ގާސިމްގެ ރިސޯޓެއްގައި ފަނޑިޔާރުންނާ ދެކޮޅަށް ސައްލާ ކުރި ވާހަކަ ދޮގުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް މިދިޔަ ޖެނުއަރީ މަހު ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންއާއި މަޖިލީސް ނާއިބު ރައީސް އަހުމަދު ނާޒިމް، ރޯޔަލް އައިލެންޑް ރިސޯޓުގައި ސިއްރު ރޭވުންތަކެއް ރޭވިކަމަށް ބުނާ ވާހަކަތައް އެ ރިސޯޓުގެ ވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ދޮގު ކުރައްވައިފި އެވެ.
ރޯޔަލް އައިލެންޑްގައި ސިއްރު ރޭވުންތަކެއް ރޭވިކަން ބުނެ ޝާއިއުކުރީ "ދިޔަވަރު" ނަމަކަށް ކިޔާ ވެބްސައިޓަކުންނެވެ. އެ ވެބްސައިޓުގެ އާޓިކަލްގައި ބުނެފައިވާ ގޮތުން ސުޕްރީމް ކޯޓުން އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއްސުއޫދުއާއި އަދި ސަސްޕެންޝަންގައި މިވަގުތު ތިބި އެ ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރު އާއި، ޑރ. އަޒްމިރާލްދާ ޒާހިރު އާއި ދެކޮޅަށް މަސައްކަތް ކުރުމަށް އުއްތަމަ ފަނޑިޔާރު ރޯޔަލް އައިލެންޑްގައި ވަނީ ޑީލެއް ހައްދަވައިފަ އެވެ.
އެ ބައްދަލުވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި، މުހައްމަދު ޝިހާބުވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް މިރޭ ގާސިމް "އެކްސް" ގައި ވިދާޅުވީ ދިޔަވަރު ނޫހުން ފެތުރި ހަބަރުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
"މިފަދަ ލިޔުންތައް ލިޔެ ޝާއިއުކުރާ މީހުންނަކީ މިފަދަ ދޮގު ހަބަރު ފެތުރުމުގައި ހުރި ނުބައިކަމާއި، ފާފަވެރިކަން އިނގިތިބެ، މުޖުތަމައު ފަސާދަ ކުރުމުގެ ބޭނުމުގައި މިފަދަ އަމަލުތަައް ތަކުރާރު ކޮށް ކުރާ މީހުންނެވެ. " ގާސިމް ވިދާޅުވި އެވެ.
އާޓިކަލްގައި ހުރީ ދޮގުކަން ބަޔާންކޮށް ގާސިމް ފާހަގަކުރެއްވި ކަންކަން
- ރޯޔަލް އައިލެންޑްއަށް ގާސިމް ވަޑައިނުގަންނަވާތާ ތިން އަހަރު ވަނީ ވެފައި
- ޝިހާބުވެސް އަދި މިހާރުގެ އުއްތަމަ ފަނޑިޔާރުވެސް ރޯޔަލް އައިލަންޑް މިދިޔަ އަހަރާއި މި އަހަރުވެސް ވަޑައިގެންފައެއް ނުވޭ
"އެހެންކަމުން، އަޅުގަނޑާއި، މަޖިލީހުގެ ކުރީގެ ރައީސް ޝިހާބާއި އުއްތަމަ ފަނޑިޔާރު އާއި، މަޖިލީހުގެ ނާއިބު ރައީސް އާއި ގުޅުވައި ގެން ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް އެއްވެސް ހަގީގަތެއް ނެތި ސިޔާސީ ބޭނުމުގައި ވަކި ބަޔަކު އޮންލައިން ނޫސްތަކުގައި ފަތުރާ އަދި ފަތުރަމުން ދާ މިފަދަ ދޮގު ވާހަކަތައް ހުއްޓުވައި ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު ގޮވާލަމެވެ." ގާސިމް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ގާސިމްގެ ރިސޯޓުގައި ރޭވުންތަކެއް ރޭވިކަމަށް ބުނާ ވާހަކަތައް އެމަނިކުފާނު ދޮގުކުރެއްވި އިރު އެ ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލަ މިހާރު އޮތީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
ޖޭއެސްސީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ތިން ފަނޑިޔާރުން ސަސްޕެންޑްކުރި އިރު އޭގެ ތެރެއިން ހުސްނުއްސޫއުދު އިސްތިއުފާ ދެއްވީ މިދިޔަ ހަފްތާގަ އެވެ.
