ޚަބަރު

ކޮންމެ އަގަކީ ފައިސާއިން ލިބޭ އަގެއް ނޫން، ގާލް ގައިޑްސްއިން އިންސާނީ ކަރާމާތުގެ އަގު ދަސްވޭ: ފަސްޓް ލޭޑީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގައި ފަސްޓް ލޭޑީ އަދި ޗީފް ގައިޑް، ސާޖިދާ ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

ގާލް ގައިޑްސް ހަރަކާތް ބުނެދެނީ ކޮންމެ އަގަކީ ފައިސާއިން ލިބޭ އަގެއް ނޫން ކަމަށާއި މި ހަރަކާތުން އިންސާނީ ކަރާމާތުގެ އަގުގެ މަތިވެރިކަން ދަސްކޮށްދޭ ކަމަށް ރައީސްގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

Ads by MPL

ޗީފް ގައިޑް އެހެން ވިދާޅުވީ މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނުގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސެންޓަ ފޮ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޗީފް ގައިޑް ވިދާޅުވީ ގާލް ގައިޑްސް ހަރަކާތަކީ ދިވެހީންގެ ދިރިއުޅުމުގެ ތެރޭގައި އޮތް ރަނގަޅު އިޖުތިމާއީ އެތައް ސިފަތަކެއް ރަސްމީ ގޮތެއްގައި ދަމަހައްޓައިދޭ ވިޔުގައެއް ކަމަށާއި ދިވެހީންގެ ރީތި ސަގާފަތާއި އާދަކާދައަށް ދިރުންދޭ ބައިވެރިއެއް ކަމަށެވެ.

މި ހަރަކާތަކީ ކޮންމެ މުޖުތަމައަކަށް ވެސް ބޭނުންތެރި މުހިންމު ހަރަކާތެއް ކަމުގައި ފާހަގަކުރައްވައި ގާލް ގައިޑްސް ހަރަކާތަކީ އިސްނެގުމާއި ޒިންމާދާރުވުމާ އަދި އިންސާނީ ކުލުނުވެރިކަމުގެ މަދަރުސާއެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ. އަދި ގާލް ގައިޑްސް ހަރަކާތް ބުނެދެނީ ކޮންމެ އަގަކީ ފައިސާއިން ލިބޭ އަގެއް ނޫން ކަމަށާއި މި ހަރަކާތުން އިންސާނީ ކަރާމާތުގެ އަގުގެ މަތިވެރިކަން ދަސްކޮށްދޭކަން ފާހަގަކުރެއްވި އެވެ.

ޗީފް ގައިޑް ވިދާޅުވި ގޮތުގައި ގާލް ގައިޑްސް ހަރަކާތުން ދޭދޭ ގުޅުންތަކުގެ އަގު ވަޒަންކުރަން އުނގަންނައިދޭ ކަމުގަ އެވެ. އޭގެ އިތުރުން ވާޖިބު އަދާކުރުމާއި މަސްއޫލިއްޔަތު އުފުލުމުގައި އަވަދިނެތިވުމަކީ ކިހާވަރެއްގެ އުފަލެއްކަން މި ހަރަކާތުން އިހުސާސްކޮށްދޭ ކަމުގަ އެވެ.

ޖަލްސާގައި އެކަމަނާ ވަނީ ގައުމު ބިނާކުރުމުގައި އަންހެނުންގެ ދައުރުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފަ އެވެ. ވިދާޅުވީ އަންހެނުންގެ ފުރިހަމަ ބައިވެރިވުން ނެތި ގައުމެއް ބިނާކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަންހެނުންގެ ފުރިހަމަ ބައިވެރިވުން ނެތި ގައުމެއް ބިނާކުރުމަކީ ކުރެވޭނެ ކަމެއް ނޫން. އަންހެނުންގެ ހަގީގީ ދައުރާ ނުލައި މުޖުތަމައެއް އިސްލާހުކުރުމަކީ ވެސް، އެއް ގޮތަކަށް ވެސް ކާމިޔާބު ކުރެވޭނެ ކަމެއް ނޫން،" ޗީފް ގައިޑް ވިދާޅުވި އެވެ.

ޗީފް ގައިޑް ވަނީ އަންހެނުން ދީނީ ގޮތުން ހޭލުންތެރި ދީންވެރި ބަޔަކަށް ވުމަށް ބާރުއަޅުއްވައި ވާހަކަ ދައްކަވާފަ އެވެ. އަދި އަންހެނުން ގައުމީ ރޫހު ދިރުވާ ބަޔަކަށް ވުމަށާއި ޒަމާނުގެ އިލްމުތަކާ ފަންނުތަކަށް ލޯހުޅުވިފައިވާ، އެ ކަންކަމަށް އަހުލުވެރި ބަޔަކަށް ވުމަށް ބާރުއެޅުއްވި އެވެ. އޭގެ އިތުރުން އިސްނަގައިގެން ހަރަކާތްތެރިވެ، އިސްރޯލެއް މުޖުތަމައުގައި އަންހެނުން އަދާކުރުން މުހިންމު ކަމުގައި އެކަމަނާ ވިދާޅުވި އެވެ.

ޖަލްސާގައި ޗީފް ގައިޑް، ސާޖިދާ ވަނީ މޯލްޑިވްސް ގާލް ގައިޑްސްގެ ވެބްސައިޓް އިފުތިތާހު ކޮށްދެއްވާފަ އެވެ. އަދި ގާލް ގައިޑްސް އެސޯސިއޭޝަނަށް 20 އަހަރާއި 25 އަހަރުގެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ފަރާތްތަކަށް ސެޓްފިކެޓާއި ބެޖު ހަވާލުކޮށްދެވި އެވެ.

އޭގެ އިތުރުން ޗީފް ގައިޑް ވަނީ ޗީފް ކޮމިޝަނަރާއި ޑެޕިއުޓީ ޗީފް ކޮމިޝަނަރު، އެ ފަރާތްތަކުގެ ޓާމް ނިންމެވުމާ ގުޅިގެން ދެއްވާ ސެޓްފިކެޓް، ބެޖް އަދި ސްކާފް ހަވާލު ކޮށްދެއްވާފަ އެވެ. އަދި އަލަށް ޗީފް ކޮމިޝަނަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އާއިޝަތު ނަޝީދާއަށް ޗީފް ގައިޑް ވަނީ ސެޓްފިކެޓް ހަވާލު ކޮށްދެއްވާފަ އެވެ.

Ads by Allied Insurance