އެސްޓީއޯއަށް ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބުނީ 741 މިލިއަން

އެ ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގުތަކަށް ގެނައި ބަދަލުތަކާ އެކު ޖުމްލަ ފައިދާ ދަށްވެ، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 741 މިލިއަން ރުފިޔާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކޮށްފި އެވެ.
މިދިޔަ އަހަރުގެ އަހަރީ ހިސާބުތައް އެސްޓީއޯގެ ވެބްސައިޓުގައި އިއްޔެ ވަނީ އާންމުކޮށްފަ އެވެ.
އެ ކުންފުންޏަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 6 އިންސައްތައިގެ ދަށްވުމެކެވެ.
އެސްޓީއޯއިން ބުނީ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ އެކު އެ ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެވި، ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ދަށްކުރުމާ އެކު، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވެފައިވުމުން ކަމަށެވެ. އެހެންނަމަވެސް ކުންފުނީގެ އެހެން ވިޔަފާރިތައް ވަނީ ވަރުގަދަ މިސްރާބެއްގައި ދެމެހެއްޓިފައި ކަމަށެވެ.
އާމްދަނީ ދަށްވުމާ އެކު، ޖުމްލަ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައި ވަނީ 2.4 ބިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 12 އިންސައްތައިގެ ދަށްވުމެކެވެ.
އެސްޓީއޯއިން ވަނީ މިދިޔަ އަހަރު އެ ކުންފުނީގެ ހިންގުމުގެ ހަރަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 8 އިންސައްތަ ދަށްކޮށްފަ އެވެ. އެހެންނަމަވެސް ޖުމްލަ ފައިދާ ދަށްވުމާ އެކު ހިންގުމުގެ ފައިދާ ދަށްވެ، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 1.1 ބިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން އެ ކުންފުނީގެ ސާފު ފައިދާއަކީ 846 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލައިރު 15 އިންސައްތައިގެ ދަށްވުމެކެވެ.
އެސްޓީއޯއިން ބުނި ގޮތުގައި އެކަމުގެ މައިގަނޑު ސަބަބަކީ ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާ އެކު ޖުމްލަ ފައިދާ ދަށްވެފައިވުން ކަމުގަ އެވެ. ޓެކުހަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި ލިބުނީ 741 މިލިއަން ރުފިޔާ އެވެ.
