ދުވާލަކު 600 އަށް ވުރެ ގިނަ އީމެއިލް ފޮނުވާ، އަމާޒަކީ ތިން ދުވަހުގެ ތެރޭގައި ޖަވާބު ދިނުން: ހައިދަރު

މަތީ ތައުލީމް ހާސިލުކުރާ ދަރިވަރުންގެ ކަންކަން ބަލަހައްޓަމުން ގެންދާ މިނިސްޓްރީގެ ސެކްޝަންތަކަށް ދުވާލެއްގެ މައްޗަށް 600 އަށް ވުރެ ގިނަ އީމެއިލް އާއި ސިޓީ ލިބޭ ކަމަށާއި މަސައްކަތް ކުރަމުން ދަނީ ތިން ދުވަހުގެ ތެރޭގައި ޖަވާބު ދިނުމަށް ކަމަށް ހަޔާ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު އެހެން ވިދާޅުވެފައި ވަނީ އެ މިނިސްޓްރީއަށް ދަރިވަރުން ފޮނުވާފައިވާ އީމެއިލް އަދި ސިޓީތަކަށް ޖަވާބު ދިނުން ލަސްވާކަމުގެ ކަންބޮޑުވުމާއި ޝަކުވާ، ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ ކަމަށާއި ޖަވާބު ދިނުން ލަސްވަނީ ކީއްވެ ކަމާއި އެކަން ހައްލު ކުރުމަށް އަޅާފައިވާ އަދި އަޅަމުން ގެންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ދެއްވި ޖަވާބުގަ އެވެ.
ލިޔުމުން ޖަވާބު ހޯދުމަށް އެދި މިނިސްޓަރާ އެ ސުވާލު ކުރައްވާފައި ވަނީ ހިތަދޫ މެދު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހްމަދު އަޒާން މަރުޒޫގެވެ.
އަޒާންގެ ސުވާލުގެ ޖަވާބުގައި ހައިދަރު ވިދާޅުވީ މިނިސްޓްރީގެ ސްކޮލާޝިޕް ސެކްޝަނަށާއި ލޯނު ސެކްޝަނާ އަދި ސަރުކާރުން ހަރަދުކޮށްގެން ކިޔަވައިދޭ ފުރަތަމަ ޑިގްރީ ސްކީމުގެ މަސައްކަތްތައް ބަލަހައްޓަމުން ގެންދާ ސެކްޝަންތަކަށް ދުވާލެއްގެ މައްޗަށް 600 އަށް ވުރެ ގިނަ އީމެއިލް އާއި ސިޓީ ލިބޭ ކަމަށެވެ. ބައެއް ދުވަސްވަރަށް އެ އަދަދު އެއަށް ވުރެ މައްޗަށް ވެސް ދާ ކަމަށެވެ.
ލޯނާއި ސްކޮލާޝިޕާ އަދި ފުރަތަމަ ޑިގްރީ ސްކީމުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އިތުރުވުމަކީ ލިބޭ އިންކްއަރީޒް އިތުރުވާ ކަމެއް ކަމަށެވެ. މިދިޔަ އަހަރާއި މި އަހަރު ކުރިން ރޭވިފައިވާ ވަރަށް ވުރެ ގިނަ ދަރިވަރުންނަށް ލޯނު ހަމަޖެއްސުމުން ދަރިވަރުންނާ ކުރަން ޖެހުނު މުއާމަލާތްތައް ވަރަށް ބޮޑު ތަނުން އިތުރުވެފައިވާކަން ފާހަގަކުރެއްވި އެވެ.
