ފީ ނުދައްކާ ކަމަށް ބުނެ ދިގުރަށުން ޓޫރިސްޓުންތަކެއް ބޭލުވި މައްސަލައިގެ އިންކުއަރީއެއް ހަދަނީ

އދ. ދިގުރަށު ކައުންސިލަށް ދައްކަން ޖެހޭ ފީ ނުދައްކާ ކަމަށް ބުނެ އެ ރަށު ތުނޑީގައި ހަރަކާތްތެރިވަމުންދިޔަ ޓޫރިސްޓުންތަކެއް ބޭލުވި މައްސަލައިގެ އިންކުއަރީއެއް ހަދަން ނިންމާފައިވާ ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ދިގުރަށު ކައުންސިލުން ވަނީ ރަށުގެ ތުނޑި ބޭނުންކުރާ ޓޫރިސްޓުންގެ އަތުން ފީތަކެއް ނެގުމަށް ނިންމާފަ އެވެ. އެގޮތަށް ނިންމާފައި ވަނީ ރަށުގެ އަތިރިމައްޗާއި ތުނޑިއަކީ 5 ކިލޯމީޓަރު ދިގު ސަރަހައްދެއް ކަމުން ރައްކާތެރިކަމާ އެކު ސާފުތާހިރުކޮށް ބެލެހެއްޓުމަށް ކައުންސިލުން ބޮޑު ހޭދައެއް ކުރަން ޖެހޭތީކަން ފާހަގަކޮށްފައިވެ އެވެ.
އެގޮތަށް ފާހަގަކޮށްފައިވަނިކޮށް، ފީ ނުދައްކާ އުޅުނު ތުނޑީގައި ހަރަކާތްތެެރިވަމުންދިޔަ ޓޫރިސްޓުންތަކެއް އެ ރަށުން ފައިބަން ރަށު ކައުންސިލުގެ ރައީސް އިބްރާހިމް އުސްމާން އަންގާ ވީޑިއޯއެއް މިފަހުން ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ.
ލޯކަލް ގަވަމަންޓް މިނިސްޓަރު "އެކްސް" ގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިގުރަށުން ފެނުނީ ހިތާމަވެރި މަންޒަރެއް ކަމަށެވެ. އެކަން ހިނގި ގޮތް ބެލުމަށާއި ކަމުގެ ވަށައިގެންވާ ހާލަތު ދެނެގަތުމަށް ޓަކައި އިންކުއަރީއެއް ހިންގާނެ ކަމަށެވެ.
"ރަށްރަށުގެ މުޖުތަމައުތަކުގެ އަމިއްލަ މިންގަނޑުތަކާއި ސަގާފަތްތަކަށް އިހުތިރާމު ކުރުމުގައި އަޅުގަނޑުމެން ދެމި ތިބި ނަމަވެސް، އަޅުގަނޑުމެން ބާރުއަޅަނީ ރަށްރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ވެސް އެކަށީގެންވާ މަރުހަބާއެއް ކިޔަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވި ގޮތުގައި އެ މިންގަނޑުތައް ދަމަހައްޓައި، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަށް ގެންދިއުމަށް ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގަ އެވެ.
