ޚަބަރު

ލައިސެންސް ނެތް މީހަކު ދުއްވި ޕިކަޕެއް އެއާޕޯޓް ފެންސަށް އަރައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ކުޅުދުއްފުށީ އެއާޕޯޓް ފެންސަށް އެރި ޕިކަޕު : ފޮޓޯ/ އެކްސިޑެންޓްސް އިން މޯލްޑީވްސް [އެކްސް]

ހދ. ކުޅުދުއްފުށި ސިޓީގައި ލައިސެންސް ނެތް މީހަކު ދުއްވި ޕިކަޕެއް އެ ސިޓީގެ އެއާޕޯޓުގެ ފެންސަށް އަރައިފި އެވެ.

Ads by MPL

ފުލުހުުންގެ މީޑިއާ އޮފިޝަލް "ދެން" އަށް މިއަދު ވިދާޅުވީ ކުޅުދުއްފުށީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލް ނުވެގެން ގޮސް އެއާޕޯޓް ފެންސު (ޓާމިނަލް ކައިރިން އިރަށްގޮސް ކުޅި ކައިރިން ލަނބާލާ ކަންމަތި) ގައި ޖެހި ރޭ 11:41 ހާއިރު އެކްސިޑެންޓެއްވެގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށެވެ. އެއާޕޯޓް ފެންސުން ގާތްގަނޑަކަށް 75 ފޫޓް އެކްސިޑެންޓުވި ދިމާލުން ފެންސު އަރިއަޅާލާފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެކްސިޑެންޓުވީ ޕިކަޕް ދުއްވަން އިނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އެއީ އެ ކެޓަގަރީގެ ލައިސެންސެއް އޮންނަ މީހެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.

އޮފިޝަލް ވިދާޅުވީ އެކްސިޑެންޓާ ގުޅިގެން ޕިކަޕް ޓޯކޮށް މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.

މި އަހަރުގެ ޖެނުއަރީ މަހު 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ދުއްވި ޕިކަޕެއް ކުޅުދުއްފުށި އެއާޕޯޓް ފެންސަށް އެރި އެވެ. އެ އެކްސިޑެންޓުގައި ހިމެނޭ ޕިކަޕް ފުލުހުން ވަނީ ޓޯކޮށްފަ އެވެ.