"ސޯޝަލް މީޑިއާގަޔާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ސަރުކާރުން އެހާ ގިނަ ދަރިވަރުންނަށް ފައިސާ ނުދެވޭނެ ކަމަށް ދެކެވެމުން ދިޔަ ވާހަކަތަކާ ގުޅިގެންނާ އެކު، އަދި ފައިސާ ލިބުމުގެ ކަންކަން، އެކަމަށް ހޭދަވާނެ ކަމަށް އަންދާޒާކޮށް ދަރިވަރުންނަށް މައުލޫމާތު ދީފައި އޮންނަ މުއްދަތަށް ވުރެން މާކުރު މުއްދަތެއްގެ ތެރޭގައި ފައިސާގެ ކަންކަން ހަމަޖެހިގެން ދިޔުން އެދި، އެކިއެކި ފަރާތްތައް މެދުވެރިކޮށް ފޯނުންނާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ތަކުރާރުކޮށް ސުވާލު ކުރެވެމުން ދިޔުމުން ސެކްޝަންތަކުގެ މަސައްކަތްތައް ވަރަށް ބޮޑަށް އިތުރުވެ، އެ ސެކްޝަންތަކުން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ކުރަމުން ދުވާލަކަށް ލިބެމުންދާ އީމެއިލްތަކަށް ޖަވާބު ނުދެވޭކަން ފާހަގަކުރަމެވެ." ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި ގޮތުގައި އެންމެ އިސްކަންދީގެން އެ މިނިސްޓްރީން މަސައްކަތް ކުރަމުން ގޮސްފައި ވަނީ ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ ކަންކަމަށް ކަމުގަ އެވެ. އެގޮތުން ފާއިތުވެދިޔަ އެއްވެސް އަހަރެއްގައި ދޫކޮށްފައި ނުވާ ވަރުގެ ބޮޑު އަދަދެއް މިދިޔަ އަހަރު ދޫކޮށްފައިވާ ކަމުގަ އެވެ. ދަރިވަރުންގެ ކޯސް ފީ އާއި ދިރިއުޅުމުގެ ހަރަދާ އަދި އެހެނިހެން ކަންކަމަށް 1.2 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ ސީދާ ދަރިވަރުންގެ ނަމުގައި މިދިޔަ އަހަރު ދޫކުރެވިފައިވާ ކަމުގަ އެވެ.
"ފައިސާ ދޫކުރުން އެއީ އެންމެ އިސްކަންދީގެން ކުރަމުން ގެންދާ މަސައްކަތް ނަމަވެސް މި މިނިސްޓްރީއަށް ލިބޭ ސިޓީ އާއި އީމެއިލްތަކަށް އެންމެ ގިނަ ދުވަސް ވެގެން ވެސް ހަތް ދުވަހުގެ ތެރޭގައި ޖަވާބު ދެވޭތޯ ބަލަމުން ގެންދެވުނެވެ. އަދި މިހާރު މި މިނިސްޓްރީން ޓާގެޓްކޮށް މަސައްކަތް ކުރަމުން ގެންދަނީ ތިން ދުވަހުގެ ތެރޭގައި ސިޓީ އާއި އީމެއިލްއަށް ޖަވާބުދެވެމުން ގެންދެވޭތޯ ބެލުމަށެވެ." ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވި އެވެ.
ހައިދަރު ވިދާޅުވީ ދަރިވަރުންނަށް ޖަވާބު ދިނުން އަވަސް ކުރުމަށް މިނިސްޓްރީން އިތުރު މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ދަރިވަރުންނަށް ދޭ ހިދުމަތްތައް އަވަސް ކުރުމަށް މައުލޫމާތު ބަލަހައްޓާނެ ޕޯޓަލްއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވި އެވެ.
"ދަރިވަރުންނަށް ދޭ ހިދުމަތްތައް އަވަސް ކުރުމަށް ޓަކައި ދަރިވަރުންގެ މައުލޫމާތުތައް ބަލަހައްޓާނެ ޕޯޓަލްއެއް އުފެއްދުމުގެ މަސައްކަތްތައް މިހާރު ފެށި، މި އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ބެލެހެއްޓެން ފެށުމުން، ދަރިވަރުންގެ ރިކުއެސްޓްތަކަށް ޖަވާބު ދެވުން ވަރަށް ބޮޑުތަން އަވަސްވެގެންދާނެ ކަމަށް ބެލެވެ އެވެ." ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހަކީ އެ މިނިސްޓްރީން އިއުލާނުކުރާ ސްޓޫޑެންޓް ލޯނު ސްކީމަށް ހޮވޭ ދަރިވަރުން ފައިސާއަށް އެދި ފޯމު ހުށަހަޅަން ފަށާ ދުވަސްވަރު ކަަމުގަ އެވެ. އެ ދުވަސްވަރު ފާހަގަކުރެވޭ ވަރަށް މަސައްކަތްތައް އިތުރުވާތީ އަވަހަށް ހިދުމަތް ދިނުމަށް ސަރުކާރުގެ އެހެން އޮފީސްތަކުން ވެސް މުވައްޒަފުން ގެންނަ ކަމުގަ އެވެ. އަދި އިންޓާންސްގެ ގޮތުގައި މުވައްޒަފުން ނަގައިގެން ވެސް މަސައްކަތް ކުރެވޭ ކަމުގަ އެވެ.
ދަރިވަރުންގެ ފަރާތުން އަންނަ ސުވާލުތަކަށް އަވަސްމިނުގައި ޖަވާބު ދިނުމަށް އެ މިނިސްޓްރީގައި ކޯލް ސެންޓަރެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފާހަގަކުރެއްވި އެވެ.
