ޚަބަރު

ފަނޑިޔާރުންގެ މައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީއަށް އުޝާމްގެ ބަދަލުގައި ނާސިހު

އަލީ ސަމާޙް ، ދެން އޮންލައިން
ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބަލަން ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލި ކޮމިޓީން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވަކިވެވަޑައިގަނެ، އޭނާގެ ބަދަލުގައި އެ ކޮމިޝަންގައި އިންނަވާ ސިވިލް ސާވީސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހު ހަމަޖައްސައިފި އެވެ.

Ads by MPL

ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތައް ބަލަން ޖޭއެސްސީން 3 މެންބަރުންގެ ކޮމިޓީއެއް އެކުލަވައިލި އެވެ. އެ ކޮމިޓީގައި ޖޭއެސްސީގައި އިންނަވާ އުޝާމްވެސް ހިމެނިވަޑައިގަންނަވަ އެވެ.

ސުުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަަލައެއްގައި އޭޖީ އުޝާމުގެ މަސްލަހަތު ހިމެނޭ ކަމަށް ބުނެ އަޒްމިރާލްދާ ޖޭއެސްސީއަށް އިއްޔެ ސިޓީއެއް ހުށަހެޅި އެވެ. އެ ސިޓީގައި އަޒްމިރާލްދާ ވިދާޅުވީ އޭނާގެ ސުލޫކީ މައްސަލަ ބަލަން ފެށީ އޭޖީއާ ދެކޮޅަށް ސުޕްރީމް ކޯޓުގައި މައްސަލައެއް ހިނގަމުން ދަނިކޮށް ކަމަށެވެ.

އެ މައްސަލަ އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ދައުލަތާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެވެ. އެހެންވެ އަޒްމިރާލްދާގެ ސިޓީގައި ވިދާޅުވީ އެއީ އޭޖީގެ މަސްލަހަތު އޮތް ކަމެއް ކަމަށެވެ.

އުޝާމް "ދެން" އަށް މިރޭ ވިދާޅުވީ އަޒްމިރާލްދާގެ ސިޓީގައި އެގޮތަށް ބަޔާންކޮށްފައި އޮތުމުން އިއްޔެއިން ފެށިގެން ކޮމިޓީން ވަކިވެވަޑައިގެންނެވީ ކަމަށެވެ.

".. ބަންޑާރަ ނައިބުގެ މަސްލަހަތު އޮތް ކަމެއް ކަމަށް ބަޔާންކޮށްފައި އޮތީމަ އަޅުގަނޑު ނިންމީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ކޮމިޓީގައި ހުރުމަކީ" އުޝާމް ވިދާޅުވި އެވެ.

އުޝާމްގެ ބަދަލުގައި ކޮމިޓީއަށް ނާސިހު ހަމަޖައްސާފައިވާކަން ޖޭއެސްސީގެ އޮފިޝަލަކު ވަނީ "ދެން" އަށް ޔަގީންކޮށްދީފަ އެވެ.

އެނގިފައިވާ ގޮތުން ކޮމިޓީގައި އިތުރު މެންބަރުންނަށް ހިމެނިވަޑައިގަންނަވަނީ ރައީސް ކަނޑައަޅުއްވާފައިވާ މެންބަރު ޔަޒްމީދު މުހައްމަދުގެ އިތުރުން ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކޮށްފައިވާ މެންބަރު އަލީ އަބްދުއްލަތީފް އެވެ.

އަޒްމިރާލްދާއާ ގުޅޭ ގޮތުން ޖޭއެސްސީން ދެ މައްސަލައެއް ދަނީ ބަލަމުންނެވެ. އެއް މައްސަލަ އަކީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިމީހާ ޑރ. އިސްމާއިލް ލަތީފްގެ މައްސަލާގައި ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވުމެވެ.

ކުރެވޭ ތުހުމަތުތައް ދޮގުކޮށް އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލް އާއްމުކުރި ނޫސްބަޔާނެއްގައި ވަނީ ވިދާޅުވީ ސުލޫކީ މައްސަލައެއް ބަލަނީ ނެތް ހާލަތެއް އުފައްދައިގެން ކަމަށެވެ.

އެ ބަޔާނުގައި ބުނީ އަޒްމިރާލްދާ ސަސްޕެންޝަނުގައި ހުންނަވާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވިއިރުވެސް ބަލަމުން ދަނީ ކޮން މައްސަލައެއްކަން އޭސީސީން އަންގާފައިނުވާ ކަމަށެވެ.

ޖޭއެސްސީން ބަލަމުންދާ މައްސަލައާ ގުޅިގެން އާދިއްތަ ދުވަހު ހެނދުނު 11 ޖަހާއިރަށް އެ ކޮމިޝަނަށް ހާޒިރުވާންށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!