ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 400 ވޭޕް ސްޓިކް އަތުލައިގެންފި

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 400 ވޭޕް ސްޓިކް ހިމެނޭ ޕެކޭޖެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން މިއަދު ބުނީ އެ ތަކެތި އަތުލައިގަތީ މާލެ ކޮމާޝަލް ހާބަރަށް ގެނެސްފައިވާ ސީފްރައިޓް ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ.
"މިގޮތުން ޖެނެރަލް ކާގޯގެ ގޮތުގައި ކަސްޓަމްސްއަށް ޑިކްލެއަކޮށްފައިވާ މި ޝިޕްމަންޓުގައި ހިމެނޭ މުދަލުގެ ތެރޭގައި ވޭޕް ސްޓިކް ފޮރުވާފައި ހުރި ކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބެލިބެލުމުން 400 ވޭޕް ހިމެނޭ ޕެކޭޖެއް ވަނީ އަތުލައިގަނެވިފައި،" ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރާއްޖެ އެތެރެކުރަން އުޅުނު ވޭޕް ސްޓިކްތަކެއް އަތުލައިގެންފައިވާކަން ކަސްޓަމްސްއިން ހާމަކުރިއިރު، މާލޭގައި ގަވާއިދާ ހިލާފަށް ވޭޕްގެ ވިޔަފާރިކުރާ ކަަމަށް ފުލުުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބިދޭސީއަކު ވަނީ އަތުލައިގެންފަ އެވެ.
ފުލުހުން މިއަދު ބުނެފައިވާ ގޮތުގައި އެ އޮޕަރޭޝަނުގައި، ވޭޕް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ދިރިއުޅޭ ތަނާ އަދި އޭނާ މަސައްކަތްކުރާ ކެފޭ ބަލައި ފާސްކޮށްފައިވާ ކަމުގަ އެވެ. އެ ތަންތަން ބަލައި ފާސްކުރުމުގެ ތެރެއިން 84 ވޭޕް ކާޓްރިޖް އާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ މައްސަލަ އާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ.
އެ އޮޕަރޭޝަނުގެ އިތުރުން ގަލޮޅުގައި ހުންނަ ފިހާރައެއްގައި ވޭޕް ވިއްކައި، ވިޔަފާރިކުރާ ކަަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން އެ ފިހާރަ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލަތްތަކަކީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދެ ވަނަ ބާބު، ދުންފަތުގެ ބާވަތްތައް ގަނެވިއްކުމާއި ދުންފަތް ހެއްދުމާއި ދުންފަތް އުފެއްދުމުގެ 10 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެކުރުން މަނާ ތަކެއްޗެވެ.
