ޒަކާތް ދެއްކުމުން ފަރުދުންގެ ކިބައިގައި ތަނަވަސްކަން އިތުރުވެ، ވިޔަފާރީގެ މުއާމަލާތްތައް ގިނަވޭ: ހުތުބާ

ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވުމުން އުފެއްދުންތެރިކަމުގެ މިންވަރު އިތުރުވެ، މުޖުތަމައުގެ ވަކި ބަޔެއްގެ އަތުގައި ފައިސާ ޖަމާކޮށް އިގުތިސޯދުގެ ތެރޭގައި އެ މުދަލާއި ފައިސާ ދައުރުވިޔަނުދީ ހިފެހެއްޓިފައި ހުންނަ ހުރުން ނިމުމަކަށް އައިސް ފަރުދުންގެ ކިބައިގައި ތަނަވަސްކަން އިތުރުވެ، ވިޔަފާރީގެ މުއާމަލާތްތައް ގިނަވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ފަރުޟު ޒަކާތާއި އިގުތިސޯދާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ ފަގީރުކަމުގެ ހާލަތަކީ އަގީދާގެ ގޮތުންނާއި ފިކުރުގެ ގޮތުން އިންސާނާގެ ނަފުސު އަޅުވެތިކޮށްލާ ކަމެއް ކަމަށެވެ. އެހެންކަމުން ފަގީރުކަމަކީ އަބުރުވެރި އިންސާނަކު، އޭނާ އާ ކުރިމަތިވާން އެދޭނެ ހާލަތެއް ނޫން ކަމަށެވެ. ކަން އެހެން އޮތް ނަމަވެސް މީހަކަށް ކުރިމަތިވާ ކަމެއްގެ ސަބަބުން އޭނާގެ ގައިބާރު ދެރަވެ، ދިރިއުޅުމުގެ ޒަރޫރަތްތައް ފުއްދޭނެ ގޮތެއް ނެތި، އަނެކުންގެ އެހީތެރި ކަމަށް އެދެން ޖެހިދާނެ ކަމަށެވެ.
އެހެނަސް ކޮންމެ ކޮންމެ މީހަކު މިފަދަ މީހަކަށް އެހީތެރިވެ، އޭނާގެ ބޭނުންތައް ފުއްދައިނުދީފާނެ ކަމަށެވެ. އިސްލާމްދީނުގައި ޝަރުއުކުރައްވާފައިވާ ޒަކާތުގެ ދައުރު ގުޅެނީ އެހިސާބުން ކަމަށެވެ. ޒަކާތް ފަރުޟުކުރެއްވީ މުއްސަނދީންގެ މުދަލުން އެ ނަގައި، އޭގެ ހައްގުވެރީންނަށް އަދާކޮށްދިނުމަށް ކަމަށް ފާހަގަކުރި އެވެ.
އިސްލާމްދީނުގައި މުދާ ހޯދުމާއި މުދާ މިލްކުކުރުމާ އަދި މުދާ ހޭދަކުރުމަށް ވަރަށް ފުރިހަމަ ފަލްސަފާއެއް ކަނޑައަޅުއްވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ. އެއީ ވަޟައީ ނަޒަރިއްޔާތަކާ މުޅިން ހިލާފު ނަޒަރިއްޔާއެއް ކަމަށެވެ. މި ނަޒަރިއްޔާގައި މުދަލުގެ ހަގީގީ މިލްކުވެރި ފަރާތަކީ ﷲ ކަމަށެވެ. އިންސާނާއަކީ އެ މުދަލާ ހަވާލުވެގެންހުރި މީހާ ކަމަށެވެ. އެހެންކަމުން މުދާ ހޭދަކުރަން ވާނީ އެ މުދާ ދެއްވި ފަރާތް އެދިވޮޑިގަންނަވާ ގޮތަށް ކަމަށެވެ.
ހުކުރު ހުތުބާގައި ބުނީ އިލްމުވެރީން ވިދާޅުވާ ގޮތުގައި މުދަލުގެ ހައްގަކީ އެ މުދަލުން ޒަކާތް ދިނުން ކަމަށެވެ. ތިމާގެ އަތުގައި ރައްކާކޮށް ހަޒާނާކޮށްފައި ބަހައްޓާ މުދަލުގައި، އެ މުދަލުން ޒަކާތް ނެރެން ޖެހޭ ޝަރުތު ހަމަވާ ނަމަ، އެއިން ޒަކާތް ދައްކަން ޖެހޭނެ ކަމަށެވެ. އެ ޝަރުތުތަކަކީ މުދާ ފުރިހަމައަށް މިލްކުވުމާއި މުދަލުގައި ނިސާބު ހަމަވުމާ އަދި ނިސާބު ހަމަވިތާ ހަނދުމަހުން އެއް އަހަރު ފުރުން ކަމަށެވެ.
