ދެ ފަނޑިޔާރުން ވަކިކުރަން ގޮތެއް ނިންމާ ޖަލްސާ މިރޭ ނެތް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ގޮތެއް ނިންމަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރެއަށް ތާވަލުކުރި ޖަލްސާ މިރެއަށް ނުބާއްވަން ނިންމައިފި އެވެ.
މިރޭ ޖަލްސާ ނެތް ކަން "ދެން" އަށް ކަށަވަރުވެފައިވެ އެވެ. ނަމަވެސް ޖަލްސާ ކެންސަލްކުރި ސަބަބެއް ނޭނގެ އެވެ. އެ ޖަލްސާ ފުރަތަމަ ތާވަލުކުރީ މިރޭ 8 ޖަހާއިރު ފަށާ ގޮތަށެވެ.
އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލަރަކުން ހައްޔަރުކުރި ދުވަހު އޭނާގެ ބަންދު މަޖިލީހަށް މަހާޒު މެދުވެރިކޮށް އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ސުލޫކީ މައްސަލައެއް ބެލުމަށް ފަހު ދެ ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށް އެ މައްސަލަ ބެލި ތަހުގީގު ކޮމިޓީން ނިންމި އެވެ.
މިރޭ ތާވަލުކުރީ ތަހުގީގު ކޮމިޓީގެ ރިޕޯޓްއާއި ރިޕޯޓަށް ފަނޑިޔާރުން ފޮނުވި ޖަވާބު ދިރާސާކުރުމަށް ފަހު އެ ކަމުގައި ކޮމިޝަންގެ މެންބަރުން ގޮތެއް ނިންމުމެވެ.
ސުލޫކީ މައްސަލަަތަކެއް ފެންމަތިކޮށް އަޒްމިރަލްދާއާއި މަހާޒް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުން ސުއޫދު ސަސްޕެންޑްކުރީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. ސަސްޕެންޝަންއާ ގުޅިގެން ސޫދު އިސްތިއުފާ ދެއްވި އިރު މަހާޒާއި އަޒްމިރަލްދާގެ މައްސަލަތައް ދަނީ ބަލަމުންނެވެ.
ޖޭއެސްސީން ދެން ބަލާ އެއް މައްސަލައަކީ އަޒްމިރަލްދާއާއި ފަނޑިޔާރު މަހާޒު އަދި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ބެއްލެވި މައްސަލައެއްގައި ހައި ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުއޫދު ހުތުރުބަހުން ވާހަކަ ދެއްކެވިއިރު އަނެއް ދެ ފަނޑިޔާރުން ތިއްބެވި ކަމަށް ބުނާ މައްސަލައެކެވެ.
އެއީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ހަނީފު ޖޭއެސްސީއަށް ހުށަހެޅި މައްސަލައެކެވެ. އެ މައްސަލާގައި ހައި ކޯޓުން ސުޕްރީމް ކޯޓަށް އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވެ މަހާޒު ވެސް ހަނީފާއި ހައި ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީއަށް 2022ގައި ހުށަހެޅުއްވި އެވެ. އެ މައްސަލަ ނުބެލުމަށް މި ފަހަކުން ޖޭއެސްސީން ނިންމި އެވެ.
އޭރު މަހާޒު ހުށަހެޅުއްވި މައްސަލާގައި ހިމެނޭ އެއް ފަނޑިޔާރު ކަމަށްވާ ހައި ކޯޓުގެ އޭރުގެ އިސް ފަނޑިޔާރު މުހައްމަދު ޝަހީދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފަ އެވެ. އެއީ ސުއޫދު އިސްތިއުފާ ދެއްވުމުން ސުޕްރީމް ކޯޓުގައި ހުސްވި ޖާގައަށެވެ.
އޭގެ އިތުރުން ޖޭއެސްސީން އަޒްމިރަލްދާގެ ތަހުގީގު ހިނގާ ގޮތާ ގުޅޭ އޭނާގެ ވަކީލު މެދުވެރިކޮށް ބަޔާން ނެރުއްވާ މައްސަލަވެސް ސުލޫކީ މައްސަލައެއްގެ ގޮތުަގައި ދަނީ ބަލަމުންނެވެ.
