ޚަބަރު ރައްޔިތުންގެ މަޖިލިސް

ހެކިވެރިޔާ ސޮއިކުރަނީ މައުލޫމާތު ޔަގީންކޮށްފައި، ފޯމު ފުރި މީހާ އެ ތަނުގައި ހުންނާކަށް ނުޖެހޭ: އިހްސާން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ހޯމްލޭންޑް މިނިސްޓަރު އިހްސާން ވާހަކަ ދައްކަވަނީ / ފޮޓޯ:މަޖިލިސް

ސިޔާސީ ޕާޓީއަށް ވަންނަން އެދި ފުރާ ފޯމުގައި ހެކިވެރިން ސޮއިކުރަނީ އޭގައި ހުންނަ މައުލޫމާތު ޔަގީންކޮށްފައި ކަމަށާއި އެކަން ކުރާއިރު ފޯމު ފުރި މީހާ އެ ތަނުގައި ކޮންމެހެން ހާޒިރުވެ ހުންނަން ނުޖެހޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިނިސްޓަރު އިހްސާން ރައްޔިތުންގެ މަޖިލިހަށް ހާޒިރުކޮށްފައި ވަނީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބު ދެއްވުމަށެވެ.

މީކާއީލުގެ ސުވާލަކީ، ހޯމްލޭންޑް މިނިސްްޓްރީގެ ދަށުން ހިންގަމުންދާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާބޭސް ބޭނުންކޮށްގެން މީހުންގެ ޝަހްސު އޮޅުވާލައި، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއަށް މެމްބަޝިޕް ފޯމު ފުރާފައިވާކަން ހާމަވެފައިވާއިރު، މީހުންގެ ޒާތީ މައުލޫމާތު އިތުރަށް ރައްކާތެރި ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ އަދި ސައްހަ ނޫން ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ މިނިސްޓްރީގެ އިސްވެރިންނާ މެދު އެއްވެސް ފިޔަވަޅުތަކެއް އެޅިތޯ އެވެ.

ސުވާލުގެ ޖަވާބުގައި އިހްސާން ވިދާޅުވީ ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން ރައްޔިތުންގެ ޒާތީ މައުލޫމާތު ލީކުވެ، އެއްވެސް ޕާޓީއަކަށް މީހުން ވައްދާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ސަރުކާރާ ހަވާލުވެ ބެލިބެލުމުން 2014 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ބެލުމުގައި ދަށުގައި ހުރި ޑޭޓާބޭސްތައް ލީކުވެ، ސިޔާސީ ފަރާތްތަކުން އެ މައުލޫމާތުތައް ސިޔާސީ ބޭނުމަށް ބޭނުން ކުރަމުން އަންނަކަން ޔަގީންކުރެވިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މިހާތަނަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރެއްވި އެވެ. އެގޮތުން ސިސްޓަމް ތެރޭގެ އެކްސެސް ލޮގުތަކާއި އޮޑިޓެޑް ލޮގްތައް ހުރިކަން ކަށަވަރުކޮށް، ޕެނެޓްރޭޝަން ޓެސްޓެއް ހަދައި ސިސްޓަމް ޕެޗްކޮށްފައިވާނެ ކަމަށް އިހްސާން ވިދާޅުވި އެވެ.

"މިހާރު ސިސްޓަމަށް ދީފައިވާ އޭޕީއައިތަކުގައި ސިގްނޭޗާތައް އެކުލަވާލާފައިވާނެ. ފިޒިކަލީ ޑޭޓާއަަށް އެކްސެސް އޮންނަ މުވައްޒަފުންނަށް އެކްސެސް ވެވޭނީ ރަސްމީ މަސައްކަތަށް ބޭނުންވާ ވަރަށް އެކަނި ކަމަށް ވާނީ ކަށަވަރު ކުރެވިފައި،" އިހްސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރާ ހަވާލުވި ފަހުން ޑޭޓާބޭސް ކޮމްޕްރޮމައިޒްވެފައި ނެތް ކަމަށާ އަދި ކުރިއަށް އޮތްތަނުގައި ވެސް އެކަން ނުވާނެކަން ކަށަވަރު ކުރުމަށް ފިޔަވަޅުތައް އަޅާފައިވާ ކަމުގަ އެވެ.

މިނިސްޓަރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން "މޯލްޑިވްސް 2.0" ގެ ނަމުގައި އީފާސްގެ ހިދުމަތް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ސުވާލަށް ޖަވާބު ދެއްވުމުގައި އިތުބާރުނެތް ކަމަށް ބުނެ ހުށަހެޅި މައްސަލައިގައި މަޖިލިހަށް ހާޒިރުވެވަޑައިގެން ދެއްކެވި ވާހަކަތަކަށް އަލިއަޅުއްވާލެއްވުމުން އެމްޑީޕީގެ މެމްބަރުން ވަނީ މިނިސްޓަރާ އިތުރު ސުވާލުތައް ކުރައްވާފަ އެވެ. އެގޮތުން ސިޔާސީ ބައެއް މުވައްޒަފުން ޑީއެންއާރުގެ މީޓިން ރޫމުގައި ތިބެ ފޯމުތަކުގެ ހެކިންގެ ބައި ފުރިހަމަކުރިއިރު، ފޯމުގައި ސޮއިކުރި މީހާ ނެތުމުގެ މައްސަލަ ފާހަގަކުރި އެވެ.