އިސްލާމްދީނުގައި ޒަކާތް ފަރުޟު ކުރެއްވީ ހަމައެކަނި ފަގީރުމީހާގެ ހާޖަތްތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ފަހު އޭނާ މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމުގެ މަގުސަދުގައި ނޫން ކަން ފާހަގަކޮށް ހުތުބާގައި ބުނި ގޮތުގައި ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމައުން ފަގީރުކަން ނައްތައިލުން ކަށަވަރުކޮށްދޭ ނިޒާމެއް ކަމުގަ އެވެ. ފަގީރުންނާއި މިސްކީނުންގެ ނިކަމެތި ހާލަތުން އަރައިގަނެ، އެ މީހުންނަކީ ފުދުންތެރި ބަޔަކަށް ހަދައިދީގެން ކަމުގަ އެވެ. ޒަކާތުގެ މަގުސަދަކީ އޭގެ ހައްގުވެރީންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުން ކަމަށް އިލްމުވެރީން ވިދާޅުވާ ކަމުގަ އެވެ.
ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިއްޖެ ނަމަ، ކުރާނެ މަސައްކަތެއް ނުވަތަ އަދާކުރާނެ ވަޒީފާއެއް ނެތިފައި ތިބި އެތައް ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެ ކަމުގަ އެވެ. އެކަމުގެ ސަބަބުން އުފެއްދުންތެރިކަމުގެ މިންވަރު އިތުރުވެ، މުޖުތަމައުގެ ވަކި ބަޔެއްގެ އަތުގައި ފައިސާ ޖަމާކޮށް، ހަޒާނާކޮށް، އިގުތިސޯދުގެ ތެރޭގައި އެ މުދަލާއި ފައިސާ ދައުރުވިޔަނުދީ ހިފެހެއްޓިފައި ހުންނަ ހުރުން ނިމުމަކަށް އަންނާނެ ކަމުގަ އެވެ. މި ކަންކަން ކުރެވޭނީ ޒަކާތުގެ ނިޒާމަކީ ދައުލަތުން ރާވައި ހިންގާ ނިޒާމަކަށް ވެގެން ކަމުގައި ފާހަގަކުރި އެވެ.
މިއަދުގެ ހުތުބާގައި ބުނީ ޒަކާތަކީ ދައުލަތާއި ފަރުދުންނާ ދެމެދު އޮންނަ ގުޅުމެއް ކަމަށާއި އެއީ ތަނަވަސްކަމުގެ އަހުލުވެރީންގެ ރައުސްމާލުން އުނިކޮށް ދައުލަތަށް ނަގަން ޖެހޭ އެއްޗެއް ކަމަށެވެ. ޒަކާތުގެ ހައްގުވެރީންގެ ގޮތުގައި ގުރްއާނުގައި ކަނޑައަޅުއްވާފައިވާ ފަރާތްތަކުގެ ލާބައަށް، ހޭދަކުރަން ޖެހޭ އެއްޗެެއް ކަމަށެވެ. ޒަކާތް ދެއްކުމުގެ ސަބަބުން އިގުތިސޯދުގައި ދައުރުކުރާ ފައިސާ އިތުރުވެ، އިގުތިސޯދަށް އަންނަ ލޮޅުންތަކުން ސަލާމަތްކޮށްދީ ހަމައަކަށް އަޅުވައިދޭ ކަމަށެވެ. ފަރުދުންގެ ކިބައިގައި ތަނަވަސްކަން އިތުރުވެ، ވިޔަފާރީގެ މުއާމަލާތްތައް އިތުރުވާ ކަމަށެވެ.
ޒަކާތުގެ ޝަރުއީ މަގުސަދުތައް ހާސިލުކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، އެ މީހުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ މުދަލު ޒަކާތް އަދާކޮށްގެން ކަމަށެވެ. މި އުންމަތަކީ އެއް އުންމަތެއް ކަމަށާއި އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަހަކަށްވާއިރު، އިސްލާމީ ރީތި އުސޫލަކީ ތަނަވަސްކަމެއް ލިބިފައިވާ ނަމަ، އެ ތަނަވަސްކަމުން މިންވަރެއް ހޭދަކޮށްގެން މުސްލިމް އަހާއަށް އެހީތެރިވުން ކަމަށެވެ.
