ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓު -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖީއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

ޖީއެސްސީން ކުރި އިއުލާނުގައި ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ދީފައި ވަނީ ދެ ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވާނީ މާޗް 12 ވަނަ ދުވަހުގެ 11:00 އަށެވެ.

ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި:

  • 30 އަހަރުވެފައި ވުން
  • އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން
  • ފަނޑިޔާރު/ގާނޫނީ ވަކީލު ކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ހުރުން
  • ސިޔާސީ ޕާޓީއެެއްގަ އާއި ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ނުވުން
  • ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން

ފަނޑިޔާރުކަމުގެ އެޕްލިކޭޝަން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ޖޭއެސްސީން ވަނީ އެދިފަ އެވެ.

ސުޕްރީމް ކޯޓުގެ ބެންޗު 7 ފަނޑިޔާރުންގެ މައްޗަށް އެކުލެވިގެންވާއިރު، ފަނޑިޔާރެއްގެ މަގާމު ހުސްވީ ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ. ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި މަހާޒު އަލީ ތިއްބެވީ ސަސްޕެންޝަނުގަ އެވެ.

އެ ކޯޓުގައި ބާކީ ތިއްބެވި ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން، ޑރ. މުހައްމަދު އިބްރާހިމް، އަލީ ރަޝީދު ހުސައިންގެ އިތުރުން އާއިޝާ ޝުޖޫން މުހައްމަދެވެ.

Ads by Allied Insurance