ޚަބަރު

18 ފުޅި ބަނގުރަލާއެކު ހައްޔަރުކުރި ބިދޭސީ މީހާ ޑީޕޯޓްކުރަނީ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީ މީހާ ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި މިއަދު ޝާއިއުކުރި ހަބަރެއްގައި ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ސޮފިޤުލް އިސްލާމް، (44އ) ކަމަށެވެ.

ފުލުހުން ބުނީ ސޮފިޤުލް ހައްޔަރުކޮށްފައިވަނީ މި މަހުގެ 5 ވަނަ ދުވަހު ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަރޭޝަނުގައި މަގުމަތިން އޭނާ ހުއްޓުވައި، ބަލައި ފާސްކޮށް އަދި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު 18 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އޭނާ ޑީޕޯޓްކޮށްލުމަށް އިމިގްރޭޝަނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance