ޚަބަރު ރައްޔިތުންގެ މަޖިލިސް

އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލިހަށް ހުށަހަޅައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މިނިސްޓަރު އަމީން، ކެބިނެޓް ބައްދަލުވުމަކަށް ވަޑައިގަންނަވަނީ/ ފޮޓޯ: ރައީސް އޮފީސް

މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށް، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހަޅައިފި އެވެ.

Ads by STELCO

އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނީ ވަޒީރުންގެ މަޖިލިހުގެ އެއްވެސް މެމްބަރަކު، މަގާމުގެ ހައިސިއްޔަތުން އެއިން މީހަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އެ މީހަކު އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒް މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ވަޒީރުންގެ މަޖިލިހުގެ މަސްއޫލިއްޔަތުގެ ތެރޭގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމަށެވެ.

ހިނގައިގެން އުޅޭ ހާދިސާގައި ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި އަމީން އާ އާއިލީ ގޮތުން ގުޅުންހުރި ދެ މީހަކު ހިމެނޭކަން މިނިސްޓަރުގެ އަމިއްލަ ބަހުން ވެސް އެނގި ހާމަވެފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި މައްސަލަ އާ ގުޅިގެން ފުލުހުން މިހާތަނަށް އާންމުކުރި މައުލޫމާތުތަކުން ވެސް އަމީން ދިިރިއުޅުއްވާގެ ކަމަށްވާ މއ. މާންދޫގޭ ދެކުނު ގޭގައި ހާދިސާ އާ ގުޅުންހުރި ކަންތައްތަކެއް ހިނގައިދިޔަކަން އެނގެން އޮތްކަން ފާހަގަކުރި އެވެ.

"ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މި ހާދިސާގެ މައުލޫމާތު އާންމުކުރުމުގައި ވެސް، މިނިސްޓަރުގެ ގޭގެ ނަން ހާމަކޮށްފައި ނުވުމާއި އެގެ ބަލާފާސްކުރުމަށް ހިންގުނު އޮޕަރޭޝަން ގުޅޭ މައުލޫމާތު ވެސް ސިއްރުކުރުމަށް މަސައްކަތްކޮށްފައިވާކަން އެނގެން އޮތް،" އެމްޑީޕީން ހުށަހެޅި މައްސަލައިގައިވެ އެވެ.

އެ ޕާޓީން ބުނި ގޮތުގައި އަމީންގެ އާއިލީ މަސްލަހަތު ހިމެނޭ ފަރާތްތައް ހިމާޔަތްކޮށް، އެ ފަރާތްތަކަށް ކުރިމަތިވެދާނެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހުމުގެ ޒިންމާއިން ބަރީއަކުރުމަށް، ފުލުހުން ހިންގަމުންދާ ތަހުގީގަށް މިނިސްޓަރުގެ ނުފޫޒު ފޯރުވުމަށް މަސައްކަތްކުރައްވާކަން ހާމަވާ ކަންކަން ފެންމަތިވެފައިވާ ކަމުގަ އެވެ.

އެ ކަންކަމަކީ މަގާމުގެ ހައިސިއްޔަތުން މިނިސްޓަރަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން، އަމިއްލަ މަންފާ އާއި މަސްލަހަތު ކުރިއެރުވުމަށް ހިންގޭ އަމަލުތަކެއް ކަމަށާއި އެއީ ވަޒީރުންގެ މަޖިލިހުގެ މެމްބަރަކު ކޮށްގެން ނުވާނެ ކަންތައްތައް ކަމުގައި ބަޔާންކޮށްފައިވާ ކަމުގަ އެވެ.

"އޭނާ އެ މަގާމުގައި އިތުރަށް ހުރުމަކީ، ދިވެހި ރައްޔިތުންގެ ހައްގުތައް ގެއްލި، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަމެއް ކަމަށް ގަބޫލު ކުރެވެ އެވެ." އެމްޑީޕީން ހުށަހެޅި މައްސަލައިގައިވެ އެވެ.

އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހަޅާފައި ވަނީ އެ ޕާޓީއަށް ނިސްބަތްވާ 12 މެމްބަރުންގެ ސޮޔާ އެކުގަ އެވެ.

Ads by Allied Insurance