ޚަބަރު

ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ބޭނުންކުރަން ފަށައިފި

. ، ދެން އޮންލައިން
މޯލްޑިވްސް ކަސްޓަމްސް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ރަސްމީކޮށް ބޭނުންކުރަން ފަށައިފި އެވެ.

Ads by MPL

ކަސްޓަމުން ބުނީ  އެ ޕްލެޓްފޯމަކީ ޝިޕިން އޭޖެންޓުންނާއި، ފްރައިޓް ފޯވާޑިންގެ ހިދުމަތްދޭ ފަރާތްތައް ރަޖިސްޓްރީވުމާއި ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހެޅުމަށްޓަކައި ލޯންޗުކުރި ޕްލެޓްފޯމެއް ކަމަށެވެ.

ކަސްޓަމުން ބުނީ އެކަން އެގޮތަށް ކުރަން ނިންމީ ފެބްރުއަރީ 2، 2025 ގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމެވި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި ބޯޑަރުގައި ހަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދެމުން ގެންދާ ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ދިނުމަށްޓަކައި ކަމަށެވެ.

އެގޮތަށް ހަމަޖެއްސި ކަމުގައިވީނަމަވެސް، ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް، 31 މެއި ވަނަ ދުވަހުގެ ނިޔަލަށް، މިހާރު ހުށަހަޅަމުންދާ ގޮތަށް ކާގޯ މެނިފެސްޓާއި "ވެސެލް އެރައިވަލް އިންފޮމޭޝަން (އީޓީއޭ)" އާގުޅޭ މައުލޫމާތު ހުށަހެޅޭނެ ކަމަށް ކަސްޓަމުން ބުންޏެވެ.

އަދި 1 ޖޫން އިން ފެށިގެން، ހިދުމަތްތައް ހޯދޭނެ ހަމައެކަނި ޕްލެޓްފޯމަކީ ޓްރޭޑިއަން ކަމަށްވާތީ، އެ ސުންގަޑީގެ ކުރިން، ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީކުރުމަށް ޝިޕިން އެޖެންޓުންނަށާއި ފްރައިޓް ފޯވަރޑިންގެ ހިދުމަތްދޭ ފަރާތްތަކުގެ ސަމާލުވުމަށް ކަސްޓަމުން ވަނީ އެދިފަ އެވެ.

ޓްރޭޑިއަން ޕޯޓަލްގައި ރަޖިސްޓްރީވުމާއި ޕޯޓަލް މެދުވެރިކޮށް ހިދުމަތްތައް ހޯދުމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން، ޓްރޭޑިއަންގެ ސަޕޯޓް (ފޯން:3334001)އަށް ގުޅައި ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ކަސްޓަމުން އެދެ އެވެ.

Ads by Ooredoo