ޚަބަރު

ލިވަޕޫލްގެ ރަސްމީ ޓޫރިސްޓު ޑެސްޓިނޭޝަނަކަށް ރާއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ) އާއެކު ހައި އިމްޕެކްޓް ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ގާއިމުކޮށް، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މި ފުޓްބޯޅަ ކްލަބުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހިރާއްޖެ ހަމަޖައްސައިފި އެވެ.

Ads by MPL

އެމްްއެމްޕީއާރްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ ވިޒިބިލިޓީ ދުނިޔޭގެ މައިގަނޑު ހުރިހާ ގައުމެއްގައި އިތުރުވެ، ފަތުރުވެރިން ގެނައުމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

އެ ޕާޓްނާޝިޕް ރަސްމީކޮށް އިފްތިތާހުކުރާނީ އަންނަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ލިވަޕޫލް އެފްސީ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ.

އެގޮތުން މި މެޗުގައި އެންފީލްޑް ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި މި ޕާޓްނާޝިޕާއި ރާއްޖޭގެ މަންޒަރުތައް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕާޓްނަރޝިޕްގެ ޒަރިއްޔާއިން ވިޒިޓް މޯލްޑިވްސްއަށް އެލްއެފްސީގެ ބައިނަލްއަގްވާމީ އޯޑިއަންސުން ނުހަނު ބޮޑު ތަރުޙީބެއް ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

އަދި ކްލަބުގެ މަގްބޫލުކަމުގެ ބޭނުންހިފައި، މި ވަރުގަދަ އޯޑިއަންސްގެ ގިނަ ބަޔަކު ރާއްޖެއަށް ދަތުރުކުރުމަށް ބާރުއަޅާނެ އެވެ. އެއްބަސްވުމުގެ ސަބަބުން 2025 ވަނަ އަހަރު ރާއްޖެއަށް އިތުރު އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު، ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި 100+ މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.

އެމްއެމްޕީއާރްސީން ބުނީ އެ ޕާޓްނާޝިޕްގެ ދަށުން އެންފީލްޑް ސްޓޭޑިއަމްގައި ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް ވިޒިބިލިޓީ އާއި ޕްރިމިއާ ލީގުގެ ހޯމް މެޗުތަކުގައި އެލްއީޑީ ނިޝާން ފެންނަން ހުންނާނެ ކަމަށެވެ. އެއާއެކު ސްޓޭޑިއަމްގެ އެކި ސަރަހައްދުތަކުގައި ބްރޭންޑިންގް ޖަހާ، އެލްއެފްސީގެ ރަސްމީ ޕަބްލިކޭޝަންތަކުގައި ދިވެހިރާއްޖެ ޕްރޮމޯޓު ކުރުންވެސް ހިމެނެ އެވެ.

މީގެ އިތުރުން، އެލްއެފްސީއާ ގުޅިގެން ޔޫރަޕްގެ އެކި ހިސާބުތަކުގައި މުހިންމު މާކެޓުތަކުގެ ފަތުރުވެރިންނަށް އަމާޒުކޮށްފައިވާ ބިލްބޯޑުތަކުން ރާއްޖެ ދައްކާލާނެ އެވެ.

އެލްއެފްސީގެ ގްލޯބަލް އޯޑިއަންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 205 މިލިއަން ފޮލޮވަރުންނާއި، ކޮންމެ ސީޒަނަކަށް 211 މިލިއަނަށް ވުރެ ބޮޑު ޓީވީ އޯޑިއަންސްއަކާއި 53 މިލިއަން ސޯޝަލް އަދި ޑިޖިޓަލް ފޮލޮވަރުން ހިމެނެ އެވެ. ވިޒިޓް މޯލްޑިވްސްގެ މައި މާކެޓުތަކުގައި އެކަނިވެސް 22 މިލިއަން އެލްއެފްސީ ސަޕޯޓަރުން ތިބޭ ކަމަށް ލަފާކޮށް ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުކުރާ ފަރާތްތައް އިތުރުވެގެންދާނެ އެވެ. މި އޯޑިއަންސްގެ ތެރެއިން އެންމެ 2 އިންސައްތަ މީހުން ރާއްޖެއަށް ޒިޔާރަތްކުރި ނަމަވެސް ޕާޓްނާޝިޕްގެ ޓާގެޓް ހާސިލްކުރެވިގެންދާނެ އެވެ.

Ads by Ooredoo