ޚަބަރު

މާލޭގައި ޒުވާނުންނަށް ބައިބަލާ ކުޅޭވޭނެ މައިދާނެއް ހަދައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އުސްފަސްގަނޑުގައި ހެދި ބައިބަލާ ކުޅޭ ތަން--

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ މަތިން މާލޭގެ ޒުވާނުންނަށް ބައިބަލައި ކުޅެވޭނެ މައިދާނެއް ލޯކަލް ގަވާމަންޓް މިނިސްޓްރީން އުސްފަސްގަނޑު ސަރަޙައްދުގައި ރޭ ގާއިމުކޮށްފި އެވެ.

Ads by STELCO

ލޯކަލް ގަވާމަންޓް މިނިސްޓްރީން ބުނީ ރައީސް މުއިއްޒު ދެއްވި އިރުޝާދާ ގުޅިގެން މިނިސްޓްރީގެ ޕަބްލިކް ވޯކްސްގެ ޑިޕާޓްމަންޓުގެ މުވައްޒަފުން ބައިބަލާ ކުޅޭ މައިދާން ހަދަން ފެށީ އިއްޔެ ހެނދުނު ކަމަށެވެ. އަދި ރޭ އެ މަސައްކަތް އެއްކޮށް ނިންމާލިކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އުސްފަސްގަނޑުގައި ބައިބަލާ ކުޅޭ މައިދާނެއް ހެދީ މާފަންނު ސަހަރާގައި ބައިބަލައި ކުޅުމަށް ޒުވާނުންގެ ތެރޭން ބަޔަކު ތައްޔާރުވުމުން އުފެދުނު ހިޔާލުތަފާތުންތަކާ ގުޅިގެން އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

މިނިސްޓްރީން ބުނީ މި ސަރުކާރަކީ ރައްޔިތުންގެ އަޑު ގާތުން އަހައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ވެރިކަން ކުރަމުން އަންނަ ސަރުކާރެއް ކަމަށެވެ. އަދި ޒުވާނުންނަށް ހެޔޮ ގޮތްތައް ހޯއްދަވައި ދެއްވުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތުކަން ވެސް މިނިސްޓްރީން ފާހަގަކުރި އެވެ.

މާފަންނު ސަހަރާގައި ބައިބަލާ ކުޅޭ ތަން ހެދިފަހުން އެކަމަށް ހުއްދަ ނުދޭ ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލްއިން އިއްޔެ ވަނީ އެތަން ސާފުކޮށްފަ އެވެ.

ކޮންމެ އީދަކުވެސް މާލޭގައި އެންމެ ފޯރިއާއެކު ކުޅޭ އެއް ކުޅިވަރަކީ ބައިބަލާ އެވެ. އަދި ބައިބަލާ މުބާރާތަށްޓަކައި ކްލަބުތަކުން ދުރާލާ ވަރަށް ބޮޑަށް ތައްޔާރުވެ އެވެ.