ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނަށް 50 ސްކޮލަޝިޕް ހުޅުވާލައިފި

މަސައްކަތްތެރިކާމާއި ފަންނީ ތަމްރީނު ހޯދުމަށް ތަފާތު ހަ ދާއިރާ އަކުން މާލެ ސިޓީގެ ރައްޔިތުންނަށް، 50 ސްކޮލަޝިޕްގެ ފުރުސަތު މާލޭ ސިޓީ ކައުންސިލްއިން ހުޅުވާލައިފި އެވެ.
މާލޭ ސިޓީ ކައުންސިލްއިން ބުނީ މިއީ އެ ކައުންސިލްއާއި ސްޓްރޯންގް ސިޓީސް ސައުތު އޭޝިއާ ރީޖަނަލް ހަބާ އެކު ވެފައިވާ އެއްބަސް ވުމެއްގެ ދަށުން ހޯދި ފުރުސަތެއް ކަމަށެވެ.
މިދިޔަ އާންގަރަ ދުވަހު ހުޅުވާލި އެ ސްކޮލަޝިޕް ފުރުސަތު ތަކުގެ ތެރޭގައި، ސިއްހީ ދާއިރާއާއި، އިމާރާތް ކުރުމާއި، އިންޖެނިއަރިންގެ ދާއިރާއާއި، ތައުލީމީ ދާއިރާގެ އިތުރުން، އައިޓީ އަދި ޑިޖިޓަލް ދާއިރާ ހިމެނެއެވެ. މީގެ އިތުރުން ވެސް ވިޔަފާރީގެ ދާއިރާއާއި ހޮސްޕިޓަލިޓީ އަދި ކަސްޓަމާ ކެއާގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއިން ފުރުސަތު ހުޅުވާލާފައި ވެއެވެ.
ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމްތައް އޮންނާނީ ޕާކިސްތާނުގައެވެ. މި ޕްރޮގްރާމްތަކަށް ހޮވޭ ފަރާތްތަކަށް، މާލެއިން ޕާކިސްތާނަށް ދިއުމުގެ ދަތުރު ހަރާދާއި، ހުރުމާއި ކެއުން އަދި ކޯސް ފީ ލިބިގެންދާނެ އެވެ.
މި ސްކޮލަޝިޕްތަކަށް މީހުން ހޮވުމުގައި އޯލެވެލް ނަތީޖާގެ އިތުރުން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ މެދުގައި ކުރެވޭ އިންޓަވިއު އިން ލިބޭ ނަތީޖާއަށް ބެލެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މި ސްކޮލަރޝިޕްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ އާދިއްތަ ދުވަހެވެ.
