ޚަބަރު

ޝަމްއާން ފްރޭމްކުރިކަމަށް ބުނެ މިނިސްޓަރު އިހުސާންއަށް ބޮޑެތި ތުހުމަތުތަކެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޝަމްއާން މިނިސްޓަރު އިހުސާންއާއެކު-- ފޮޓޯ/ އިމިގްރޭޝަން

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ފްރޭމްކޮށްފައިވާ ކަމަށް ބުނެ ޝަމްއާންގެ އާއިލާއިން ހޯމް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށްފި އެވެ.

Ads by STELCO

ބިދޭސީންގެ އަތުން ނާޖާއިޒް ފައިދާ ނެގިކަމަށް ބުނެ ޝަމްއާން ހައްޔަރުކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން ޝަމްއާން ވަނީ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުންވެސް ވަކިކޮށްފައިވާ އިރު އޭނާ މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ޝަމްއާންގެ އާއިލާއިން މިއަދު ނެރު ބަޔާނުގައި ބުނީ ޝަމްއާން މަގާމުން ވަކިކުރީ މިނިސްޓަރު އަލީ އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ބިރަށް މައްސަލަތަކަށް ފަސް އެޅުމުގެ ގޮތުން ކަމަށެވެ.

އެ ގޮތުން ޝަމްއާން މަގާމުން ވަކިކުރީ މިނިސްޓަރު އިހުސާންއާ ގުޅުން އޮންނަ ބަނގުލަދޭޝްގެ ރައްޔިތަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވުނު ދުވަހާ ޖެހިގެން ކަމަށާއި އަދި އެ ބިދޭސީ މީހާ އިމިގްރޭޝަންގެ ބަންދުގައި ހުރި އިރު އިހުސާން ޝަމްއާންއަށް ގުޅައި ބިދޭސީ މީހާގެ ފޯނު ވަކި ފުލަހަކާ ހަވާލުކުރުމަށް އެދުނުކަމަށް ވެސް ބަޔާނުގައި ތުހުމަތުކޮށްފައި ވެއެވެ.

"އެ ބިދޭސީ މީހާއަކީ މިނިސްޓަރު އިހުސާންއާ ގުޅުން އޮތުމުގެ އިތުރަށް މިނިސްޓްރީން ހިންގާފައިވާ ގިނަ ކޮރަޕްޝަންތަކެއްގެ މުއާމަލާތްތަކުގައި ބައިވެރިވެފައިވާ ބިދޭސީއެއް ކަމަށް ޝަމްއާންއަށް މައުލޫމާތު ލިބިފައި ވެއެވެ" އާއިލާގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޝަމްއާން ވަޒީފާއިން ދުރުކުރަން މިނިސްޓަރު އިހުސާން މަސައްކަތް ފެށި އިތުރު ސަބަބަކީ ޝަމްއާންގެ އަތުގައި މިނިސްޓަރު އިހުސާންގެ ވީޑިއޯއެއް އޮތްކަމުގެ މައުލޫމާތު އިިހުސާންއަށް ލިބުމުން ކަމަށް ވެސް އާއިލާއިން ތުހުމަތުކޮށްފައި ވެއެވެ.

"އަދި ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތުތެއްގެ މައްޗަށް ބިނާކޮށް ސައްހަ ނޫން ހެކިތައް ވުޖޫދުކޮށް ޝަމްއާން ހައްޔަރުކޮށް "ވާނުވާ" ޖަހާފައިވަނީ ސިޔާސީ އަދި ޒާތީ ހަސަދަވެރިކަމެއްގެ ސަބަބުން ނެވެ"ޝަމްއާންގެ އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައި ވެެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އިހުސާނާ މި ސުވާލުތައް އަމާޒުވުމުން އިހުސާން ވަނީ ޝަމްއާން ފްރޭމް ކުރި ކަމަށް އިންކާރު ކުރައްވައިފަ އެވެ. އަދި ޝަމްއާނާ ދެމެދު ޒާތީ މައްސަލަތަކެއް ނުޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި ޝަމްއާން ހައްޔަރުކުރީ ގާނޫނާ ހިލާފުވުމުން ކަމަށާއި އަދި ވަކި މީހަކަށް ގާނޫނުން ފިޔަވަޅު އެޅުން އިސްތިސްނާ ނުކުރައްވާނެ ކަމަށެވެ.

ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަނުގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު 530،000 ރުފިޔާ ދިނުމުން ދޫކޮށްލީ ޝަމްއާނުގެ އަމުރަކަށް ކަމަށް ތުހުމަތުކޮށެވެ. ބިދޭސީ މީހާ ދޫކޮށްލުމަށް ފަހު، އޮޕަރޭޝަން ހިންގި އޮފިސަރުން މަގުމަތިން ބިދޭސީ މީހާ އާ ބައްދަލުކޮށް އެ ފައިސާ ޝަމްއާނުގެ ގެއަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ތުހުމަތުކުރެ އެވެ.