ވަކި ބަޔަކަށް ދޭން ފްލެޓުތަކެއް ހުހެއް ނުކުރަން: ސަރުކާރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކުލަވާލި ފްލެޓު ލިސްޓުން، ވަކި ބަޔަކަށް ފްލެޓު ދޭންވެގެން ބަޔަކު އުނިކުރި ވާހަކަ ސަަރުކާރުން ރޭ ދޮގުކޮށްފި އެވެ.
އިދިކޮޅު އެމްޑީޕީން އިއްޔެ ބޭއްވި ޕްރެސްގައި ދެއްކި ވާހަކަތަކަށް ރައްދު ދީ ސަރުކާރުން ވަނީ 12 ސޮފްހާގެ ބަޔާނެއް ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ގްރޫޕަކަށް ހިއްސާކޮށްފަ އެވެ. ޕީއެންސީގެ ވަޓްސް އެޕް ގްރޫޕުގައި އެ ޑޮކިއުމެންޓު ހިއްސާކުރެއްވީ އެ ގްރޫޕުގެ އެޑްމިން ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.
އެމްޑީޕީން ބޭއްވި ޕްރެސްގައި އެ ޕާޓީގެ ގާނޫނީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އަހުމަދު މައުރޫފް ވިދާޅުވީ މިދިޔަ ސަރުކާރުން އެކުލަވާލި ލިސްޓުން އެއް ބަަޔަކު ޑިސްކޮލިފައި ކޮށްފައިވަނީ ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް މުއިއްޒުގެ ކެމްޕޭނުގައި މަސައްކަތްކުރި ބައެއް ފަރާތްތަކަށް ފްލެޓު ދޭން އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާތީ ކަަމަށެވެ. އެހެންވެ އެ ފަރާތްތަކަށް ޖަގާ ދިނުމަށްޓަކައި ގަސްތުގައި ގިނަ ބަޔަކު ޑިސްކޮލިފައި ކޮށްފައިވާ ކަމަށެވެ.
އެމްޑީޕީގެ ތުހުމަތަށް ޖަވާބުދެމުން ސަރުކާރުން ބުނީ، ވެރިފިކޭޝަންގައި މީހެއްގެ ފޯމެއް ގޯސްކޮށް ބެލިފައި އޮތްނަމަ އެކަން ރަނގަޅުކުރަން ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ބާކީވި ފްލެޓުތަކަށް އަމަލުކުރާނެ ގޮތަކީ ވެރިފިކޭޝަން ޕްރޮސެސް އެއް ކުރިއަށް ގެންދިޔުން ކަމަށް ސަރުކާރުން ބުންޏެވެ. އަދި އެ ވެރިފިކޭޝަންގެ ޕްރޮސެސްގެ ތެރެއިން އެންމެ މަތީ ޕޮއިންޓް ލިބޭ ފަރާތްތަކަށް ފްލެޓު ކަނޑައެޅޭނެ ކަމަށް ބުންޏެވެ.
"އޭގައި ފޯމް ހުށަހެޅިއިރު ދީފައިވާ މައުލޫމާތު ބަދަލުކުރުމަށް، އަދި އިތުރު ލިޔުން ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ. އެހެންކަމުން ވަކި ބަޔަކަށް ދިނުމަށް ފްލެޓްތަކެއް ހުސްކުރީއޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތް. އެކަމެއް ނުހިނގާނެ،" ބަޔާނުގައިވެ އެވެ.
އެމްޑީޕީގެ ޕްރެސްގައި އިތުރު ކަމެއްގެ ގޮތުގައި ފާހަގަކުރީ ލިސްޓުގައި ނުހިމެނޭ 577 މީހެއްގެ މައުލޫމާތު ރިވިއުކޮށް ފްލެޓް ދޭނެ ކަމަށް މިހާރުގެ ލިސްޓުގައި އިއުލާންކޮށްފައިވުމެވެ. އަދި 56 ފަރާތެއްގެ މާކްސްއާ ކުޅެ މާކްސް މަތިކޮށްފައިވާ ކަމަށެވެ.
އޭގެ ޖަވާބުގައި ސަރުކާރުން ބުނީ، ވެރިފައި ކުރީ 3 ކޮޓަރިއަށް އެޕްލައި ކުރި ފަރާތްތަކުގެ ތެރެއިން 75 ޕޮއިންޓް ލިބިފައިވާ ފަރާތްތަކާ އަދި 2 ކޮޓަރިއަށް އެޕްލައި ކުރި ފަރާތްތަކުގެ ތެރެއިން 73 ޕޮއިންޓު ލިބިފައިވާ ފަރާތްތައް ކަމަށެވެ.
"74 ޕޮއިންޓުން ގުރުއަތަށް ދާން ކަނޑައަޅާ އާންމުކޮށް އިއުލާންކޮށްފައިވާއިރު ވެރިފިކޭޝަންގައި އެފަރާތްތައް ހިމެނުމަކީ އެންމެ އިންސާފުވެރިގޮތަށްވާތީ އެކަން ކުރީ. 3 ކޮޓަރި ފްލެޓަށް އެޕްލައި ކުރި މީހުންގެ ތެރެއިން 75 ޕޮއިންޓަށްވުރެ ދަށްކޮށް މާކްސް ލިބުނު އެއްވެސް ފަރާތެއްގެ ފޯމު ބަލާފައިނުވާނެ" ބަޔާނުގައި ބުންޏެވެ.
މިހާރު ޑިސްކޮލިފައި ކޮށްފައިވާ ފަރާތްތަކަށް ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި އަޅާ ހައުސިން ޔުނިޓުތަކުން ފްލެޓު ލިބޭނެ ކަމަށް އެ ޕާޓީން ބޭއްވި ޕްރެސްގައި އިއްޔެ ވަނީ ބުނެފަ އެވެ.
އެއަށް ރައްދުދެމުން ސަރުކާރުން ބުނީ، ''ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދެނީ ގާނޫނެއްގެ ތެރެއިން ގަވާއިދުތައް ހެދިގެން އަދި އިވެލުއޭޓް ކުރާ ފަރާތްތަކުން ހިތުހުރި ގޮތަކަށް އަމަލުނުކުރެވޭނެ ގޮތަށް" ކަމަށެވެ.