އެ ސުވާލުތަކާ ގުޅިގެން އިހްސާން ވިދާޅުވީ މީގެކުރިން ފާހަގަކުރެއްވީ ސިޔާސީ މުވައްޒަފުން އެ ފަރާތްތަކުގެ އާއިލާ އާއި ރަހުމަތްތެރިންގެ ތެރެއިން ހޯދި ފޯމުތައް ގެނެސް، އޭގެ ހެކިވެރިޔާގެ ބައިގައި ސޮއިކުރި ވާހަކަ ކަަމަށެވެ.

"ފޯމުގައި ހެކިވެރިޔާ ސޮއި ކުރަނީ ތިމަންނާ ހެކިވަމޭ މީގައި މި ހުރި މައުލޫމާތަށް. އެ މައުލޫމާތަށް އޭނަ ހެކި ވަންޏާ ކޮންމެހެން އެ މީހާ އެތާ ކުރިމަތީ ހުންނާކަށް ނުޖެހޭ. އެހެންވީމާ މި އޮތީ ވަރަށް ބޮޑު އޮޅުމެއް. ސިޔާސީ ޕާޓީތައް ހަދައިގެން މީހުން ވައްދާތާ އެތައް އަހަރެއްވީއިރު ވެސް މިކަން ކުރާ ގޮތް މި އޮތީ ސާފުނުވެފައި،" އިހްސާން ވިދާޅުވި އެވެ.

މިނިސްޓަރުގެ ޖަވާބާ ގުޅިގެން ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) ވަނީ "މިހާރު ވެސް އަޅުގަނޑު އަތުގައި ފޯމު އެބައޮތް. އެ ފޯމުގައި ލިޔެފައި މި އޮންނަނީ ސިޔާސީ ޕާޓީގެ މެމްބަރަކަށް ވުމަށް އެދި ސޮއިކޮށްފައި ވަނީ އަޅުގަނޑުގެ ހާޒިރުގައި،" ފޯމުގެ އިގުރާރުގައިވާ އިބާރާތް ވިދާޅުވެ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި އިހްސާން ވިދާޅުވި ގޮތުގައި މެމްބަރުންނަށް އޭނާ ދެއްކެވި ވާހަކަ ސާފުނުވާ ކަމުގަ އެވެ. ޕާޓީއެއްގެ މެމްބަރަކަށް ވާން އެދޭ މީހާ ފޯމުގައި ސޮއިކުރަނީ އެ ޕާޓީއަށް ނިސްބަތްވާ މީހެއްގެ ކުރިމަތީގައި ކަމުގަ އެވެ. އެކަމަށް ހެކިވާ މީހާއަށް ފަހުން ވެސް އެ ބައިގައި ސޮއިކުރެވޭނެ ކަމުގަ އެވެ.

"ފޯމުގައި އެ ފޯމުގެ ވެރި ފަރާތުން ނުވަތަ ފޯމުގެ މެމްބަރެއްގެ ގޮތުގައި ސޮއި ކުރާ މީހާ ސޮއި ކުރަން ޖެހެނީ ހާޒިރުގައި. އޭނާ ސޮއި ކުރި ކަމަށް އެ މީހާ އަމިއްލަ. ތިމަންނާއަކީ މިކަން ވެރިފައި ކުރި މީހާ އޭ ނުވަތަ ތިމަންނާއަކީ ހެކިވެރިޔާ އޭ ކިޔާފައި ސޮއިކުރާއިރު އަނެއް މީހާގެ ހާޒިރުގައި ކުރާކަށް ނުޖެހޭ،" އިހްސާން ވިދާޅުވި އެވެ.

ސައްހަ ނޫން ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ މައްސަލައިގައި ހޯމްލޭންޑް މިނިސްޓްރީގެ އެއްވެސް އިސްވެރިއަކާ ގުޅޭގޮތުން ދައުލަތުގެ އެއްވެސް އިދާރާއަކުން މިހާތަނަށް އެއްވެސް މައްސަލައެއް ފާހަގަކޮށްފައި ނުވާ ކަމަށް އިހްސާން ވިދާޅުވި އެވެ.

"އެކަން އަޅުގަނޑުމެންނަށް އަންގާ ދުވަހަކީ އެއީ ކޮންމެ މުވައްޒަފެއް ވިޔަސް، އިސްތިސްނާއެއް ނުކޮށް އެ މުވައްޒަފަކާ ދޭތެރޭ އަޅާނެ ފިޔަވަޅު އަޅުގަނޑުމެން އަޅާނެ ދުވަސް،" އިހްސާން ފާހަަގަކުރެއްވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!