ޣައްޒާ ބަނޑަށް ޖައްސާ މައްސަލައިގައި ރާއްޖެއިން އައިސީޖޭގައި ބަޔާން ދީފި

އިސްރާއިލުން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސާފައި އޮތް މައްސަލައާ ގުޅިގެން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ މައްސަލައިގައި ރާއްޖެއިން ބަޔާން ދީފި އެވެ.
ޣައްޒާއަށް އިންސާނީ އެހީ ވެއްދުން އިސްރާއިލުން ހުއްޓުވައިފައިވާތީ އެ އެހީ ފޯރުކޮށްދިނުމަށްޓަކައި އިސްރާއީލުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އައިސީޖޭއަށް އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅުމަށް އދ. ގެ އާންމު މަޖިލީހުގެ ގަރާރަކުން 19 ޑިސެންބަރު 2024 ގައި އޮތީ ފާސްކޮށްފަ އެވެ.
އަދި އެ މައްސަލައިގައި ކުރިއަށްދާ އާއްމުކޮށް ހުޅުވާލެވިގެން ބޭއްވޭ އަޑުއެހުންތަކުގައި ބައިވެރިވެ ބަޔާނެއް ހުށަހެޅުމުގެ ފުރުސަތު ގައުމުތަކަށާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކަށްވަނީ އޮތީ ހުޅުވާލާފަ އެވެ.
އެގޮތުން އައިސީޖޭގައި މިއަދު ބޭއްވި އަޑުއެހުމުގައި ރާއްޖޭގެ ފަރާތުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ ތަމްސީލު ކުރައްވައިފަ އެވެ.
އެ އަޑުއެހުމުގައި އުޝާމް ވަނީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެއިން ކެނޑިނޭޅި ވަކާލާތުކުރާނެކަން ފާހަގަކުރައްވައި، އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވައި ލައްވާފައެވެ
.އަދި ހަމައެއާއެކު، ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ ޖަމިއްޔާ,އަންރުވާ މަނާކޮށް އެ ޖަމިއްޔާގެ މަސައްކަތްތައް ހުއްޓުވުމަށްޓަކައި އިސްރާއީލުން ގަސްދުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން އުޝާމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އުޝާމް ވަނީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އިންސާނީ ހައްގުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ދިވެހި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދޭނެކަން ފާހަގަކުރައްވާފަ އެވެ.
އަޑުއެހުމުގައި ރާއްޖެ ތަމްސީލުކުރެއްވި ބައިނަލްއަގުވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި، ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން އިސްރާއީލުގެ ޒިންމާތަކުން ރެކުމަށްޓަކައި ގައުމީ ސަލާމަތް އަދި ހަނގުރާމަވެރި ބޭނުންތެރިކަން ސަބަބެއްގެ ގޮތުގައި ދައްކަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށްކަން ފާހަގަކުރައްވައި، އިސްރާއީލާއި އަންރުވާއާ ދެމެދު ސޮއިކޮށްފައިވާ 1967 ގެ އެކްސްޗޭންޖް އޮފް ލެޓަރސް އިން އިސްރާއީލު ނިކުތުމުގެ ގާނޫނީ ނަތީޖާތަކަށް ވެސް ވަނީ އަލިއަޅުއްވައި ލައްވާފައެވެ.
