ޚަބަރު

އަންގާރަ ފެށިގެން މާލޭގައި މަސް ދަޅު ދޫކުރާނީ މިފްކޯގެ ފިހާރަތަކުން 

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް މީހަކާ ހަވާލުކުރަނީ / ފޮޓޯ:އެސްޓީއޯ

އަންނަ އަންގާރަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި މިފްކޯގެ ފިހާރަތަކުން އެކަނި މަސް ދަޅު ދޫކުރާގޮތަށް ނިންމައިފި އެވެ.

ސިޓީތަކާއި ކައުންސިލްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް މިއަދު އެކްސްގައި ވިދާޅުވީ މިފްކޯގެ ފިހާރަތަކުން މަސްދަޅު ދޫކުރާ ގޮތަށް ނިންމީ މާލޭގެ ގިނަ ފަރާތްތަކަށް މަސްދަޅު ދޫކޮށް ނިމިފައިވާތީ ކަމަށެވެ.

އެގޮތުން މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ 4 ފިހާރަ ހުޅުވިފައި ހުންނަ ގަޑި ތަކުގައި މަސްދަޅު ދޫކުރަމުން ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތައް 11 ވަނަ ދުވަހުން ފެށިގެން ބަދަލުވީ ނަމަވެސް، ދޫކުރުން ކުރިޔަށްދާނީ މިހާރެކޭ އެއްގޮތަށް، އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިންކަން ފާހަގަކުރަން. އަދި ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބެންދެން ކުރިޔަށްދާނެ." މިނިސްޓަރު ވިދާޅުވި އެވެ.

މާލޭ ސަރަހައްދުގެ 13 ސަރަހައްދަކުން މަސްދަޅު ދެން ބަހާނީ މިރެއާއި މާދަމާ ރޭ އެކަންޏެވެ.

މާލެ ސަރަހައްދުން މަސްދަޅު ކޭސް ބަހަމުންދާ ސަރަހައްދުތައް:

  • މިފްކޯ ކޮމްޕްލެކްސް (މާފަންނު) - 200 ޓޯކަން
  • އެމްޓީސީސީ ސޯމިލް - 200 ޓޯކަން
  • ހެންވޭރު ދަނޑު - 200 ޓޯކަން
  • ގަލޮޅު ދަނޑު – ސެޓަޕް 1 (50 ޓޯކަން)
  • ގަލޮޅު ދަނޑު – ސެޓަޕް 2 (50 ޓޯކަން)
  • ގަލޮޅު ދަނޑު – ސެޓަޕް 3 (50 ޓޯކަން)
  • ގަލޮޅު ދަނޑު – ސެޓަޕް 4 (50 ޓޯކަން)
  • ސޯޝަލް ސެންޓަރު ވިލިމާލެ - 100 ޓޯކަން
  • ވެމްކޯ ސައިޓް ހުޅުމާލެ - 100 ޓޯކަން
  • އުމަރު ޒާހިރު ބިލްޑިން / ހުޅުމާލެ - 100 ޓޯކަން
  • ޕޮލްކޯ ޓަވާ (ސީ ބްލޮކް) (ހުޅުމާލެ) - 100 ޓޯކަން
  • ހިޔާ ޓަވަރު 10 (ހުޅުމާލެ) - 100 ޓޯކަން
  • ކާމިލްދީދީ ޕްރީސްކޫލް - 100 ޓޯކަން

ކޮންމެ ގޭބީސީއަކަށް ދޫކުރަން ހަމަޖެހިފައި ވަނީ 48 ދަޅުގެ މަސް ކޭހެކެވެ. މަސްދަޅު ކޭސް ބަލައިދާއިރު ގޭބިސީގެ ކަރަންޓު މީޓަރު އެނގޭ ފަދަ ލިޔުމަކާއި އެ މީހެއްގެ އައިޑީކާޑު ހިފައިގެން ދިއުމަށް ވަނީ އެދިފަ އެވެ.

މިހާތަނަށް އައިއިރު، މާލެ ސަރަޙައްދުގައި 48 ހާސް ގޭބިސީއަށް ވަނީ މަސް ދަޅު ކޭސް ދޫކޮށްފަ އެވެ.

Ads by Allied Insurance