މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ފަސްޓް ލޭޑީ ކުށްވެރިކުރައްވައިފި

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ކުށްވެރިކުރައްވައިފި އެވެ.
މަންދީ ގަޔަށް ކަޅުތެޔޮ ޖަހާފައި ވަނީ އެމްޑީޕީން ރޭ ބޭއްވި މުޒާހަރާ ނިންމާފައި ގެއަށް ދިޔަ މަގުމަތީގަ އެވެ. ސައިކަލުގައި ދުއްވާފައި ދަނިކޮށް އޭނާގެ ގަޔަށް ކަޅުތެޔޮ ޖެހީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ބަޔެކެވެ.
އެކަމާ ގުޅިގެން ފަސްޓް ލޭޑީ މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ އަމަލު ކުށްވެރިކުރައްވާފަ އެވެ. އެއްވެސް މީހަކަށް އެފަދައިން ދޭ ހަމަލާދީ އުދަނގޫ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ވަނީ މިވަގުތު ކަންކަން ހަލަބޮލި ކުރުމުގެ ބަދަލުގައި އިންސާފު ގާއިމުކުރުމަށް ޖާގަދިނުމަށް ހުރިހާ ފަރާތްތަކަށް ވެސް އިލްތިމާސްކުރައްވާފަ އެވެ.
މަންދީ ގަޔަށް ކަޅުތެޔޮ ޖެހިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސާޖިދާގެ ދަރިކަލަކަށް ތުހުމަތުކޮށް ވާހަކަ ދެއްކި މައްސަލައިގައި އޭނާގެ މައްޗަށް މަދަނީ ދައުވާ ކުރުމަށް އެ އާއިލާއިން ވަނީ ނިންމަވާފަ އެވެ.
ރައީސްގެ އާއިލާގެ ފަރާތުން ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝުކޫރު މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރެސްގައި ވަނީ ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ފަސްޓް ލޭޑީގެ ބަޔާނެއް އިއްވާފަ އެވެ.
އެ ބަޔާނުގައި ދަރިކަލުން ވޭޕް ބޭނުންކުރާ ކަމަށް ފަތުރަމުންދާ ވާހަކަ ދޮގުކޮށް ސާޖިދާ ވިދާޅުވެފައި ވަނީ ދަރިކަލުންނަކީ އެއްވެސް އިރަކު ދުންފަތުގެ އިސްތިއުމާލުކުރި ކުއްޖެއް ނޫން ކަމަށެވެ.
ދަރިކަލުންނާ ގުޅޭގޮތުން އެމްޑީޕީން ދައްކާފައި ވަނީ ދަރިންގެ އިޖުތިމާއީ ހެދި ބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރުވާފަދަ ވާހަކަތަކެއް ކަމަށެވެ. އޭގެ ސަބަބުން އޭނާގެ މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއްކޮށް ރައްކާތެރިކަން ކަށަވަރުނުވާފަދަ ކަންކަމަށް މަގުފަހިވެދާނެ ކަމަށް ސާޖިދާ ވިދާާޅުވެފައިވެ އެވެ.
ސާޖިދާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، މިހާތަނަށް ރައީސް މުއިއްޒުގެ ސިޔާސީ ނިންމުންތަކާމެދު ފާޑުކިޔުންތަކާއި ވާހަކަތަކަށް އެއްވެސް ރައްދެއް ދީފައިނުވާނެ ކަމުގަ އެވެ. ނަމަވެސް، އެމަނިކުފާނުގެ ކުދިންނާ ދިމާކޮށް ދައްކާ ވާހަކަތަކާ ގުޅިގެން، ކުދިންގެ މަންމަގެ ހައިސިއްޔަތުން އަމިއްލަ ފަރުދީގޮތުން ފިޔަވަޅުތަކެއް އަޅުއްވަން ގަސްތުކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.
އެގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި މަންދީއަށް މަދަނީ ދައުވާކުރަން ނިންމަވާފައިވާކަން ވަނީ ހާމަކުރައްވާފަ އެވެ.
