ޚަބަރު

ކުޑަގިރީގައި ކެފޭއެއް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކުޑަގިރި

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން، މަސައްކަތު މާހައުލުން ދުރަށް ޖެހިލައި ޕިކްނިކް ގޮސް މަޖާކޮށްލުމަށް ތައްޔާރުކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑުގައި ކެފޭއެއް ހިންގައިދޭނެ ބަޔަކު ހޯދަން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފި އެވެ.

Ads by STELCO

އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި އެ ރަށުގައި ކެފޭއެއް ހެދުމަށް 308,342ރ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އިއުލާނުގައި ބުނީ  ފުރަތަމަ އަހަރަށް ކުއްޔަށް ދޫކުރާނީ އަކަފޫޓަކުން އަކަފޫޓަކަށް 15ރ ރޭޓުން ކަމަށެވެ. އިންވެސްޓްމަންޓް ކޮސްޓް ގުނަނީ އަކަފޫޓަކަށް 200 ރުފިޔާގެ ރޭޓުން ކަމަށް އެޗްޑީސީން ބުންޏެވެ.

ބިޑުގެ ޕްރީ ޕްރޮޕޯސަލް މީޓިން އޮންނާނީ އޭޕްރީލް 27 ވަނަ ދުވަހު ޒޫމް މެދުވެރިކޮށެވެ. އަދި ޕްރޮޕޯސަލް އަށް ހުޅުވާލާނީ 13 މޭގަ އެވެ.

އެޗްޑީސީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި ދެ އަހަރުގެ ތެރޭގައި ޖުމްލަ 54،724 މީހުން ވަނީ ކުޑަގިރިއަށް ޒިޔާރާތްކޮށްފައެވެ. އަދި ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކަށް އެރަށުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ކަސްޓަމަރު ސެޓިސްފެކްޝަން ހުރީ 70 އިން މަތީގަ އެވެ.

ޒަމާނީ ވަސީލަތްކާއި، ދަތުރު ގޮސް ކުރާނެ ގިނަ ކަންތައްތަކެއް ކުޑަގިރީގައި މިހާރުވެސް ހުރި ނަމަވެސް، ދެ އަހަރު ފުރުނުއިރު، އެ ރަށުން ދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅު ކުރުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެ ގޮތުން، ކުޑަގިރިއަށް ދަތުރު ދިއުމާއި، އެ ތަނުގެ ވަސީލަތްތައް ބުކް ކުރުން ފަސޭހަ ކުރުމަށް މިއަދު ވަނީ ހުޅުމާލޭގައި ކުޑަގިރީގެ އިންފޮމޭޝަން ކައުންޓަރެއް ހުޅުވައިފަ އެވެ. މި ކައުންޓަރުން ކުޑަގިރިއާބެހޭ މައުލޫމާތު ހޯދުމުގެ އިތުރުން، ދަތުރު ދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުން ވަރަށް ބޮޑަށް ފަސޭހަވާނެ އެވެ.

އޭގެ އިތުރުން، ރާއްޖެއަށް ފަތުރުވެރިން ޝައުގުވެރި ކުރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވެ، ކުޑަގިރީގައި ހާއްސަ ޑައިވް ސައިޓެއް ހެދުމަށްވެސް ވަނީ ނިންމާފައެވެ. މިއީ، އެޗްޑީސީއާއި އެމްއެމްޕީއާރްސީ އަދި އެމްޓީސީސީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

Ads by HDC