ދަރިކަލުންގެ މައްސަލައިގައި މަންދީ އާ ދެކޮޅަށް ފަސްޓް ލޭޑީ ދައުވާކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ދަރިކަލަކަށް ތުހުމަތުކޮށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ އާ ދެކޮޅަށް ދައުވާ ކުރުމަށް ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
އެމްޑީޕީން ސިލްސިލާކޮށް މާލޭގައި ބާއްވަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ރައީސްގެ އާއިލާގެ ފަރާތުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި އާއިލާގެ ފަރާތުން ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވަނީ އެ މައްސަލައިގައި މަންދީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާ އަދި އެ ޕާޓީގެ މައްޗަށް މަދަނީ ދައުވާކުރަން ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ.
އާޒިމާގެ ލޯފާމް، ރެހެންދި ޗެމްބާސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދަރިކަލުންނާ ގުޅޭގޮތުން މަންދީ ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން ދަރިކަލުންގެ ނަފުސަށާއި ފުރާނައަށް ނުރައްކާވާ ހާލަތެއް މެދުވެރިކުރުވައި، ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.
އެ ވާހަކަތަކުގެ ސަބަބުން ގާނޫނުއަސާސީ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާ ކަމަށެވެ.
"ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅައިގެންފައިވާތީ، އުމައިރުގެ މަންމަ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުން މިއަދު، 19 މާރިޗު 2025 ގައި މަރިޔަމް ޒުބައިރުގެ މައްޗަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާކަމުގައި ދެންނެވީމެވެ،" ރެހެންދި ޗެމްބާސްގެ ބަޔާނުގައިވެ އެވެ.
ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމުގައި އާޒިމާ ވަނީ ރައީސްގެ ދަރިކަލުންނާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ފަސްޓް ލޭޑީގެ ބަޔާނެއް އިއްވާފަ އެވެ.
އެ ބަޔާނުގައި ދަރިކަލުން ވޭޕް ބޭނުންކުރާ ކަމަށް ފަތުރަމުންދާ ވާހަކަ ދޮގުކޮށް، ސާޖިދާ ވިދާޅުވެފައި ވަނީ ދަރިކަލުންނަކީ އެއްވެސް އިރަކު ދުންފަތުގެ އިސްތިއުމާލުކުރި ކުއްޖެއް ނޫން ކަމަށެވެ.
ދަރިކަލުންނާ ގުޅޭގޮތުން އެމްޑީޕީން ދައްކާފައި ވަނީ ކުދިންގެ އިޖުތިމާއީ ހެދި ބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރުވާފަދަ ވާހަކަތަކެއް ކަމަށެވެ. އޭގެ ސަބަބުން އޭނާގެ މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއްކޮށް ރައްކާތެރިކަން ކަށަވަރުނުވާފަދަ ކަންކަމަށް މަގުފަހިވެދާނެ ކަމަށް ސާޖިދާ ވިދާާޅުވެފައިވެ އެވެ.
ސާޖިދާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، މިހާތަނަށް ރައީސް މުއިއްޒުގެ ސިޔާސީ ނިންމުންތަކާމެދު ފާޑުކިޔުންތަކާއި ވާހަކަތަކަށް އެއްވެސް ރައްދެއް ދީފައިނުވާނެ ކަމުގަ އެވެ. ނަމަވެސް އެމަނިކުފާނުގެ ކުދިންނާ ދިމާކޮށް ދައްކާ ވާހަކަތަކާ ގުޅިގެން، ކުދިންގެ މަންމަގެ ހައިސިއްޔަތުން އަމިއްލަ ފަރުދީގޮތުން ފިޔަވަޅުތަކެއް އަޅުއްވަން ގަސްތުކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.
