ޚަބަރު

އިމާރާތުން ވެއްޓުނު ޒުވާނާ އާއެކު އުޅުނު މީހުންގެ ޕާސްޕޯޓު ހިފަހައްޓައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޕޮލިހުން މީގެކުރިން ބޭއްވި ޕްރެސްއެއްގައި ކޮމިޝަނަރު އަލީ ޝުޖާއު (މ) / ފޮޓޯ:ޕޮލިސް

މާލޭގެ ހެންވޭރުގައި ހުންނަ ގެއަކުން ގުދަނެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލަ އާ ގުޅިގެން އޭނާ އާއެކު އެ ރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ މީހުން ރާއްޖެއިން ފުރުން މަނާކޮށްފި އެވެ.

Ads by MPL

ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮތްވާ ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. އޭނާގެ ހާލު ދެރަވެގެން ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު، މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ.

އިމާރާތުން ޒުވާނާ ވެއްޓުނު ގޮތާއި މައްސަލައިގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކަމާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ އެކު ޒުވާނާއަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޒުވާނުންނާއި އާންމުންގެ ގިނަ ބަޔަކު މަޖީދީ މަގުގައި ހުންނަ ފުލުހުންގެ ސާޖެންޓް އާދަމް ހަލީމް ބިލްޑިން ކުރިމަތީގައި ރޭ ވަނީ އިހުތިޖާޖުކޮށްފަ އެވެ.

މައްސަލައިގެ ތަހުގީގުގެ މައުލޫމާތު ދިނުމަށް އިސްކަންދަރު ބިލްޑިންގައި ކުރިއަށްދާ ޕްރެސް ކޮންފަރެސްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ފުރާޅެއްގެ މައްޗަށް މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 7:30 ހާއިރު ކަމަށެވެ. އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ހޮސްޕިޓަލަށް ގެންދެވުނީ 8:00 ހާއިރު ކަމަށެވެ. ވެއްޓިފައި އޮތީ ކާކުކަން ދެނެގަތުމަށް ވަގުތުތަކެއް ނެގިކަން ފާހަގަކުރެއްވި އެވެ.

އެ ޒުވާނާ ވެއްޓިފައި އޮތް ފުރާޅަށް މީހަކު ވެއްޓޭނީ ކޮން އިމާރާތަކުންތޯ ބަލައި، ޖެހިގެން ހުރި ގޭގެ ފުޓޭޖުތައް ހޯދައިގެން ބަލާފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެ ފުޓޭޖުތަކުން ޒުވާނާ އާއި ރައުދު އަހްމަދު ޒިލާލް (21އ) އެ ގޭގެ ތެރޭގައި އުޅޭ މަންޒަރު ފެނިފައިވާ ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި މައްސަލަ އާ ގުޅިގެން ރައުދު ހައްޔަރުކޮށްފައި ނުވި ނަމަވެސް، އޭނާގެ ފޯނާއި ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމުގަ އެވެ.

ކަމާ ގުޅުންހުރި ހޯދުންތަކުން އެ މީހުން އިތުރު ހަތް މީހަކާ އެކު އެ ރޭ 12:00 ހާއިރު، މއ. މާންދޫގޭދެކުނުގެއަށް ވަންނަ މަންޒަރު ފެނިފައިވާ ކަމުގަ އެވެ. އެ އެންމެން ދެނެގަނެ، ބަޔާން ނަގާފައިވާ ކަމުގަ އެވެ. އަދި އެ މީހުން ރާއްޖެއިން ފުރުން މަނާކޮށްފައިވާ ކަަމުގަ އެވެ.

އެ މީހުން އެ ރޭ ވަދެފައިވާ ގެތައް ފާސްކުރުމުގެ އަމުރު މިހާރު ލިބިފައިވާ ކަމަށާ އަދި އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި އިމާރާތުން ވެއްޓުނު ޒުވާނާ އާއެކު އުޅުނު މީހުންނާ އަދި މާންދޫގޭދެކުނުގެއަށް ވަންނަ މަންޒަރު ފެނިފައިވާ މީހުންނާ އޮތް ގުޅުމާއި އޭގެ ކުރިން ކަންކަން ހިނގާފައިވާ ގޮތް ދެނެގަތުމަށް ވަކި ތަހުގީގެއް ކުރަން ޖެހޭ ކަމުގަ އެވެ. އެކަން ފުލުހުން ކުރަމުންދާކަން ވެސް ފާހަަގަކުރެއްވި އެވެ.

މައްސަލަ އާ ގުޅިގެން ނުފޫޒު އޮތް ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވައި ޕޮލިސް ކޮމިޝަނަރު ވަނީ މައްސަލައިގެ ތަހުގީގުގައި ތަފާތު ކުރުމެެއް ނުގެންގުޅޭ ކަމަށެވެ.