް ހުންނެވީ އެ ރަށުގަ އެވެ.
ކޮމެންޓެއް ހޯދާލަން "ދެން" އިން ގުޅާލުމުން މިނިސްޓަރު އިހުސާން ވިދާޅުވީ ތަހުގީގުގެ ހުރިހާ މަރުހަލާއެއް ނިމުމުން ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ.
ޕްރެސް ބާއްވާނެ ސީދާ ތާރީހެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
https://dhen.mv/256228
މީގެ ކުރިން ހޮޅުދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ޒަކިއްޔާ މޫސާގެ އޮޓޮޕްސީ ނަހަދަން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ. އޮޓޮޕްސީ ހެދިނަމަ އެ ރަށުގައި މިހާރު އޮތް ނުތަނަވަސްކަން ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
އެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ޒަކިއްޔާ މަރުވީ އާދައިގެ ގޮތަކަށް ގަބޫލުނުކުރެވޭ ކަމަށެވެ.






ކޮމެންޓް