ހުދޫދުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އީސީން ހަނދާންކޮށްދީފި

ގާނޫނު އަސާސީ އާއި ސިޔާސީ ޕާޓީގެ ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ރާއްޖޭގައި އަމަލު ކުރަމުންދާ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ހިންގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަނދާންކޮށްދީފި އެވެ.
އީސީން އެގޮތަށް ހަނދާންކޮށްދީފައި ވަނީ އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާތަކުން މުޒާހަރާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ތުހުމަތުކޮށް އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ވާހަކަ ދެއްކި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
އެމްޑީޕީގެ މުޒާހަރާގައި ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަ ދައްކާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަހްމަދު ނަސީމުގެ މަންމަ، މަރިޔަމް ޒުބައިރު (މަންދީ) އެވެ. ސަރުކާރުން ވޭޕް މަނާކުރުމާއި ރައީސްގެ ދަރިކަލުންނާ ގުޅުވައި މަންދީ ދެއްކި ވާހަކަ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެކަމާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ.
މަންދީގެ ވާހަކަތައް ކުށްވެރިކޮށް އީސީން ރޭ ނެރުނު ބަޔާނުގައި ވަނީ ޕާޓީތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދީފައި ވަނީ ގާނޫނު އަސާސީ އާއި ސިޔާސީ ޕާޓީގެ ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ރާއްޖޭގައި އަމަލު ކުރަމުންދާ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިންކަން ހަނދާންކޮށްދީފަ އެވެ.
އެމްޑީޕީން މާލޭގައި މި ދުވަސްވަރު ހިންގަމުން ގެންދާ ސިޔާސީ ހަރަކާތްތައް ހިންގުމުގައި ވެސް ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރުމަށް އީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ ކޮމިޝަނުން ވަނީ ސިޔާސީ ހަރަކާތްތައް ރާވާ ހިންގުމުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުޑަކުދިންގެ ހައްގުތައް ގެއްލޭ ގޮތަށް ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި އެ ކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރުކުރާ ފަދަ ވާހަކަތައް ދެއްކުން ކުށްވެރިކޮށްފަ އެވެ.
"އަދި ހަމައެހެންމެ، ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ އެންމެހާ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާއިރު ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފަށް، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމާއި ޒާތީ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިއުމާއި، ހަގީގަތާ ހިލާފު ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށް ނަސޭހަތްތެރިވަމެވެ،" އީސީން ބުނެފައިވެ އެވެ.
ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަށް އެ ކޮމިޝަނުން އަބަދުވެސް މަރުހަބާ ކިޔާނެކަން އީސީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
މަންދީގެ ވާހަކަތައް ކުށްވެރިކޮށް އީސީން ބަޔާނެއް ނެރުނުއިރު، އެ މައްސަލަ އާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ވަނީ ކުޑަކުއްޖެއްގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭ ފަދަ ގޮތަކަށް ވާހަކަ ދެއްކުމަކީ ހިޔާލު ފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމުގައި ފާހަގަކޮށްފަ އެވެ. އެކަން ކުށްވެރިކޮށް އެޗްއާރުސީއެމުން ވަނީ އެފަދަ ކަންކަން ހުއްޓުވުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލާފަ އެވެ.
ކުޑަކުދިންނަކީ ހާއްސަ ރައްކާތެރިކަމެއް ގާނޫނު އަސާސީ އާއި ކުޑަކުދިންގެ ހަައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ އަދި ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ލިބިދީފައިވާ ބަޔަކަށްވާއިރު، އެ ކުދިންގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭ ފަދަ ގޮތަކަށް ސީދާގޮތުން އަދި ނުސީދާގޮތަކުން ވެސް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.