އިސްލާމްދީން ބާރުއަޅަނީ ހަލާލު މަސައްކަތުން ރިޒުގު ހޯދުމަށް ކަން ފާހަގަކޮށް ހުތުބާގައި ބުނި ގޮތުގައި ކުރާނެ މަސައްކަތެއް އޮވެފައި، ހަށިގަނޑުގައި ވަރު ހުރި ނަމަ، އެފަދަ މީހަކު ޒަކާތް ލިބިގަތުން ހުއްދަ ނުވާނެ ކަމުގަ އެވެ. އެހެންކަމުން ތަނަވަސްކަމުގެ އަހުލުވެރީންނާއި ގައި ބާރު ހުރެ މަސައްކަތްކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހާ ޒަކާތުގެ ފައިސާ ނެގުމަކީ އިސްލާމްދީން ނަހީކުރައްވާފައިވާ ކަމެއް ކަމުގަ އެވެ.
ޒަކާތަކީ މުދާވެރިއަކު ފޯރުކޮށްދޭ ފަރުދީ އިހުސާންތެރިކަމެއް ނޫން ކަމުގަ އެވެ. އެއީ މުއްސަނދީންގެ މުދަލުން ނަގައި، އޭގެ ހައްގުވެރީންނަށް އަދާކުރަން ޖެހޭ ހައްގެއް ކަމުގަ އެވެ. ފުރަތަމަ ހަލީފާ އަބޫބަކުރުގެފާނު ޒަކާތް ދިނުމަށް އިންކާރުކުރި މީހުންނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރައްވާފައި ވަނީ މި މަތިވެރި ވާޖިބު އަދާކުރެއްވުމުގެ ގޮތުން ކަމުގަ އެވެ.
ހުކުރު ހުތުބާގައި ބުނީ މުއްސަނދީންގެ މުދަލުން ޒަކާތް ނެގުމުގެ ބޭނުމަކީ އެއްވެސް ހާލެއްގައި އެ މީހުންގެ ތަނަވަސްކަން ނިގުޅައިގަނެ، ހައްގުތަކަށް އަރައިގަތުމަށް ނޫން ކަމަށެވެ. ޒަކާތުގެ ގޮތުގައި މެދުމިނުގެ ތަކެތި ނަގަން ޖެހޭ ކަމަށެވެ. އެއީ ޒަކާތް ދައްކާ މީހާގެ ނަފުސު އެކަމާ މެދު ރުހިގެން ވުމަށް ޓަކައި ކަމަށެވެ.
މުދަލު ޒަކާތް ދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވިނަމަވެސް، އެއާ މެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑަ ކަމަށެވެ. ބައެއް މީހުން ހީކުރާ ގޮތުގައި ރަމަޟާން މަހު ފިތުރު ޒަކާތް ދެއްކުމުން ފުދޭނެ ކަމަށެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ބޮޑު ވިޔަފާރިވެރިޔަކަށް ނުވާތީ، ޒަކާތް ދައްކަން ނުޖެހޭނެ ކަމަށެވެ. ހަމަ އެގޮތަށް މުދަލު ޒަކާތް ދައުލަތަށް ދެއްކުމަށް ދެކޮޅު ހަދާ ބަޔަކު ވެސް އުޅޭ ކަމަށެވެ. މިފަދަ މީހުން ހީކުރާ ގޮތުގައި ޒަކާތުގެ ފައިސާ ދައުލަތާ ހަވާލުކުރުމުގެ ބަދަލުގައި، ނިކަމެއްޗަކަށް ނުވަތަ ފަގީރަކަށް ދިނުމުން ފުދޭނެ ކަމަށެވެ.
އިލްމުވެރީން ވިދާޅުވާ ގޮތުން ދައުލަތުން ޒަކާތް ނެގުމަށް ހަމަޖައްސަވާފައިވާ ރަސްމީ އިދާރާއަށް ޒަކާތް ދެއްކުމުން ޒަކާތް ދައްކާ މީހާގެ ޒިންމާއިން ބަރީއަވާނެ ކަމުގައި ހުތުބާގައި ބުންޏެވެ. އޭގެ ސަބަބަކީ ޒަކާތުގެ ހައްގުވެރީން ކަނޑައެޅުމުގެ ޝަރުއީ އުސޫލުތަކާއި އެ މީހުންގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނީ ދައުލަތަށް ނުވަތަ ދައުލަތުން ކަނޑައަޅާފައިވާ އިދާރާއަށް ކަމުގައި ވުމުން ކަމަށް ފިގުހުވެރީން ވިދާޅުވާކަން ފާހަގަކުރި އެވެ.
ޒަކާތާ ބެހޭ ޝަރުއީ އަދި އިދާރީ ކަންކަން އޮޅުންފިލުވައި ނަފުސު ހޭލުންތެރިކޮށް، ޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ ހަރުދަނާ ނިޒާމެއް ދައުލަތުން ހަމަޖައްސާފައިވާއިރު، ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ޒަކާތް ދެއްކުމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ގޮވާލާފަ އެވެ.
