ޚަބަރު

ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރަން އަމުރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
"ދެން" ގެ ހަވާސާއިން ބޭރު ޕްރޮގްރާމްގައި ޝަމްއާން ވާހަކަ ދައްކަވަނީ/ ފޮޓޯ: ދެން

މޯލްޑިވްސް އިމިގްރޭޝަނުގެ ބަންދަށް ގެންދިޔަ ބިދޭސީ މަސައްކަތްތެރިއެއްގެ އަތުން ނާޖާއިޒު މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައެއްގައި  ހައްޔަރުކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި އެވެ.

Ads by STELCO

ބިދޭސީ މަސައްކަތްތެރިންގެ އަތުން ފައިސާ ނަގާކަމުގެ ތުހުމަތުގައި ޝަމްއާން އިމިގްރޭޝަނުގެ ކޮންޓްރޯލަރުގެ މަގާމުން މިދިޔަ މަހުގެ 21 ވަނަ ދުވަހު މަގާމުން ވަކިކުރުމަށް ފަހު ޖެހިގެން އައި ދުވަހު އޭނާ ހައްޔަރުކުރި އެވެ. އަދި އެ މައްސަލައިގައި ޝަމްއާންގެ ބަންދަށް 15 ދުވަސް އޮތީ ޖަހައިފަ އެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ޝަމްއާންގެ ބަންދުގެ މުއްދަތު ހަމަވާތީ މިއަދު ކޯޓަށް ހާޒިރުކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ޝަމްއާން ބަންދުކުރި މައްސަލަ މީގެ ކުރިން އޭނާ ހައި ކޯޓަށް ވެސް ހުށަހެޅި އެވެ. ނަަމަވެސް ކޯޓުން އެ މައްސަަލަ ވަނީ ބޭރުކޮށްލައިފަ އެވެ.

ޝަމްއާން ހައްޔަކުރީ ބިދޭސީން ދިރިއުޅޭ ގެއެއް އިމިގްރޭޝަނުގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެއިޑްކޮށް ގެންދިޔަ ބިދޭސީއެއް ދޫކޮށްލީ ޝަމްއާންގެ އަމުރަށް ކަމަށް ބުނާ މައްސަަލައިފަ އެވެ.

އެގޮތުން އެ ބިދޭސީ މީހާ ދޫކޮށްލުމަށް ފަހު، އޮޕަރޭޝަން ހިންގި އޮފިސަރުން މަގުމަތިން ބިދޭސީ މީހާ އާ ބައްދަލުކޮށް 530،000 ރުފިޔާ ޝަމްއާނުގެ ގެއަށް ގެންދިޔަ ކަމަށް ވެސް މައްސަލައިގައި ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.

ފުލުހުން ވަނީ ޝަމްއާނު ދިރިއުޅޭ ގެ ބަލައި ފާސްކޮށްފަ އެވެ. އެ ގެއިން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

Ads by HDC