ޚަބަރު

މި މަހު 10 ގެ ނިޔަލަށް މާލެއަށް މަސްދަޅު ބަހާ ނިމޭނެ: މިނިސްޓަރު

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރާ ސަރަހައްދުތަކަށް ވަޑައިގެން މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓަރު އާދަމް ޝަރީފް ބައްލަވާލައްވަނީ / ފޮޓޯ:ލޯކަލް ގަވަމެންޓް މިނިސްޓްރީ

އަމާޒަކީ މި ހިނގާ މާޗް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް ބަހާ ނިންމުން ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި މިދިޔަ މަހުގެ 20 ވަނަ ދުވަހު ބަހަން ފަށާފައިވާއިރު، ރޯދަ މަހު މަސްދަޅު ކޭސް ބެހުމުގެ ގަޑިތަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވަނީ ގެނެސްފަ އެވެ.

މާލެ ސަރަހައްދުގައި ހިމެނޭ ވިލިމާލެ، ހުޅުމާލެ އަދި ހުޅުމާލެ ފޭސް 2 ގައި މަސްދަޅު ކޭސް ބަހަމުން ދަނީ ރޭގަނޑު 9:30 އިން ފެށިގެން 11:30 އަށެވެ.

ލޯކަލް ގަވަމެންޓް މިނިސްޓަރު "އެކްސް" ގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ގއ. އަދި ގދ، އަތޮޅުގެ ހުރިހާ ރަށްތަކަށް މަސްދަޅުކޭސް ލިބޭނެ ކަމަށެވެ.

އެ ދެ އަތޮޅުތަކުގެ ރަށްތަކަށް މަސްދަޅު ކޭސް ފޯރުކޮށްދެވުމުން މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ރޯދަ ހަދިޔާ ފޯރުކޮށްދެވުނީ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

މާލެ ސަރަހައްދުން މަސްދަޅު ކޭސް ބެހުމަށް ހަމަޖައްސާފައިވާ ސަރަހައްދުތައް:

  • މިފްކޯ ކޮމްޕްލެކްސް (މާފަންނު) - 200 ޓޯކަން
  • އެމްޓީސީސީ ސޯމިލް - 200 ޓޯކަން
  • ހެންވޭރު ދަނޑު - 200 ޓޯކަން
  • ގަލޮޅު ދަނޑު – ސެޓަޕް 1 (50 ޓޯކަން)
  • ގަލޮޅު ދަނޑު – ސެޓަޕް 2 (50 ޓޯކަން)
  • ގަލޮޅު ދަނޑު – ސެޓަޕް 3 (50 ޓޯކަން)
  • ގަލޮޅު ދަނޑު – ސެޓަޕް 4 (50 ޓޯކަން)
  • ސޯޝަލް ސެންޓަރު ވިލިމާލެ - 100 ޓޯކަން
  • ވެމްކޯ ސައިޓް ހުޅުމާލެ - 100 ޓޯކަން
  • އުމަރު ޒާހިރު ބިލްޑިން / ހުޅުމާލެ - 100 ޓޯކަން
  • ޕޮލްކޯ ޓަވާ (ސީ ބްލޮކް) (ހުޅުމާލެ) - 100 ޓޯކަން
  • ހިޔާ ޓަވަރު 10 (ހުޅުމާލެ) - 100 ޓޯކަން
  • ކާމިލްދީދީ ޕްރީސްކޫލް - 100 ޓޯކަން

ކޮންމެ ގޭބީސީއަކަށް ދޫކުރަން ހަމަޖެހިފައި ވަނީ 48 ދަޅުގެ މަސް ކޭހެކެވެ. މަސްދަޅު ކޭސް ބަލައިދާއިރު ގޭބިސީގެ ކަރަންޓު މީޓަރު އެނގޭ ފަދަ ލިޔުމަކާއި އެ މީހެއްގެ އައިޑީކާޑު ހިފައިގެން ދިއުމަށް ވަނީ އެދިފަ އެވެ.

Ads by Allied Insurance