"އިންޖީނުގެ ދުމާއި، އަޑުން ރައްޔިތުން ސަލާމަތްކުރުމަށް، ޒަމާނީ އިންޖީނުގެތައް މިދަނީ ތަރައްގީކުރަމުން"

އިންޖީނުގެ ދުމާއި، އަޑުން ރައްޔިތުން ސަލާމަތްކުރުމަށް، ޒަމާނީ އިންޖީނުގެތައް މިދަނީ ތަރައްގީކުރަމުންކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވެއްޖެއެވެ.
މުޢުނީ މިހެން ވިދާޅުވީ، ވ.ތިނަދޫގައި ސްޓެލްކޯއިން އަލަށް އެޅުމަށް ހަމަޖެހިފައިވާ އިންޖީނުގޭގެ ބިންގާ އެޅުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ އިންޖީނުގޭގެ ބިންގާ މިއަދު އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ އެވެ. ތިނަދޫގައި މިހާރު ކަރަންޓުގެ ހިދުމަތްދެމުންގެންދާ އިންޖީނުގެ އާންމުން ދިރިއުޅޭ ހިސާބެއްގައި ހުރުމުން ތިނަދޫގެ ރައްޔިތުންނަށް އަންނަނީ ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންނެވެ. އެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި އެޅުމަށް ސްޓެލްކޯއަށް ތިނަދޫއިން ބިމެއް ހަމަޖައްސާދެއްވާފަ އެވެ.
އެބިމުގައި އިމާރާތް ކުރުމަށް ނިންމާފައިވާ އިންޖީނުގޭގެ މަސައްކަތް ފެއްޓެވުމަށްޓަކައި ސްޓެލްކޯގެ އިސްވެރިން މިއަދު ތިނަދޫއަށް ވަޑައިގަތުމުން އެ ރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. ތިނަދޫ އައު އިންޖީނުގޭގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި، ތިނަދޫ އަކީ 2010 ވަނަ އަހަރު ރައްޔިތުންގެ އިންޖީނުގެތައް ސަރުކާރުން ހިންގަން ހަވާލުވާން ފެށުމާއެކު، ސްޓްލްކޯއިން ހަވާލުވި ފުރަތަމަ އިންޖީނުގެކަން ފާހަގަ ކުރައްވާ މުޣުނީ ވިދާޅުވީ، ސްޓެލްކޯއިން އެރަށާއި ހަވާލުވި އިރު ހުރީ ވަރަށް ކުޑަ އެންމެ ޖަނަރޭޓަރެއް ކަމަށެވެ.

ތިނަދޫން ސްޓެލްކޯގެ ވެރިންނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ: ފޮޓޯ: ސްޓެލްކޯ
އާޖަނަރޭޓަރުތައް ބަހައްޓައި ރައްޔިތުންގެ އެދުމާއި އެއްގޮތަށް މެދު ނުކެނޑި ކަރަންޓުގެ ހިދުމަތް އެރަށަށް ސްޓެލްކޯއިން ފޯރުކޮށްދީފައިވާނެ ކަމަށާއި، މިއަދު މި ގިރާ ކުރަނީ އާ ހަރުފަތެއްކަމަށް މުޣުނީ ވިދާޅުވިއެވެ. މީގެ އިތުރުން މުޣުނީ ވިދާޅުވީ، ސްޓެލްކޯގެ ހިދުމަތް ގުޅިފައިވަނީ އާންމު ރައްޔިތުންނާއި ވިޔަފާރި ގުޅުވައިދޭ ވަރަށް މުހިންމު ނާރެހަކަށް ކަމަށާއި، ތިނަދޫގެ އާބާދީއާއި، ރަށުގެ އިގްތިސާދު އެކަމަށް ބިނާވާ ލޯކަލް ޓުއަރިޒަމްގެ މަސައްކަތުގައި ސްޓެލްކޯގެ ދައުރު ބޮޑުކަމަށެވެ.
"ރަށްރަށުގައި ދެމުންގެންދާ ހިދުމަތްތައް ފުރިހަމަ ކުރުމަށް ޒަމާނީ ފެންވަރުގެ އިންޖީނުގެތައް ބިނާކޮށް، ވޯލްޓޭޖް ޑްރޮޕް ހައްލު ކުރުމާއި، ރައްޔިތުންނަށް އިންޖީނުގެ ދުމާއި، އަޑުން ދިމާވާ ދަތިތައް ހައްލުކުރުމަށް އެތަކެއް މަސައްކަތެއް ސްޓެލްކޯއިން މިގެންދަނީ ކުރަމުން." މުޣުނީ