ޚަބަރު

ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އިމިގްރޭޝަނުގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު / ފޮޓޯ:ދެން އިމޭޖްސް

މޯލްޑިވްސް އިމިގްރޭޝަނުގެ ބަންދަށް ގެންދިޔަ ބިދޭސީ މަސައްކަތްތެރިއެއްގެ އަތުން ނާޖާއިޒު މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައެއްގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި އެވެ.

Ads by STELCO

ބިދޭސީ މަސައްކަތްތެރިންގެ އަތުން ފައިސާ ނަގާކަމުގެ ތުހުމަތުގައި ޝަމްއާން އިމިގްރޭޝަނުގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ. މައްސަލައިގެ ތަހުގީގަށް ފުލުހަށް ހާޒިރު ކުރުމަށް ފަހު އޭނާ ހައްޔަރުކުރީ ހުކުރު ދުވަހުގެ ރެ އެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ޝަމްއާން ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން އޭނާ ބަންދުކުރަން ނެރުނު އަމުރު ޝަމްއާން އިސްތިއުނާފުކޮށްފައި ވަނީ އިއްޔެ އެވެ. މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ވަކި ގޮތެއް އަދި ނުނިންމަ އެވެ.

މައްސަލަ އާ ގުޅޭގޮތުން މީގެކުރިން ފުލުހުން ބުނެފައި ވަނީ ބިދޭސީން ދިރިއުޅޭ ގެއެއް އިމިގްރޭޝަނުގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެއިޑްކޮށްފައިވާ ކަމަށެވެ.

އެހެން ފުލުހުން ބުނެފައިވާ ސަބަބަކީ، ރެއިޑް ކުރި އިމިގްރޭޝަން އޮފިސަރުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޒިންމާ ހަވާލުކުރި ޓާސްކް ފޯސް އަދި ރިސްކް މެނޭޖުމަންޓްގައި ނުވެސް ހިމެނޭ މުވައްޒަފުންތަކަކަށް ވާތީ އެވެ.

އެ ރެއިޑުގައި އިމިގްރޭޝަނުގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު 530،000ރ ދިނުމުން ދޫކޮށްލީ ޝަމްއާނުގެ އަމުރަކަށް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ. ދޫކޮށްލުމަށް ފަހު، އޮޕަރޭޝަން ހިންގި އޮފިސަރުން މަގުމަތިން ބިދޭސީ މީހާ އާ ބައްދަލުކޮށް އެ ފައިސާ ޝަމްއާނުގެ ގެއަށް ގެންދިޔަ ކަމަށް ވެސް މައްސަލައިގައި ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.

ފުލުހުން ވަނީ ޝަމްއާނު ދިރިއުޅޭ ގެ ބަލައި ފާސްކޮށްފަ އެވެ. އެ ގެއިން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ގެންދިޔަ ފައިސާގެ ތަފުސީލެއް ފުލުހުން އަދި މިހާތަނަށް ހިއްސާއެެއް ނުކުރެ އެވެ.

މައްސަލަ އާ ގުޅިގެން ޝަމްއާނު ހިމެނޭހެން ފަސް މީހަކު ވަނީ ފުލުހުންގެ ހައްޔަރަށް ގެންގޮސްފަ އެވެ. އެ އޮފިސަރުންނަކީ އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލްގެ ބިއުރޯގައި މަސައްކަތް ކުރާ އޮފިސަރުންކަން ވަނީ އެނގިފަ އެވެ.

އެ މައްސަލައިގައި ޝަމްއާނުގެ އަނބިކަނބަލުން ހިދްފާ ފާއިޒުގެ ފޯނު ފުލުހުން ހިފަހައްޓައި، ދެ މީހަކު ފުރުން މަނާކޮށްފައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!