ޚަބަރު

ކުޑަކުއްޖަކަށް ބަރަހަނާ ފޮޓޯ ދެއްކި މައްސަލައިގައި ހެއްކެއް ނުފެނުނު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ކުޑަކުއްޖަކަށް ބަރަަހަނާ ފޮޓޯ ދެއްކިކަމަށް ބުނާ މައްސަލައިގައި އެއްވެސް ހެއްކެއް ނުފެނުނު ކަމަށް ފުުލުހުން ބުނެފި އެވެ.

Ads by STELCO

ދެހާސް ބާވީސް ވަނަ އަހަރު މެދުރާއްޖެ ތެރޭގައި 14 އަހަރުގެ ކުއްޖަކަށް ފޯނުން ބަރަހަނާ ފޮޓޯއާއި ވީޑިއޯ އަދި ޖިންސީ ގުނަވަން ދެއްކިކަމަށް ތުހުމަތުކޮށް މެދު ރާއްޖެތެރޭގެ ފޮލިސް ސްޓޭޝަނަކަށް ހުށަހެޅި މައްސަލަ އަދިވެސް ނުނިމޭ ސަބަބު ފުލުހުން މިރޭ ވަނީ ހާމަކޮށްފަ އެވެ.

އެގޮތުން މިހާތަނަށް ކުރިއަށް ގެންދިޔަ ތަހުގީގުގެ ދަށުން ފުލުހުން ބުނި ގޮތުގައި

  • އެ މައްސަލައިގެ ތަހުގީގުގައި ތުހުމަތުކުރެވޭ މީހާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ވަނީ ފޮރެންސިކް ތަހުލީލުތައްކޮށްފައި
  • ހަ މީހެއްގެ ބަޔާނާއި ހެކި ބަސް އަދި ދެ މީހެއްގެ ބަޔާން ނެގި

އެހެން ނަމަވެސް ކުއްޖާ ބުނާ ބުނުން ފިޔަވައި މައްސަލައާ ގުޅުން ހުރި އަދި ކުރާ ތުހުމަތުތަކަށް ބާރު ލިބޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

"އޭގެ އިތުރުން ތުހުމަތުކުރެވޭ މީހާ ކުއްޖާގެ ފޯނަށް ފޮނުވާފައިވާ ކަމަށް ބުނާ މެސެޖުތަކާއި މައްސަލައާ ގުޅުން ހުރި އެއްވެސް ކުއްޖާގެ ފޯނުގެ ފޮރެންސިކް ތަހުލީލުތަކުން ވެސް ފެނިފައި ނުވޭ" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކޮށް 2022 ވަނަ އަހަރުގެ އެޕްރީލް މަހުގެ 22 ވަނަ ދުވަހު މަޝްވަރާއަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ވެސް ފޮނުވި ކަމަށެވެ. އަދި ޕީޖީން އެދުނީ ބައެއް އިސްލާހުތައް ގެނައުމަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެހެން ނަމަވެސް އިސްލާހުތައް ގެންނަން މައްސަލަ ހުށަހެޅި ފަރާތުން އެއްބާރުލުން ލިބިފައިނުވާތީ މައްސަލަ މިހާތަނަށް ވެސް ނުނިމި އޮތްކަން ފުލުހުން ފާހަގަކުރި އެވެ.

"މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ފުލުހުން ދަނީ ކުރަމުން" ފުލުހުން އިތުރަށް ބުންޏެވެ.

Ads by Ooredoo