ހިމާޔަތްކޮށްފައިވާ ނެލިވަރު ފިނޮޅަށް ވަނުމުން ސޮނޭވާ ފުށި 448،375ރ. އިން ޖޫރިމަނާކޮށްފި

ހިމާޔަތްކޮށްފައިވާ ބ. ނެލިވަރު ފިނޮޅަށް ސޮނޭވާ ފުށި ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ޓޫރިސްޓުންނާ އެކު، ގޮސް އެ ތަނުގައި ގަވާއިދާ ހިލާފު އަމަލުތަކެއް ހިންގި މައްސަލައިގައި 448،375 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ސޮނެވާ ފުށީގެ މުވައްޒަފުންތަކެއް ޓޫރިސްޓުންނާ އެކު ޖުމްލަ 10 މީހުން ނެލިވަރު ސަރަހައްދަށް އިރުއޮއްސި 6 ގެ ފަހުން ވަދެފައިވާ ކަމަށެވެ. އެ ސަރަހައްދަށް އެ މީހުން ވަދެފައި ވަނީ ބ. އަތޮޅު ބަޔޯސްފިއާ ރިޒާވް އޮފީހުގެ ހުއްދަ ނުހޯދާ ކަމަށެވެ.
ނެލިވަރު ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދަށް ވަދެ އުޅުމުގައި ގަވާއިދާ ހިލާފު އަމަލުތަކެއް ކުރިއަށް ގެންގޮސްފި ނަމަ، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ފިޔަވަޅު އަޅާނެކަން ބަޔާންކޮށް ސޮނެވާ ފުއްޓަށް މިދިޔަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހު ސިޓީއެއް ފޮނުވާފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.
އީޕީއޭއިން ބުނި ގޮތުގައި އެ ރިސޯޓުގެ މުވައްޒަފުން އެ ސަރަހައްދުގައި ކުރުން މަނާކޮށްފައިވާ ކަންކަމުގެ ތެރެއިން އަލިވާ ގޮތަށް އެ ސަރަހައްދު ދިއްލައި، ތަނުގެ ދިރުންތަކާއި އާދަކާދައަށް ބުރޫއަރާ ގޮތަށް އަޑުގަދަވާ ފަދައިން އަމަލުކޮށްފައިވާ ކަމުގަ އެވެ. އޭގެ އިތުރުން އަލިފާން ރޯކުރުމާއި ގެންގުޅެފައިވާކަން ފާހަގަކުރެވިފައިވާ ކަމުގަ އެވެ. އެ ކަންކަމަށް އެ މީހުން އިއުތިރާފުވެފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
އީޕީއޭއިން ބުނީ ބަޔޯސްފިއާ ރިޒާވް އޮފީހުގެ މަންދޫބުންނާއި ފުލުހުން އެ ދުވަހު ނެލިވަރަށް ގޮސް، ސޮނެވާ ފުށީގެ މުވައްޒަފުން ޓޫރިސްޓުންނާ އެކު، އެ ސަރަހައްދު ދޫކޮށްދިއުމަށް އެންގި އެންގުމާ ހިލާފުވެ، އެ ފަރާތްތަކަށް އެއްބާރުލުން ދީފައި ނުވާ ކަމަށެވެ.
"...23 އޭޕްރީލް 2025 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދެންނެވުނު ޖޫރިމަނާއަށްވާ ފައިސާ ބަނޑޭރި ޕޭ މެދުވެރިކޮށް މި އެޖެންސީއަށް ދައްކައި ހަލާސްކޮށްދެއްވުމަށް އެ ފަރާތަށް ވާނީ ދަންނަވާފަ އެވެ." ބަޔާނުގައިވެ އެވެ.
